19 ޖުލައި 2017 - 12:03

ހދ. ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީ ކުރާ އިންޑިއާގެ ނިމްސް މެޑިސިޓީން މެޑިކަލް ކިޔަވައިދޭ ސެންޓަރަކާއި ޖެނެޓިކް ރިސާޗް ސެންޓަރެއް ހަދަން ދެ ރަށެއް ދީފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒައިލް ޚާންއާ ހަވާލާދީ އިންޑިއާގެ ވެބްސައިޓެއްގައި ބުނެފައި ވަނީ ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް އެ ދާއިރާ އިން ތައުލީމް ދެވޭނެ ވަސީލަތްތައް ގާއިމުކުރަން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން ރާއްޖޭގައި މޯލްޑިވްސް ސްޕޭސް ރިސާޗް އޮގަނައިޒޭޝަނެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް ވެސް އެ ވެބްސައިޓްގައި ބުނެފައިވެ އެވެ. އެ ކަމަށްޓަކައި ރާއްޖެ އިން ދެ ރަށެއް ސަރުކާރުން 50 އަހަރަށް އެ ކުންފުންޏަށް ކުއްޔަށް ދީފައިވާ ކަމަށް ވެސް އެ ވެބްސައިޓްގައި ބުނެފައިވެ އެވެ.
ފަޒައިލްއާ ހަވާލާދީ އިންޑިއާގެ ނޫހުގައި ބުނެފައި ވަނީ މެޑިކަލް ކިޔަވައިދޭ ސެންޓަރަކާއި ޖެނެޓިކް ރިސާޗް ސެންޓަރެއް ހަދަން 25 މިލިއަން ޑޮލަރު ހަރަދު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ރަށް މޯގޭޖް ކޮށްގެން ލޯނު ނަގަން ވެސް ސަރުކާރުން ހުއްދަ ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
އެ ނޫޙުގައި ބުނެފައި ވަނީ 377 މުވައްޒަފުން މަސައްކަތް ކުރާ، 70 އެނދުގެ ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ އިތުރުން އެ ދެ ރަށުގައި އޭވިއޭޝަން އެކަޑަމީއަކާއި މެރިން އިންޖިނިއަރިން ކޮލެޖެއްގެ އިތުރުން ހޮލިސްޓިކް ޓްރީޓްމަންޓް ސެންޓަރެއް ގާއިމު ކުރަން ނިންމާފައިވާ ކަމަށެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، 150 އެނދުގެ މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީކޮށް ހިންގަން ނިމްސްއާ ހަވާލު ކުރީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ.
ދިވެހިން އާއްމުކޮށް ފަރުވާ ހޯދަމުން އަންނަ ނިމްސް ހޮސްޕިޓަލް ހިންގާ، ނޫރުލް އިސްލާމް އިންޓަނޭޝަނަލް (ނިމްސް)އާ ކުޅުދުއްފުށީ ހޮސްޕިޓަލް ހަވާލުކުރީ 50 އަހަރަށެވެ.