ޖަސްޓިން ބީބާގެ ޒުވާން "ތަރި" ދުވަސްވީ މަހުޖަނަކާ ކައިވެނިކޮށްފި
ޖަސްޓިން ބީބާގެ ޒުވާން "ތަރި" ދުވަސްވީ މަހުޖަނަކާ ކައިވެނިކޮށްފި

ޒުވާން ލަވަ ކިއުންތެރިޔާ ޖަސްޓިން ބީބާގެ ވީޑިއޯ ލަވަ "ވަޓް ޑޫ ޔޫ މީން" ގައި ބީބާ އެކު ފެނިގެން ދިޔަ ޒުވާން މޮޑެލް ޒެނިއާ ޑެލީ، 26، އޭނާ އަށް ވުރެ އުމުރުން 36 އަހަރު ދޮށީ، މިސްރަށް އުފަން މިލިއަނަރަކާ ކައިވެނިކޮށްފި އެވެ.

ޒެނިއާ އާއި މިސްރުގެ ރިއަލް އެސްޓޭޓް މަހުޖަނު އޮސާމާ ފަތުހީ ރަބާހް އަލް ޝަރީފް، 62، ކައިވެނީގެ ހަފުލާ ބާއްވައިފައި ވަނީ މި މަހުގެ ހަތަރު ވަނަ ގްރީސްގަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ދެ ފަރާތުގެ އާއިލާ އާއި ގާތް ރައްޓެހިންގެ ތެރެއިން ހަފުލާ އަށް ދައުވަތު ދީފައި ވަނީ 150 މީހުންނަށެވެ. އެކަމަކު އެ ހަފުލާ އަށް މިލިއަން ޔޫރޯ އަށް ވުރެ ބޮޑު ހަރަދެއްކޮށްފައިވާ ކަމަށްވެ އެވެ.

ކައިވެނީގެ ރަސްމިއްޔާތަށް ބިޔަ ކޭކަކާއި ވަރަށް އަގު ބޮޑު އަދި އެހާމެ ރީތި ވެޑިން ޑްރެސްއެއް ޒެނިއާ ބޭނުންކޮށްފައިވެ އެވެ. އެ ހެދުން ފަރުމާކޮށްފައި ވަނީ ޒުހައިރު މޮރާދެވެ.

ކައިވެނީގެ ބައެއް ފޮޓޯތައް ޒެނިއާ ވަނީ އޭނާގެ އިސްޓަގްރާމްގައި ވެސް ހިއްސާކޮށްފެ އެވެ.

ވިކްޓޯރިއާ ސީކްރެކްޓްގެ މޮޑެލްއެއްގެ ގޮތުގައި މަސައްކަތް ކުރި ޒެނިއާ އާއި އޮސާމާ ޑޭޓް ކުރަން ފެށީ މިދިޔަ އަހަރު އެވެ.

ދެ މީހުންގެ ލޯބި ފައްކާވާން ފެށުމާ އެކު އަގު ބޮޑު ޖަވާހިރާއި އެ ނޫން ވެސް ތަފާތު އަގު ބޮޑު ހަދިޔާތަކާއި ޕްރައިވެޓް ޖެޓްގައި ޗުއްޓީ ހޭދަކޮށްލުން ފަދަ އުފާތައް ދެ މީހުން ހިއްސާކޮށްފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބީބާ އާ އެކު ޒެނިއާ "ވަޓް ޑޫ ޔޫ މީން" ކުޅުނު ދުވަސްވަރު އެ ދެ މީހުން ވެސް ރައްޓެހިވި އެވެ. އެ ލަވަ ރިލީޒް ކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.