25 ޖޫން 2016 - 03:14

އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ގޮސް އުޅެނިކޮށް ދިވެއްސަކު މިރޭ މަރުވެއްޖެ އެވެ.
މައްކާގައި އުޅެނިކޮށް މަރުވީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާ އަށް ދިޔަ އުމުރުން ދުވަސްވީ އަންހެނެކެވެ.
އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ވިދާޅުވި ގޮތުގައި އުމުރުން 82 އަހަރުގެ މަރިޔަމް ހަސަން، ސޯސަންގެ، ގދ. ދެއްވަދޫ މަރުވީ މައްކާ ގަޑިން މިރޭ 11:00 (ރާއްޖެ ގަޑިން ދަންވަރު 1:00) ހާއިރު އެވެ. ސައުދީ އަށް ދިޔައިރު ވެސް އޭނާ އަށް ވަރަށް ބޮޑަށް ރޯގާ ޖެހިފައިވާ ކަމަށާއި މަދީނާ އިން މައްކާ އަށް މިއަދު އައި ފަހުން ބަލި އިތުރަށް ބޮޑުވި ކަމަށް ޔާމީން ވިދާޅުވި އެވެ.
"ހޮސްޕިޓަލަށް ގެންދަން ވެގެން އެމްބިއުލަންސަށް ގުޅި ތަނާހެން މަރުވީ،" އޭނާ ވިދާޅުވި އެވެ.
މަރިޔަމްގެ މައްޗަށް ކުރާ ކަށުނަމާދު މިރޭ ފަތިސް ނަމާދަށް ފަހު މަސްޖިދުލް ހަރަމްގައި އޮންނާނެ އެވެ.
ހައްޖު ކޯޕަރޭޝަނުން ވަނީ މި އަހަރު އުމްރާގެ ފަސް ދަތުރެއް ކުރަން ނިންމާފަ އެވެ. އެ ގޮތުން، 100 މީހުން ހިމެނޭ ދެ ވަނަ ގްރޫޕް ވަނީ މިދިޔަ ހަފުތާގައި ސައުދީ އަށް ގޮސްފަ އެވެ.