19 ޖުލައި 2017 - 11:25

ޖެނީވާ (ޖުލައި 19) - ގަތަރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން ގެއްލުންދޭ މައްސަލަ ބައިނަލްއަގުވާމީ ކޯޓަށް ހުށަހަޅައިފާނެ ކަމުގެ އިޝާރާތެއް އެ ގައުމުގެ ޑިފެންސް މިނިސްޓަރު ޚާލިދު ބިން މުހައްމަދު އަލް އަތިއްޔާ ދެއްވައިފި އެވެ.
މި މައްސަލައިގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ. އެކަމަކު ގަތަރުން މިހާރު ވަނީ ގެއްލުމުގެ ބަދަލު ހޯދުމާ ބެހޭ ގޮތުން ގާނޫނީ ފިޔަވަޅު އެޅުމަށް ވަކީލުންގެ ޚާއްސަ ޓީމެއް އެކުލަވާލައިފަ އެވެ.
އަނެއްކޮޅުން ގަތަރާ ދެކޮޅަށް އެޅި އިގްތިސާދީ ފިޔަވަޅުތަކުން ލިބެމުންދާ ގެއްލުމުގެ ބަދަލު ހޯދުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބައިނަލްއަގުވާމީ ވިޔަފާރި ޖަމިއްޔާތަކުގެ ވެރިންނާ ގަތަރުގެ އިކޮނޮމީ މިނިސްޓަރު އަހުމަދު ބިން ޖާސިމް އަލް ސާނީ ވަނީ ޖެނީވާގައި ބައްދަލު ކުރައްވައިފަ އެވެ.
ގަތަރުން ބުނީ އެ ގައުމުގެ މާލީ ރިޒާވް ވަރުގަދަވުމާއި ގޭހުގެ އެކްސްޕޯޓަށް ބަދަލެއް އައިސްފައި ނުވާތީ އިގްތިސާދު ކުރިއަށް ގެންދެވޭނެ ކަމަށެވެ. ނަމަވެސް ގަތަރަށް ބޭނުންވާ ކާބޯތަކެތި ޖެހެނީ އެހެން ގައުމުތަކުން އިމްޕޯޓް ކުރުމަށެވެ. ސައުދީ އާއި ބަހުރޭން، ޔޫއޭއީ އަދި މިސްރުން ދަތި ކުރުމުން ގަތަރަށް ކާބޯތަކެތި ވައިގެ މަގުން އެތެރެ ކުރަނީ އީރާން އަދި ތުރުކީ ފަދަ ގައުމުތަކުންނެވެ.
ގަތަރާ ދެކޮޅަށް ފިޔަވަޅު އެޅިތާ އަށް ހަފުތާވީ އިރު ވެސް އަދިވެސް މައްސަލަ އަށް ހައްލެއް ހޯދޭނެ އަލިމަގެއް ފެންނާކަށް ނެތެވެ. މައްސަލަ ހައްލު ކުރުމުގެ މެދުވެރިއެއްގެ ރޯލު އަދާކުރަނީ ކުވޭތުންނެވެ. އެމެރިކާ އާއި ފްރާންސް ފަދަ ގައުމުތަކުން ވަނީ ހުރިހާ ގައުމުތަކެއް މަޝްވަރާ އަށް ދިއުމަށް ގޮވާލައިފަ އެވެ.