19 ޖުލައި 2017 - 12:09

ލަންޑަން (ޖުލައި 19) - ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަށް އިތުރު ދެ އަހަރުގެ އެއްބަސްވުމެއް ދިނީ ހަދިޔާއެއްގެ ގޮތުގައި ނޫން ކަމަށް އެ ޓީމުގެ ޑިރެކްޓަރު މެރީނާ ގްރަނޯވްސްކައިއާ ވިދާޅުވެއްޖެ އެވެ.
ކޮންޓޭ ވަނީ 20 މިލިއަން ޕައުންޑް މުސާރައިގެ ގޮތުގައި ލިބޭގޮތަށް ޗެލްސީގެ އެއްބަސްވުން އާ ކޮށްފަ އެވެ. ޓްރާންސްފާ މާކެޓްގައި ކޮންޓޭ ބޭނުންވާ ކުޅުންތެރިން ނުލިބޭތީ އެ ޓީމުގެ ބޯޑާއި ކޮންޓޭއާ ދެމެދު ދެބަސްވުންތަކެއް ކުރިން އުޅުނު ނަމަވެސް އެކަން ވަނީ ހައްލުކޮށްފަ އެވެ.
ގްރަނޯވްސްކައިއާ ވިދާޅުވީ ފުރަތަމަ ސީޒަނުގައި ކޮންޓޭގެ ފަރާތުން ފެނުނު މަސައްކަތް ޗެލްސީން ބަލައިގަންނަކަން މި އެއްބަސްވުމުން އެގިގެންދާ ކަމަށެވެ.
"މިއީ ހަދިޔާއެއް ނޫން. އަހަރެމެންނަށް އެނގޭ އަލަށް ޓީމަކާ ހަވާލުވެ މި ފަދަ ލީގެއް ކާމިޔާބު ކުރުމަކީ އުނދަގޫ ކަމެއްކަން. އެކަމު ކޮންޓޭ ހޯދީ ވަރަށް ފުރިހަމަ ކާމިޔާބެއް. ލީގު ކާމިޔާބު ކުރުމުގެ އިތުރުން އެފްއޭ ކަޕް ފައިނަލުން ވެސް ޖާގަ ހޯދި. ބޭނުންވަނީ ކޮންޓޭގެ މަސައްކަތް ކުރިއަށް ގެންދަން ފުރުސަތުދޭން،" ގްރަނޯވްސްކައިއާ ވިދާޅުވި އެވެ.
ކޮންޓޭ މިދިޔަ އަހަރު ޗެލްސީއާ ހަވާލުވީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިިދިޔަ މެއި މަހު ކޮންޓޭ ވަނީ ޗެލްސީގައި ދިގު މުއްދަތަކަށް މަޑުކުރަން ބޭނުން ކަމަށް ބުނެފަ އެވެ.
އާ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ކޮންޓޭ ބުނީ އޭނާގެ މަސައްކަތް ކްލަބުން ބަލައިގަތުމަކީ އިތުރަށް ކުރިއަށްދާން ލިބޭ ހިތްވަރެއް ކަމަަށެވެ.
"ފުރަތަމަ އަހަރު ވެސް ސަޕޯޓަރުންނާއި ކްލަބްގެ ވެރިން ހިތްހަމަޖެހޭ ވަރުގެ ކާމިޔާބެއް ހޯދައިދެވިއްޖެ. މިއީ އަހަރެން ވެސް ފަހުރުވެރިވާ ކާމިޔާބެއް. އާ އެއްބަސްވުމާ އެކު އިތުރަށް ކުރިއަށްދާން ހިތްވަރު ލިބިއްޖެ،" ކުރިން ޔުވެންޓަސް އަށް ކޯޗުކޮށްދިން ކޮންޓޭ ބުންޏެވެ.
ޗެލްސީން ވަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން މެންޗެސްޓާ ސިޓީން ދޫކޮށްލި އާޖެންޓީނާގެ ކީޕަރު ވިލީ ކަބަލޭރޯ އާއި ރޯމާގެ ޑިފެންޑަރު އެންޓޯނިއޯ ރުޑީގާގެ އިތުރުން މޮނާކޯގެ މިޑްފީލްޑަރު ޓިއެމް ބަކަޔޯކޯ އެ ޓީމަށް ގެނެސްފަ އެވެ. މީގެ އިތުރުން ވެސް އެހެން ކުޅުންތެރިންނަށް ޗެލްސީން އަންނަނީ ފާރަލަމުންނެވެ.