18 ޖުލައި 2017 - 16:17

އޮޓާވާ (ޖުލައި 18) - ކެނެޑާގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއަކުން އާއިލާގެ ހުރިހާ މެންބަރުން 11 އަހަރުގެ ކުއްޖަކު ސަލާމަތްކޮށްދީފި އެވެ.
ކުއްޖާގެ މަންމަ މާސީ ސްމިތު ބުނީ ނިދާފައި ވަނިކޮށް ގޭގައި އަލިފާން ރޯވެފައި ވަނިކޮށް އެންމެން ހޭލެއްވީ 11 އަހަރުގެ ޑޭވިޑް ކަމަށެވެ. ގެ އަނދާ ހުލިވި ނަމަވެސް އެ ގޭތިބި އެންމެން ވަނީ ބޭރަށް ނުކުމެގެން ސަލާމަތްވެފަ އެވެ.
ސްމިތު ބުނީ ޑޭވިޑް ނުނިދާ އޮތީ އޭނާގެ ބައްޕައާ ވީޑިއޯ ކޯލަކުން ވާހަކަ ދައްކަން ކަމަށެވެ. އެ ވަގުތު ހޭލާ ހުރީ ޑޭވިޑް އެކަނި ކަމަށްވުމުން އޭނާ އަށް އަލިފާންގަނޑު ފެނުމާ އެކު އެންމެންނަށް ގޮވާ ހޭލެއްވީ ކަމަށް ސްމިތު ބުންޏެވެ. އަދި މަދު ސިކުންތު ކޮޅެއްގެ ތެރޭގައި މުޅި ގޭގައި އަލިފާން ހިފި ކަމަށް އޭނާ ބުންޏެވެ.
ސުމިތު ބުނީ އަލިފާން ހިފީ ވުޑް ސްޓޯވް އަށް އެޅި ކުނިތަކުގައި ކަމަށެވެ. އެއީ އޭނާ މީގެ ކުރިން އެތައް ފަހަރަކު ކުރި ކަމެއް ކަމަށް ވެސް ބުންޏެވެ. އަލިފާން ރޯވި ނަމަވެސް ފަޔާ އެލާމް އަޅައިފައެއް ނުވެ އެވެ.
އަލިފާން ރޯވުމާ އެކު އެންމެން ބޭރަށް ނުކުތުން ގެއިން އެކައްޗެއް ވެސް ސަލާމަތެއް ނުކުރެވުނެވެ. އެ މީހުން ލައިގެން ތިބި ނިދާ ހެދުން ފިޔަވައި ހުރިހާ އެއްޗެއް ވަނީ އަނދައިފަ އެވެ. ސްމިތު ބުނީ އަވައްޓެރިން ވަރަށް ހެޔޮ ކަމަށާއި ހެދުން ފަދަ އެއްޗެހި އެ މީހުންނަށް ދިން ކަމަށެވެ.