24 ޖޫން 2016 - 21:34

ރިއާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި ގޮއްވާލި ބޮމުގެ ހެކި ހުއްދަ ނެތި އެ ތަނުން ގެންދިޔަ މައްސަލައިގައި ޖަލު ހުކުމެއް އައި ސިފައިންގެ ދެ މީހުން ހުކުމް ތަންފީޒު ކުރަން ނުޖެހުމުން މިނިވަންކޮށްފި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު "ފިނިފެންމާ" ލޯންޗުކޮޅުގައި އެއްޗެއް ގޮއްވައިލި މައްސަލައިގައި އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅި ކަމުގެ ދައުވާ ސާބިތު ކަމަށް ނިންމައި ހުކުމް އިއްވީ މޫސާ ޒަމީރާއި އަހުމަދު ތިހާމްގެ މައްޗަށެވެ. އެ ދެ މީހުންނަށް ކުރީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. މީގެ އިތުރުން، ހެކި ނައްތާލިކަން ސާބިތުވެ ހަމަ މި މައްސަލައިގައި ސިފައިންގެ މާލޭ އޭރިއާގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒު (ޕާޕާ) ދެ އަހަރަށް ޖަލަށް ލާން ވެސް ހުކުމް ކުރި އެވެ.
ކަރެކްޝަންސްގެ ތަރުޖަމާނު މިރޭ ވިދާޅުވި ގޮތުގައި ފަޔާޒާއި ތިހާމް ވަނީ މިދިޔަ ބުދަ ދުވަހު މިނިވަންކޮށްފަ އެވެ. އެއީ، ހުކުމުގެ މުއްދަތަށް ވުރެ އިތުރަށް އެ ދެ މީހުން ބަންދުގައި ބައިތިއްބާފައި ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ލޯންޗުކޮޅު ގޮއްވާލުމަށް ފަހު، ފަޔާޒާއި ޒަމީރު އަދި ތިހާމް ހިމެނޭ ގޮތަށް ފަސް މީހަކު ފުރަތަމަ ތިބީ ސިފައިންގެ މައި މަރުކަޒުގައި ބަންދުކޮށްފަ އެވެ. މަހެއްހާ ދުވަހު ބޭތިއްބުމަށް ފަހު، ސިފައިންގެ ބަންދުން އެ މީހުން ދޫކޮށްލުމާ އެކު ފުލުހުން އެ ތިން މީހުން ހައްޔަރު ކުރި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ފަޔާޒު ހުރިއިރު، ޒަމީރާއި ތިހާމް ފުރަތަމަ ހައްޔަރުކޮށްފައި ތިބީ ފުލުހުންގެ ކަސްޓޯޑިއަލް ދޫނިދޫގަ އެވެ. އެ ތަނުގައި ޖުމްލަ 75 ދުވަހު ބޭތިއްބުމަށް ފަހު އެ ދެ މީހުން ގޭބަންދަށް ބަދަލު ކުރި ކަމަށްވެ އެވެ. އެހެންވެ، ހުކުމް ކުރިއިރު، އެ ދެ މީހުން ބަންދުގައި ތިބޭތާ ގާތްގަނޑަކަށް އަށް މަސްދުވަސް ވަނީ ވެފަ އެވެ.
އާއްމު އުސޫލުގެ ދަށުން ތަހުގީގަށް ނުވަތަ ޝަރީއަތުގެ ބޭނުމަށް ބަންދުގައި ތިބޭ މުއްދަތު ހުކުމުން ކަނޑަ އެވެ. ކޮންމެ ވައްތަރެއްގެ ބަންދަކަށް ވިޔަސް ވެސް ކަންތައް ކުރަނީ މި ގޮތަށެވެ.