20 ޖުލައި 2017 - 14:46

ށ. ފުނަދޫގައި ޑޮމެސްޓިކް އެއާޕޯޓެއް ހެދުމުގެ ވާހަކަ ދައްކާތާ އެތައް އަހަރެއް ފަހުން ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ކުއްލިއަކަށް ބިން ހިއްކަން ފަށައި އެ މަސައްކަތް ކުއްލިއަކަށް މެދުކަނޑާލައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ރަށުގެ އެއާޕޯޓުގެ ބިން ހިއްކަން ގެންދިޔަ ދެ އެކްސްކަވޭޓަރު ވެސް މިހާރު ވަނީ އަނބުރާ ގެންގޮސްފަ އެވެ. ފުރަތަމަ އެކްސްކަވޭޓަރު ރަށުން ބޭލިތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. ދެ ވަނަ އެތި ރަށުން ގެންދިޔައީ މިއަދު ހެނދުނެވެ.

ފުނަދޫން ވާހަކަ ދެއްކި މީހަކު ބުނީ އެއާޕޯޓް މަސައްކަތަށް "ރަށަށް އައި ދެތިން މީހަކު" ތިބެން ކުއްޔަށް ހިފި ގެ ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. ސާމާނުތައް ގެންދިޔަ ނަމަވެސް މަސައްކަތް ހިންގަން ފޮނުވާފައި ހުރި ހަމައެކަނި މުވައްޒަފު މި ދުވަސްކޮޅު ހުންނަނީ ރައްޓެއްސެއްގެ ގޭގައި ކަމަށް ވެސް އޭނާ ބުންޏެވެ.
"މިކަހަލަ ބޮޑު މަސައްކަތެއް ފަށާއިރު އަޅުގަނޑުމެންނަށް ފެންނަނީ ސައިޓެއް ހަދައި، އެތަނުގައި ބައިވަރު ކަންކަން ހިންގާ ތަން. އެކަމަކު މިރަށުގައި އެކަހަލަ އެއްވެސް ތަނެއް ނެތް،" އެ މީހާ ބުންޏެވެ.
ފުނަދޫ އެއާޕޯޓްގެ މަސައްކަތް ކުރިއަށް ގެންދަން ހަވާލުކޮށްފައި ވަނީ ނެދަލެންޑްސްގެ ކުންފުންޏެއް ކަމަށްވާ ބްރީމަންއާ އެވެ. އެއާޕޯޓް އަޅަން 54 ހެކްޓަަރުގެ ބިން ހިއްކަން ޖެހެ އެވެ.
މަސައްކަތް މެދުކަނޑާލައި، ސާމާނުތައް ރަށުން ގެންދިޔަ ނަމަވެސް ރީޖަނަލް އެއާޕޯޓްސްގެ އިސް އޮފިޝަލަކު ވިދާޅުވީ އެ މަސައްކަތް ނުހުއްޓޭ ކަމަށެވެ. އަދި މިހާރު ކުރަމުން އަންނަނީ ބިން ހިއްކާ ސަރަހައްދުގައި ބަންޑުވޯލް ޖެހުމުގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު ކުރިއަށް ދަނީ ހިއްކާ ސަރަހައްދުގެ ބަންޑުވޯލް ޖެހުން. އެ މަސައްކަތް ނިމުމާ އެކު ހިއްކުމުގެ މަސައްކަތް ވެސް ފަށާނެ. އެތަނުގެ މަސައްކަތް މެދުނުކެނޑި ކުރިޔަށް އެބަ ދޭ،" އޮފިޝަލް ވިދާޅުވި އެވެ.
ނަމަވެސް ރަށުން ވާހަކަ ދެއްކި މީހާ ބުނި ގޮތުގައި ބަންޑުވޯލް ޖެހުން ވެސް މިހާރު ވަނީ ހުއްޓިފަ އެވެ.
ފުނަދޫ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ ބިން ހިއްކާ ސަރަހައްދުގައި "ބަޔަކު މަސައްކަތް ކުރާތާ ދޮޅު މަހެއްހާ ދުވަސް ވެއްޖެ" ކަމަށެވެ.
އެކަމަކު "މާ ރަނގަޅަކަށް އެ މަސައްކަތުގެ މައުލޫމާތު އަޅުގަނޑުމެންނަށް ނުލިބޭ" ކަމަށް އޭނާ ވިދާޅުވި އެވެ.
އެއާޕޯޓް އެޅުމަކީ ރަށުގެ ގިނަ ބައެއްގެ އުއްމީދެއް ނަމަވެސް ބިން ހިއްކުމުން ރަށުގެ ތިމާވެއްޓަށް ލިބިދާނެ ގެއްލުންތަކާ މެދު ކަންބޮޑުވާ ބަޔަކު ވެސް އުޅެ އެވެ.
"މި ރަށުގެ އެންމެ ހިތްގައިމު ސަރަހައްދު މިހާރު ވަނީ ވަރަށް ބޮޑަށް ހަލާކުކޮށްލާފައި،" ބިން ހިއްކަން ފެށުމުގެ ގޮތުން ކުރަން ފެށި މަސައްކަތަށް އިޝާރަތްކޮށް، ރަށު މީހަކު ބުންޏެވެ.
ފުނަދޫގެ އިތުރުން ހދ. ކުޅުދުއްފުށްޓާއި ފ. ނިލަންދު އާއި ގދ. މާވާރުލު އަދި ގދ. ފަރެސްމާތޮޑާގައި އެއާޕޯޓް އަޅަން ސަރުކާރުން މިދިޔަ މާޗް 7 ގައި ހަވާލުކުރީ މެލޭޝިއާގެ ގްރިފޮން އެނަޖީ ކޯޕަރޭޝަން ކިޔާ ކުންފުންޏަކާ އެވެ. އެ މަޝްރޫއުގެ އަގު 57.7 މިލިއަން ޑޮލަރު (889 މިލިއަން ރުފިޔާ) އަށް އަރަ އެވެ. އެފައިސާ ހޯދަން ސަރުކާރުން ސޮވަރިން ގެރެންޓީއެއް ވެސް ދިނެވެ.