18 ޖުލައި 2017 - 14:14

"ކަލާ-ރަން" ގެ ނަމުގައި ރާއްޖެ އަށް މުޅިން އާ ކޮންސެޕްޓެކަށް ދުވުމުގެ ހަރަކާތެއް ޖުލައި 26 ގައި ހުޅުމާލޭގައި ބާއްވަން ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން ތައްޔާރުވެއްޖެ އެވެ.
މި ދުވުމަކީ ހުޅުމާލޭގައި ޓީއެފްޖީން ކޮންމެ އަހަރަކު ބާއްވާ ލޯންގް ރަންއާ އަދި މި އަހަރަށް އަލަށް އައްޑޫ ސިޓީ އާއި ލ. އަތޮޅުގައި ބާއްވާ ދުވުމުގެ ރޭހާ މުޅިން ތަފާތު ހަރަކާތެކެވެ. މިއީ އާއިލީ، އެކުވެރި، މަޖާ މާހައުލެއްގައި މިނިވަން ދުވަސް ފާހަގަކޮށްލަން ޓީއެފްޖީން ބާއްވާ ހަރަކާތެކެވެ. މި ހަރަކާތުގެ އެންމެ މުހިއްމު ބަޔަކީ ދުވުންތެރިން ގަޔަށް ކުލަޖެހުމެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުން ފަށައިގެން އެ ރަށަށް ވަށައި އެއް ބުރު (ފަސް ކިލޯމީޓަރު) ދުވަން ޖެހޭއިރު ކޮންމެ ކިލޯމީޓަރެއް ކަޑަތައްކުރުމާ އެކު ކުލަ ޖަހާނެ އެވެ. ކުލަ ސްޓޭޝަންތައް ގާއިމްކޮށްފައި ހުންނައިރު، ދުވެ ނިމޭއިރު މީހާ ހުންނާނީ ކުލައިން ތަތްތެޅިފަ އެވެ.
"މި ރޭހުގައި އެއްވެސް ސީރިއަސްކަމެއް ނޯންނާނެ. ދުވިޔަސް ހިނގިޔަސް މައްސަލައެއް ނެތް. ބޭނުންވަނީ ވަރަށް އާއިލީ މާހައުލެއްގައި ސަކަރާތް ޖަހާލައި ކުލަގަދަކޮށް މިނިވަން ދުވަސް ފާހަގަކޮށްލުން،" 300 ބައިވެރިންނަށް ފުރުސަތު ހުޅުވާލާފައިވާ އިވެންޓާ ބެހޭގޮތުން ޓީއެފްޖީގެ ޑިރެކްޓަރު މުހައްމަދު މިސްތޯ ވިދާޅުވި އެވެ.
މި ރޭހުގައި ޓައިމިން ބެލުމެއް ވެސް ނޯންނާނެ އެވެ. އެކަމަކު ކޮންމެ ބައިވެރިއަކަށް ވެސް ޓީޝާޓާއި ބިބެއް ދޭނެ އެވެ. މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރުފަހާ ހަމައަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު 25 ވަނަ ދުވަހު ބިބް ދޫކުރުމަށް ހާއްސަ އެކްސްޕޯއެއް ބާއްވާނެ އެވެ. މީގެ އިތުރުން ބައިވެރިންނަށް ހުޅުމާލެ އަށް ގެންދިއުމަށް ހާއްސަ ފެރީތަކެއް ވެސް ޓީއެފްޖީން އިންތިޒާމްކޮށްދޭނެ އެވެ.
ރޭސް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 26 ވަނަ ދުވަހު 7:20 ގަ އެވެ. އެކަމަކު އެހެން ރޭސްތަކާ ހިލާފަށް ހުރިހާ ބައިވެރިން އެއްކޮށް ރޭހެއް ނުފަށާނެ އެވެ. ދުވުންތެރިން ގްރޫޕްތަކަށް ބަހާލުމަށް ފަހު 7:20 އިން ފެށިގެން ކޮންމެ 10 މިނެޓަކުން ކޮންމެ ގްރޫޕެއް ރޭސް ފަށަމުންދާނެ އެވެ. އެއް ފަހަރާ ފެށުމުގެ ބަދަލުގައި ގްރޫޕްތަކަށް ބަހައިގެން ފެށުމުގެ ބޭނުމަކީ ކުލަޖަހާ ކޮންމެ ސްޓޭޝަނެއް ކައިރީގައި ވެސް ކޮންމެ ދުވުންތެރިއަކަށް ވީހާ ވެސް ބޮޑު އެކްސްޕޯޝާއެއް ދިނުމެވެ.
ދުނިޔޭގައި މަގުބޫލު ކޮންސެޕްޓެއް ކަމަށްވާ ކަލާ-ރަން ކުރިއަށް އޮތްތަނުގައި އެކި މުނާސަބުތަކާ ގުޅުވައިގެން ބާއްވަން ޓީއެފްޖީން އަންނަނީ ރާވަމުންނެވެ. މި ދުވުމުގައި ޖަހާނީ ހިކި ކުލައެކެވެ. މި ކުލައިން ހަންގަނޑަށް އެއްވެސް ގެއްލުމެއް ނުލިބޭ އިރު، ފެންފޮދެއް ޖެހިލުމާ އެކު ދޮވެލެވޭނެ އެވެ. އަދި ތިމާވެށްޓަށް ގެއްލުމެއް ނުލިބޭނެ އެވެ.
ހުރިހާ އުމުރަކަށް ވެސް މި ދުވުން ހުޅުވާލާފައިވާއިރު ޓީއެފްޖީން ވަނީ ކުޑަކުދިން ދުވާނަމަ އެ ކުދިންނާ އެކު ބެލެނެވެރިއެއް ވެސް އެކުގައި ދުވުމަށް އެދިފަ އެވެ.