ދޮނެއް ދީގެން ހާލުބޮޑުވި ކުއްޖަކު މަރުވެއްޖެ
ދޮނެއް ދީގެން ހާލުބޮޑުވި ކުއްޖަކު މަރުވެއްޖެ

ތުއްތު ދަރިފުޅު ދެކިލަން ދިޔަ ކޮންމެވެސް މީހަކު އެ ކުއްޖާ އަށް ދިން ދޮނެއްގެ ސަަބަބުން ފުރާނައަށް ނުރައްކާވާ ވަރުގެ ބޮޑު ބައްޔެއް ޖެހި އޭނާ މަރުވެއްޖެ އެވެ.

މަރިއަނާ ރީސް ސިފްރިޓް މަރުވީ އަންގާރަ ދުވަހު ހެނދުނު އޭނާގެ މަންމަ އާއި ބައްޕަގެ އުނގުތެރޭ އޮވެ ކަމަށް އޭނާގެ މަންމަ ނިކޯލް ސިފްރިޓް އޭނާގެ ފޭސްބުކްގައި ލިޔެފައި ވެއެވެ.

މަރިއާނާގެ ބަލި ހާލު ނޫސްތަކުގެ ސުރުހީއަށް އެރީ މަރިއާނާ ވަރުގެ ތުއްތު ކުދިންގެ މައިންބަފައިންނަށް ނިކޯލް ދިން އިންޒާރުގެ މެސެޖެއްގެ ސަބަބުންނެވެ.

އޭނާ ބުނެފައިވާ ގޮތުގައި އޭނާގެ ދަރިފުޅު މަރިއާނާގެ ފުރާނައަށް ނުރައްކާވާ ވަރުގެ ބޮޑު ބައްުޔެއް ޖެހުނީ އޭނާއަށް ގޮވާލަން ދިޔަ ކޮންމެވެސް މީހަކު ދޮނެއް ދިނުމުގެ ސަބަބުން ކަމަށެވެ. އެހެންވެ ކިތަންމެ ގާތް މީހެއް ކަމަށް ވިޔަސް ރީއްޗަށް އަތް ނުދޮވެ އެއްވެސް މީހަކު ތުއްތު ދަރިންގެ ގައިގައި އަތްލިޔަ ނުދިނުމަށް ނިކޯލް އިލްތިމާސް ކޮށްފައި ވެއެވެ. އަދި ކިރިޔާ ވެސް އަރިދަފުސް ރޯގާގެ ނިޝާނެއް ހުރިި މީހެއް ވިޔަސް ދަރިފުޅުގެ ގައިގައި އަތްލިޔަ ނުދިނުމަށް އޭނާ ވަނީ މައިންބަފައިންނަށް އިލްތިމާސް ކޮށްފަ އެވެ.

މަރިއާނާ އަށް މެނިންޖައިޓިސް އެޗްއެސްވީ-1 ޖެހިފައިވާކަން އެނގުނުއިރު އޭނާ އުފަންވިތާ ވީ އެންމެ ހަފުތާ އެކެވެ. މި ބަލި ތުއްތު މަރިއާނާއަށް ޖެހިފައިވަނީ ހާޕްސް ވައިރަސް އިންނެވެ. ނިކޯލް އާއި އޭނާގެ ފިރިމީހާ ޝޯންގެ ގައިގައި ހާޕްސް ވައިރަސް ހުރިތޯ ޓެސްޓްކުރިއިރު މި ދެ މީހުންގެ ނަތީޖާ ދެއްކީ ނެގެޓިވް ކޮށެވެ. އެހެންވެ ޑޮކްޓަރުން ވިދާޅުވީ ތުއްުތު ކުއްޖާ ދެކިލަން ދިޔަ ހާޕްސް ވައިރަސް ހުރި ކޮންމެވެސް މީހަކު އޭނާއަށް ދޮނެއް ދިނުން ކުއްޖާގެ ގަޔަށް ވައިރަސް އަރާފައި ވުމީ ވަރަށް އެެކަށީގެންވާ ކަމެއް ކަމަށެވެ. ތުންފަތުގައާއި އަނގައިގައި ހުންނަ ފާރުކޮޅުތަކަކީ ހާޕްސް ވައިރަސްގެ ސަބަބުން ނަގާފައި ހުރި އެއްޗިއްސަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ޖިންސީ ގުނަވަނުގައި ވެސް ހާޕްސް ވައިރަސް އާލާވެ އެވެ.

ތުއްތު ކުއްޖާ ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދޭން ފެށި ނަމަވެސް ދުވަހެއް ދުވަހަކަށް އޭނާގެ ހާލު ދެރަވެ ލައިފް ސަޕޯޓްގެ އެހީގައި ނޭވާ ލާން ފެށި އެވެ. އެހިސާބުން އޭނާގެ ދިރިއޮވެދާނެކަމުގެ އުންމީދު ޑޮކްޓަރުން ކަނޑާލި އެވެ. އަދި މަޑުމަޑުން އޭނާގެ އެެތެރެ ހަށީގެ ގުނަވަންތައް ފޭލްވަމުން ގޮސް އަންގާރަ ދުވަހު މަރުވީ އެވެ.

އެމެރިކާގެ އައޯވާ ސްޓޭޓްގެ ޑެސް މޮއިންސްގެ މި ދެމަފިރިން ޑަބްލިޔު އެޗް އޯ އަށް ކިޔައިދިން ގޮތުގައި ދަރިފުޅު ވިހައިގެން ގެއަށް ދިޔަތާ ހަފުތާއެއް ފަހުން ކުއްލިއަކަށް އެއްޗެއް ނުދިިރި އަދި ނުހޭލެވެން ފެށީ އެވެ. އެހެންވެ އަވަހަށް ގޮވައިގެން ޑޮކްޓަރަށް ދިއުމުން މެނިންޖައިޓިސް ޖެހިފައިވާ ކަން ޔަގީންވީ އެވެ. މި ބަލި ދަރިފުޅަށް އެރީ ހާޕްސް ވައިރަސް ހުރި މީހެއްގެ ގައިން ކަމަށް ބެލެވެ އެވެ. މިފަދަ މީހެއްގެ އަނގައިގައި ނުވަތަ ތުންފަތުގައި ފާރުގަނޑެއް ނެތިވެސް އޭނާގެ ގައިގައި ބަލީގެ ވައިރަސް ހުރެދާނެ ކަަމަށް ވެއެވެ.

"އެއްވެސް މީހަކު ދަރިފުޅަށް ދޮން ދީ ހެދިޔަ ނުދީ. އަދި އަހާފައި ނޫނީ ދަރިފުޅު އުރާލަން ވެސް ނުދީ،" ތުއްތު ދަރިފުޅުގެ މަރުން ހިތް ހަލާކުވެފައިވާ މަރިއާނާގެ މައިންބަފައިން ބުންޏެވެ.

ކެލިފޯނިއާގެ ކަލަބާސަސް ޕީޑިއެޓްރިކްސްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު ތާނިޔާ އަލްޓްމަން ވިދާޅުވި ގޮތުގައި މިފަދަ ވައިރަސްތައް ކުޑަކުދިންގެ ހަށިގަނޑަށް ވަނަސް ވަރަށް މަދު ފަހަރަކު ނޫނީ މެނިންޖައިޓިސް އެއް ނުޖެހެ އެެވެ. ނަމަވެސް ކުއްޖާގެ އުމުރުގެ ފުރަތަމަ ދެ މަސް ދުވަހު ގެންގުޅެން ޖެހޭނީ ވަރަށް ބަލައިގެން ކަމަށާއި ފުރަތަމަ ދެ މަހު ވައިރަސްތައް އިތުރުވެ ބަލި ބޮޑުވެދާނެކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.