20 ޖުލައި 2017 - 06:25

އައިފާ އެވޯޑު އިވެންޓުގައި ކަރަން ޖޯހަރް އާއި ސައިފް އަލީ ޚާން އަދި ވަރުން ދަވަން "ނެޕޯޓިޒަމް ރޮކްސް" އޭ ކިޔާފައި ކަންގަނާ އާ ދިމާކުރުމުން ކަންތައްވީ އެމީހުން ހީކުރި ގޮތާ ހިލާފަށެވެ. އެ މީހުން ހީކުރީ ގިނަ ބަޔަކަށް މިއީ ވަރަށް މަޖާ ޖޯކަކަށް ވެގެން ހޭނެ ކަމަށެވެ. ނަމަވެސް ސޯޝަލް މީޑިއާގައި މި މީހުންނަށް ގިނަ ބަޔެއްގެ ރުޅި އާއި ނަފްރަތު އަމާޒުވެ މި މީހުން ޖޯކަކަށް ކުރި ކަންތައް ވަނީ ފަނިވެފަ އެވެ.
ގިނަ ބަޔަކު ވަނީ ކަރަން އަށް ޓުވީޓްކޮށް އޭނާ ކަންތައްކުރި ގޮތާ ހިތްހަމަނުޖެހިގެން ވަރަށް މަލާމާތްކޮށް އެއްޗެތި ގޮވާފަ އެވެ. އަދި އެ މީހުން ދެއްކި ވާހަކަތަކުން ހިނި ނާންނަ ކަމަށާއި އެއީ ޖޯކަކަށް ދައްކާ ވަރުގެ ވާހަކައެއް ނޫން ކަމަށް ވެސް ބައެއް މީހުން ބުނެފައި ވެއެވެ.
މި ވާހަކަ ދެއްކި ތިން މީހުންނަކީ ވެސް ބޮލީވުޑުގައި އެމީހުންގެ މައިންބަފައިންގެ ފަރާތުން ވާރުތަވީ މަޝްހޫރުކަމުގައި ތިބި މީހުންނެވެ. ކަރަން ޖޯހަރް އަކީ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު ޔާޝް ޖޯހަރްގެ ދަރިއެކެވެ. ސައިފް އަލީ ޚާން އަކީ ކުރީގެ މަޝްހޫރު ބަތަލާ ޝަރުމީލާ ޓޭގޯގެ ދަރިއެކެވެ. އަދި ވަރުން އަކީ މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ދަރިއެކެވެ. ނަަަމަވެސް ފިލްމު އިންޑަސްޓްރީގެ ފުންނާބު އުސް މީހުންގެ ދަރިންނަށް ވުމުން އެ ލިބޭ އެޑްވާންޓޭޖުން މި މީހުންގެ ހިތަށް ކިބުރުވެރިކަން ވަދެ އެ އިންޑަސްޓްރީ އާ ގުޅުމެއް ނެތް މީހުންނާ މެދު މާ ދަށް ބައެއްގެ ގޮތުގައި ދެކޭ ކަމަށް މި މީހުންގެ އަމަލުތައް ހުންނަ ގޮތުން ދޭހަވެ އެވެ.
ކަންގަނާ އަށް މި މީހުން މަލާމާތްކުރީ ހިންދީ ފިލްމު އިންޑަސްޓްރީގެ ނުފޫޒުގަދަ މީހުން ފިލްމީ ތަރިންގެ ދަރިންނަށް ރަނގަޅަށް ކަންތައްކޮށް އެމީހުން ކުރިއަރުވަން މަސައްކަތް ކުރާ ކަމަށާއި ކަރަން އަކީ އެކަމުގެ އެންމެ ކުރީގައި ހުންނަ މީހާ ކަމަށް ބުނެ ކަންގަނާ ދެއްކި ވާހަކައަކުންނެވެ.
ކަރަން ޖޯހަރްގެ "ކޮފީ ވިތު ކަރަން"ގެ މި އަހަރުގެ ސީޒަންގެ އެޕިސޯޑެއްގައި ބައިވެރިވި ވާހަކަ ދައްކަމުން ކަރަން އާ ދިމާލަށް ކަންގަނާ މިހެން ބުނެފައި ވެއެވެ. މީގެ ސަބަބުން ކަރަން ހިތްހަމަނުޖެހި ލިބޭ ކޮންމެ ފުރުސަތެއްގައި ކަންގަނާ އާ ދިމާކުރަމުން ދެއެވެ. ނަމަވެސް މިފަހަރު ކަންގަނާ އާ ދިމާކޮށްލުމުން ގިނަ ބަޔަކު ވަނީ އެކަމާ ވަރަށް ނުރުހިގެން ކަރަން އަށް ރުޅިގަނޑު އަމާޒުކޮށްފަ އެވެ.
އައިފާ ގައި ކަރަން އާއި ސައިފް އަދި ވަރުން ދެއްކި ވާހަކަތަކުން ގިނަ ބަޔަކު ހިތްހަމަނުޖެހުނުކަން އެނގުމުން ވަރުން ވަނީ އާންމުންގެ ކުރިމަތީގައި އެކަމަށް މައާފަށް އެދިފަ އެވެ. އަދި އެއްވެސް މީހަކު ދެރަވާވަރުގެ ވާހަކައެއް އޭނާއަށް އައިފާ އެވޯޑުގައި ދެއްކިފައިވާނަމަ އެކަމަށް މައާފަށް އެދޭ ކަމަށް ވަރުން ބުންޏެވެ.
އަދި އެންޑީޓީވީ އަށް ދިން އިންޓަވިއު އެއްގައި ކަރަން ވެސް ވަނީ އޭނާ ދެއްކި ވާހަކަތަކަށް މައާފަށް އެދިފަ އެވެ. އަދި އެއީ އޭނާގެ އަމިއްލަ ޚިޔާލަކަށް ދެއްކި ވާހަކަތަކެއް ކަމަށާއި އެކަމުގެ ޒިންމާ ފުރިހަމައަށް އޭނާ ނަގާ ކަމަށް ވެސް ކަރަން ބުންޏެވެ.
އެ ހަފުލާގައި "ނެޕޯޓިޒަމް ރޮކްސް" އޭ ބުންޏަސް ބާރާއި ނުފޫޒުގެ ބޭނުންކޮށްގެން ވަކި ބަޔަކަށް އިސްކަން ދީގެން ކަންތައްތައް ކޮށްދިނުމަކީ އޭނާ ވެސް ގަބޫލުކުރާ އުސޫލެއް ނޫން ކަމަށާއި އޭނާ ގަބޫލުކުރަނީ "ޓެލެންޓް ރޮކްސް" ނުވަތަ އެންމެ މުހިއްމު އެއްޗަކީ ހުނަރު ކަމަށް ވެސް ކަރަން ބުންޏެވެ.
ކަރަން އިތުރަށް ބުނި ގޮތުގައި އޭނާ އެމީހުން އެ ވާހަކަ ދެއްކީ ޖޯކަކަށެވެ. ނަމަވެސް އެ ވާހަކަތައް ދެކެވުނު ގޮތުން ގިނަ ބަޔަކަށް އޮޅުން އަރައި ގޯސް މާނަތަކެއް ނެގުމުގެ ސަބަބުން އެކަން ގޯހުން ގޯހަށް ދިޔައީ ކަމަށާއި އެކަމާ ދެރަވާ ކަމަށް ވެސް ކަރަން ބުންޏެވެ.
ކަރަންމެން ކުރި މަލާމާތުން ކަންގަނާ އަށް އެއްވެސް އަސަރެއް ނުކުރާ ކަމަށާއި އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން ބޭނުން ނޫން ކަމަށް ކަންގަނާ ބުނެފައި ވެއެވެ.