18 ޖުލައި 2017 - 16:36

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ދަރިކަލުން އަދި މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހައްޔަރުކުރުމުން އިނގިރޭސި ވިލާތުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމަށް ބުނެ ފާރިސްގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިއަދު ވަނީ ފާރިސް ދިރިއުޅުއްވާ ގެ ބަލައި ފާސްކޮށްފަ އެވެ. އަދި އޭގެ ފަހުން ފާރިސް ހައްޔަރުކޮށް. މިހާރު ވަނީ ދޫނިދު އަށް ގެންގޮސްފަ އެވެ.
އިނގިރޭސި ވިލާތުން ރާއްޖެއަށާއި ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާރިސް ހައްޔަރު ކުރުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ސަރުކާރު ހަމަ މަގަށް އެޅުވުމުގެ މިނިވަންކަމަކީ ޑިމޮކްރަސީއެއްގެ ފުރިހަމަ އަސާސްކަމުގައި އޭނާ ވިދާޅުވި އެވެ.
މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެމްބަރެއްގެ ސޮޔާ އެކު އިދިކޮޅު ކޯލިޝަނުން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި މެމްބަރުންނަށް ފާރިސް ރިޝްވަތު ދިން ކަމުގެ ހެކި ހުރި ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ.
އެ މައްސަލާގައި ފާރިސް ހައްޔަރު ކުރިއިރު ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުން ކުރި ކަމަށް ބުނެ ފާރިސަށް ވަނީ ޖިނާއީ ދައުވާ އުފުލައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތް މިހާރު ވަނީ ފަށައިފަ އެވެ.
ފާރިސް ހައްޔަރު ކުރުމުން އެމެރިކާ އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް ވިދާޅުވީ ފާރިސް ހައްޔަރު ކުރުމަކީ ޑިމޮކްރަސީ އަށް އެޅޭ ހުރަހެއް ކަމަށެވެ.