19 ޖުލައި 2017 - 12:49

ރިޔާޒް (ޖުލައި 19) - ކުރު ހެދުމެއް ލައިގެން ސައުދީގެ ރަށެއްގެ މަގެއްގައި ހިނގާފައި ދަމުން ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާއްމުކުރި އަންހެން ކުއްޖާ ފުލުހުން ހައްޔަރުކޮށްފި އެވެ.
އަންހެން ކުއްޖާ ވަނީ ސައުދީގެ ތާރީޚީ ރަށެއް ކަމަށްވާ ނަޖްދު ޕްރޮވިންސްގެ އުޝައިގިރުގެ މަގެއްގައި އޭނާ މޮޑެލް ކުރަމުންދާ މަންޒަރު ސްނެޕްކޮށްފަ އެވެ. މި ވީޑިއޯ ފުރަތަމަ ސްނެޕްޗެޓުގައި ޝެއާކުރީ މޮޑެލް ޚުލޫދު ކިޔާ މީހެކެވެ. ބައެއް މީހުން ވަނީ ސައުދީގައި އޮންނަ ހަރުކަށި ޑްރެސް ކޯޑާ ޚިލާފުވެފައިވާތީ އޭނާ ހައްޔަރު ކުރަން ގޮވާލައިފަ އެވެ. އަނެއް ބަޔަކު ވަނީ އޭނާގެ ހިތްވަރަށް ތައުރީފް ކޮށްފަ އެވެ.
ރަސްމީ ޓީވީން ބުނީ ކުރު ހެދުންލީ އަންހެން ކުއްޖާގެ މައްސަލަ ޕްރޮސެކިއުޓަރުންނަށް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ފިރިހެން ބެލެނިވެރިއަކާ އެކު އުޝައިގިރަށް ދިޔަ ކަމަށް އެއްބަސްވެފަ އެވެ. މި މައްސަލައިގައި އަންހެން ކުއްޖާ އަށް ދައުވާ ކުރާނެތޯ ނިންމާނީ ޕްރޮސެކިއުޓަރުންނެވެ.
ރިޔާޒުގެ ފުލުހުންނާ ހަވާލާދީ ސައުދީ ނޫސްތަކުން ބުނީ ވީޑިއޯ އަޕްލޯޑް ކުރި ކަމަށް އެ އަންހެން ކުއްޖާ ދެކޮޅު ހަދާފައިވާ ކަމަށެވެ. އަދި އެ ސްނެޕް އެކައުންޓަކީ އޭނާގެ އެއްޗެއް ނޫން ކަމަށް ވެސް އަންހެން ކުއްޖާ ބުނެފައިވެ އެވެ.
ނަޖްދު ޕްރޮވިންސް އަކީ ސައުދީ ކޮންޒަވެޓިވް ސަރަހައްދެކެވެ. ޓްވިޓާގައި ޚިޔާލު ފާޅުކުރި ސައުދީގެ ބައެއް މީހުން ވަނީ އެ ޕްރޮވިންސް އަށް ވެސް ދީނީ ފުލުހުން ބޭނުންވާ ކަމަށް ބުނެފަ އެވެ.
"ކޮންމެ ގައުމެއްގެ ގާނޫނުތަކަށް ވެސް އިހްތިރާމް ކުރަން ޖެހޭނެ. ފްރާންސްގައި މޫނު ބުރުގާ އެޅުމަކީ މަނާކަމެއް. އަދި މޫނު ބުރުގާ އަޅައިފި ނަމަ ޖޫރިމަނާކުރޭ. ސައުދީގައި އަބާޔާ ލައިގެން އުޅުމަކީ އެ ގައުމުގެ ގާނޫނާ އެއްގޮތަށް އޮންނަ ކަމެއް،" ޓްވިޓާގައި މީހެއްގެ ޚިޔާލު ފާޅު ކުރި އެވެ.
ސައުދީ އަރަބިއާގައި އާއްމު ތަންތަނުގައި އަންހެނުން އުޅޭ އިރު ލައިގެން އުޅެނީ ބުރުގާއާ އެކު އަބާޔާ އެވެ. ސައުދީގައި އަންހެނުން ކާރު ދުއްވުމަކީ ވެސް މަނާކަމެކެވެ.
މިނީ ސްކާޓަކާއި ޓޮޕެއް ލައިގެން ހިނގާފައި ދިޔަ އަންހެން ކުއްޖާ ދިފާއުކޮށް ވާހަކަ ދައްކަމުންދާ މީހުން ބުނަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަނބިކަނބަލުން މެލަނިއާ އާއި ދަރިކަނބަލުން އިވަންކާ ސައުދީ އަށް ވަޑައިގެންނެވި އިރު އަބާޔާ އާއި ބުރުގާ ނާޅުއްވާ ކަމަށެވެ. އަނެއް ބަޔަކު ބުނީ އެ އަންހެން ކުއްޖާ އަކީ ބޭރު މީހެއް ނަމަ އެންމެން ވެސް ދައްކާނީ އޭނާގެ ރީތި ކަމުގެ ވާހަކަ ކަމަށެވެ. އެކަމަކު އޭނާ އަކީ ސައުދީ ކުއްޖަކަށް ވުމުން އޭނާ ހައްޔަރު ކުރަން ގޮވާލަނީ ކަމަށެވެ.