18 ޖުލައި 2017 - 22:25

ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ކުނޫޒުގައި މިހާރު ބާއްވަމުން އަންނަ ޚާއްސަ ބައްދަލުވުމުގެ ރިޔާސަތަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހަމަޖައްސައިފި އެވެ.
އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންގެ ކުއްލި ބައްދަލުވުން މި ބާއްވަނީ، މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ އަހުމަދު ފާރިސް މައުމޫން، މިއަދު ހައްޔަރުކޮށްފައި ވަނިކޮށެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ ގާސިމް އިބްރާހިމްގެ ސިއްހީ ހާލުކޮޅު ގޯސްވެ އޮންނެވީ އޭޑީކޭގެ އައިސީޔޫގަ އެވެ.
އިދިކޮޅު މެމްބަރުންގެ މައްޗަށް އެކުލެވޭ ގްރޫޕްގެ ބައްދަލުވުމެއްގެ ރިޔާސަތު މައުމޫން ބަލަހައްޓަވާ މިއީ ފުރަތަމަ ފަހަރެވެ.
މި ބައްދަލުވުމުގައި މައުމޫން ވިދާޅުވީ "ފާރިސް ހުންނެވީ ވަރަށް ހިތްވަރާ އެކު ހެޔޮ ހާލުގައި" ކަމަށެވެ.
"ހުރިހާ މެމްބަރުން ވެސް ސާބިތުކަން މަތީ ތިއްބެވުމަށް އިލްތިމާސް ކުރެއްވި" ކަމަށް ވެސް މައުމޫން ވިދާޅުވި ކަމަށް، ބައްދަލުވުމުގައި އިންނެވި ރޮޒައިނާ އާދަމް، ޓްވީޓްކުރެއްވި އެވެ.
އިދިކޮޅު މެމްބަރުންގެ ބައްދަލުވުން ކުރިއަށް ދާ އިރު ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް، ރައީސް އަބްދުﷲ ޔާމީންގެ ބެއްލެވުމުގެ ދަށުން، ޕީޕީއެމްގެ އޮފީހުގައި އެބަ ބާއްވަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީގެ ސޮޔާ އެކު ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދި ފަހުން ސަރުކާރުން ގެންދަނީ އެކި މެމްބަރުންގެ އިސްތަށިފުޅުގައި އެކި ތުހުމަތު އަޅުވައި، ތަހުގީގުކުރަމުންނެވެ. އޭގެ އިތުރުން ފާރިސްއާ ދެކޮޅަށް ހިންގާ ޝަރީއަތެއް ވެސް ވަނީ ފަށައިފަ އެވެ. ގާސިމްގެ ސިއްހީ ހާލުކޮޅު ގޯސްވީ އޭނާގެ ޝަރީއަތް ފަށަން އޮތް ދުވަހު އެވެ.
އެމްޑީޕީގެ މެމްބަރު ހިތަދޫ މެދު ދާއިރާގެ އިބްރާހިމް މުހައްމަދު ދީދީގެ ޝަރީއަތް މާދަމާ ފަށާނެ އެވެ. އޭނާގެ މައްޗަށް ދައުވާކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، އޭރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ގާނޫނާ ހިލާފަށް ހައްޔަރުކުރުމުގައި ބައިވެރިވި ކަމުގެ ކުށުގަ އެވެ. އޭރު އޭނާ އަކީ އެމްއެންޑީއެފްގެ މާލޭ އޭރިޔާގެ ކޮމާންޑަރެވެ.
ކުރިން އިބްރަހިމްދީދީގެ މައްޗަށް އެ ދައުވާ އުފުލި ނަމަވެސް ޕީޖީން ވަނީ ދައުވާ އަނބުރާ ގެންގޮސްފަ އެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އަލުން ދައުވާ ކުރަނީ މަސީހުގެ ވޯޓަށް ބިރު ދެއްކުމުގެ ގޮތުންނެވެ.