އީގަލްސް މަރުގެ މެޗަކަށް، ޓީސީ ވެސް އިންތިޒާރުގައި
އީގަލްސް މަރުގެ މެޗަކަށް، ޓީސީ ވެސް އިންތިޒާރުގައި

އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރެއްގެ ފަހު ޖާގަ ހޯދައި ޕްރިމިއާ ލީގަށް ކޮލިފައިވުމަށް ކްލަބް އީގަލްސް އިން މަރުގެ މެޗަކަށް މިއަދު ހަވީރު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުންނާނެ އެވެ.

މި މެޗުން އީގަލްސް ބަލިނުވެ ފަރުޖައްސާލައިފި ނަމަ އެ ޓީމަށް މާޒިޔާ، ނިއު ރޭޑިއަންޓް އަދި ގްރީން ސްޓްރީޓްސްއާ އެކު ޕްރިމިއާ ލީގުން ޖާގަ ލިބޭނެ އެވެ. އީގަލްސް ބަލިވެއްޖެ ނަމަ ފުރުސަތު ލިބޭނީ ޓީސީ ސްޕޯޓްސް ކްލަބަށެވެ. މެޗަށް ނުކުންނައިރު ވެސް ގްރީން ސްޓްރީޓްސް އޮތީ ޖާގައެއް ކަށަވަރުކޮށްފަ އެވެ. އެހެންކަމުން މިއަދުގެ މެޗަށް ޓީސީ ވެސް އޮތީ ވަރަށް ބޮޑު އިންތިޒާރުކޮށްގެންނެވެ.

އީގަލްސް ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ބުނީ މިއީ ލީގުގެ މެޗަކަށް ވިޔަސް މިއީ އީގަލްސް އަށް ފައިނަލެއް ކަމަށެވެ.

"ހަމައެކަނި ތަފާތަކީ އެއްވަރުވެއްޖެއްޔާ ޕެނަލްޓީ ނުޖަހާނެކަން،" ސާންތީ ބުންޏެވެ. "މިރޭ އަޅުގަނޑުމެން އެބަޖެހޭ މަދުވެގެން ޕޮއިންޓެއް ހޯދަން. އެހެންވެ ވަރަށް ބޮޑަށް އެޓޭކަށް ވިސްނައިގެން ކުޅޭނީ."

އޭނާ ބުނީ އިދިކޮޅަށް ނުކުންނަ ގްރީން ސްޓްރީޓްސް އަކީ މި ވަގުތު ޓީމެއްގެ ގޮތުގައި އެންމެ ރަނގަޅަށް ކުޅޭ ޓީމު ކަމަށާއި އެހެންކަމުން މެޗު ވަރަށް އުނދަގޫވާނެ ކަމަށެވެ. އެކަމަކު އީގަލްސްގެ ހުރިހާ ކުޅުންތެރިން ހަމައަށް ތިބުމަކީ ސާންތީ އަށް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ.

"އަބަދުވެސް ފިނިޝިންގެ މައްސަލަ އީގަލްސް އަށް ދިމާވޭ. އެ މައްސަލަ ހައްލުކުރަން އުޅޭތާ ތިން އަހަރުވެއްޖެ. އެކަމަކު ރަނގަޅު ބޮކްސް ސްޓްރައިކަރެއް ނުލިބޭ. އަލަށް ގެނައި އެންޑަސަންގެ ފަރާތުން ވެސް އެންމެ ރަނގަޅު ޕާފޯމަންސް ނުފެނިދާނެ. ގާތްގާތުގައި މެޗުތައް ކުޅެން ޖެހޭތީ ވަކި ކުޅުންތެރިއަކަށް ހާއްސަކޮށްގެން ވަކި ސެޓަޕެއް ނޯވޭ ހެދޭކަށް،" ސާޏްތީ ބުންޏެވެ. "އެކަމަކު މިރޭ މިއީ އެޓޭކަށް ވިސްނައިގެން ކުޅެން ޖެހޭ މެޗެއް. ޑިފެންސާ ދޭތެރޭ ހިތްހަމަޖެހޭ."

އީގަލްސް ވަނީ މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ ފައިނަލުގައި ވަރުގަދަ ފައިޓެއްދީ ޓީސީ 1-0 އިން ބަލިކޮށް ތަށި ހޯދައިފަ އެވެ. "ފައިނަލަކަށް" މިއަދު ހަވީރު ނުކުންނައިރު އެ މެޗުގެ ތަޖުރިބާގެ ބޭނުން ހިފިދާނެތޯ އެހުމުން ސާންތީ ބުނީ ދިވެހި ކުޅުންތެރިން ތަޖުރިބާރުގެ ބޭނުން އެންމެ ރަނގަޅަށް ހިފާތަން ނުފެންނަ ކަމަށެވެ.

"ވަރަށް މަދު ދިވެހި ޕްލެޔަރުން މިތިބީ ތަޖުރިބާ ބޭނުންކުރާ. ނޫސްވެރިންނަށް ވެސް ފެންނާނެ ވަރަށް ތަޖުރިބާކާރު ޕްލެޔަރުން އާދައިގެ މިސްޓޭކް ހަދާތަން ވެސް. ތަޖުރިބާ އަށް ބަލަންޏާ އެންމެ ރަނގަޅު ޓީމަށް ވާން ޖެހޭނީ ވިކްޓަރީ މި ސީޒަނުގައި. އެކަމަކު އެ ޓީމު ވެސް އެއޮތީ އީގަލްސް އާއި ގްރީން ސްޓްރީޓްސްއެކޭ އެއް ފައްތަރެއްގައި،" ސާންތީ ބުންޏެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް ބުނީ ރޭގެ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން މި މެޗުގައި ހަމަޖެހިލައިގެން ކުޅުމުގެ ފުރުސަތު ލިބިދާނެ ކަމަށާއި އެކަމަކު ބޭނުންވަނީ މޮޅެއް ކަމަށެވެ. ގްރީން އަށް ޖާގައެއް ކަށަވަރުވީ ރޭ ވިކްޓަރީ އަތުން ޓީސީ މޮޅުވުމުންނެވެ.

"އަޅުގަނޑުމެންގެ ސަސްޕެންޝަނުގެ މައްސަލަ ވެސް އެބަހުރި. މިރޭ (ރޭ) ވާގޮތަކުން މާދަމާ (މިއަދު ދެ ޓީމަށް ހަމަޖެހިލައިގެން ޕްރެޝަރެއް ނެތި ކުޅެލުމުގެ ފުރުސަތު އޮވެދާނެ. އެކަމަކު ކޮންމެ ޓީމެއް ވެސް ބޭނުންވަނީ އަމިއްލަ ބާރުގައި ރަނގަޅު މޮޅެއް ހޯދައިގެން ކޮލިފައިފާން. މިއީ މި އަހަރު އަޅުގަނޑުމެން ކުޅޭނެ އެންމެ މުހިއްމު 90 މިނެޓު،" ސޮބާ ބުންޏެވެ.

ގްރީންގެ އެންމެ މުހިއްމު އެއް ކުޅުންތެރިއާ ޔޫކްރޭނުގެ މިޑްފީލްޑަރު ސޮބުލް އިލިއާ ވަނީ މި މެޗަށް ސަސްޕެންޑްވެފަ އެވެ. އަދި މުހިއްމު ޑިފެންޑަރު މުހައްމަދު ސާއިފާއި އަހުމަދު ޝައްފާޒް (ސައްޕެ) އަށް ވެސް ނުކުޅެވޭނެ އެވެ.

"އީގަލްސް ފަދަ ހަލުވި ޓީމަކާ ދެކޮޅަށް ކުޅޭއިރު އިލިއާ ނެތުމަށް ވުރެ އަޅުގަނޑު ކަންބޮޑުވަނީ ސާއިފާއި ސައްޕޭ ނެތުމުން. އެއީ އަޅުގަނޑުމެން ޓެކްޓިކަލީ ގޭމް ކުޅޭއިރު ޑިފެންސުގައި ވަރަށް މުހިއްމު ދެ ކުޅުންތެރިން،" ސޮބާ ބުންޏެވެ.