19 ޖުލައި 2017 - 06:40

އިނގިރޭސި ވިލާތުގައި އުފަންވި ކުޑަ ކުއްޖެއް ކަމަށްވާ ޗާލީ ގާޑް ބަލިކަމުން އޭނާގެ ފުރާނަ ސަލާމަތް ނުވާނެ ކަމަށް އެ ގައުމުގެ ޑޮކްޓަރުން ވަނީ ބުނެފަ އެވެ. މިހާރު ލައިފް ސަޕޯޓިންގެ އެހީގައި ނޭވާލާ މި ތުއްތު ކުއްޖާގެ ލައިފް ސަޕޯޓް ނައްޓާލަން ޑޮކްޓަރުން ވަނީ ނިންމާފަ އެވެ. ނަމަވެސް އޭނާގެ މައިންބަފައިން ކަމަށްވާ ކްރިސް ގާޑް އާއި ކޯނީ ޔޭޓްސް އެގޮތަކާ ގަބޫލެއް ނޫނެވެ. ދަރިފުޅުގެ އެންމެ ނޭވާއެއް ހުއްޓާވެސް ލައިފް ސަޕޯޓް ނައްޓާލުމަކަށް އެމީހުން ނޭދެ އެވެ. މިހާރު އެމީހުން ވަނީ މި މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ.
ކުއްޖާ ސަލާމަތް ނުވާނެކަމަށް ހޮސްޕިޓަލުން ބުނަނީ ކުއްޖާގެ ބޮލުގެ ސައިޒަށް ބަލާފަ އެވެ. ނަމަވެސް ކުއްޖާގެ ބޮލުގެ ސައިޒާ ސިއްހަތާ އޮތީ ކޮން ގުޅުމެއްތޯ ބައެއް މީހުން ސުވާލު ކުރެ އެވެ. ބޮލުގެ ސައިޒު އެހާ މުހިއްމު ކަމަކަށް ވަނީ ކީއްވެތޯ އާއި ބޮލުގެ ސައިޒު ބަލަނީ ކިހިނެއްތޯ ވެސް ބައެއް މީހުން ސުވާލު އުފައްދަ އެވެ.
ޗާލީ އުފަންވިއިރު ވެސް ވަނީ ވަރަށް މަދުން ނޫނީ ނުފެންނަ ޖެނެޓިކް މައްސަލައެއް ކުރިމަތިވެފަ އެވެ. މި މައްސަލަ ހުންނަ ކުދިން އުފަންވާތާ ދެތިން މަހެއް ތެރޭގައި އާއްމުކޮށް މަރުވެ އެވެ. މިހާރު 11 މަސް ފުރިފައިވާ ޗާލީ އަކަށް އަމިއްލައަކަށް ނޭވާއެއް ވެސް ނުލެވެ އެވެ. އިރުއިރުކޮޅުން އޭނާގެ ގަޔަށް ބާރުގަނޑެއް އަރައި ފިޓްޖެހޭ ކަހަލަ ގޮތްތަކެއްވެ އެވެ. އަދި މިކުއްޖާއަކީ ފެނުމާއި އިވުމުން ވެސް މަހްރޫމް ވެފައިވާ ކުއްޖެކެވެ.
މިހާރު ޗާލީގެ މައިންބަފައިން ބޭނުންވަނީ ފަރުވާދިނުމަށް އެމެރިކާއަށް ގެންދާށެވެ. އެމެރިކާގައި ވެސް ދެވެން އަންނަނީ ތަޖުރިބާކުރުމުގެ ފަރުވާ އެކެވެ. ނުވަތަ އެކްސްޕެރިމެންޓަލް ޓްރީޓްމަންޓެކެވެ. ނަމަވެސް ޗާލީ އަށް ބޭސްކުރާ އިނގިރޭސި ވިލާތުގެ ޑޮކްޓަރުން އޭނާ އެމެރިކާއަށް ގެންދިއުމަކަށް ގަބޫލެއް ނޫނެވެ. އެ މީހުން ބުނަނީ މި ފަރުވާ ދިނަސް ޗާލީގެ ބަލި ހާލަތަށް އިތުރު ކުރިއެރުމެއް ނުލިބޭނެ ކަމަށާއި އަޅާ ވޭން އިތުރުވުން ނޫން ކަމެއް ނުވާނެ ކަމަށެވެ.
ޗާލީގެ މައިންބަފައިން ކޯޓުގައި މިހާރު މިކަމާ ބެހޭ ގޮތުން ވަކާލާތު ކުރަމުން އަންނައިރު ލަންޑަން ހައި ކޯޓުން އެންމެ ފުރަތަމަ މި މައްސަލަ ބަލާފައި ނިންމީ ހޮސްޕިޓަލާ އެއްކޮޅަށެވެ. ނަމަވެސް އާ ހެކިތަކެއް ލިބުމާ ގުޅިގެން މައްސަލަ އަލުން ބަލަން ފެނޭތޯ ގޮތެއް ކަނޑައަޅަން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.
މި މައްސަލައިގައި އެންމެ ބޮޑު ޚިޔާލުތަފާތުވުމެއް އަންނަނީ ޗާލީގެ ބޮލުގެ ސައިޒާ ބެހޭ ގޮތުންނެވެ. ޗާލީ އަށް މިހާރު ފަރުވާ ދޭ އަދި އޭނާ އެޑްމިޓް ކޮށްފައި އޮތް ލަންޑަންގެ ގްރޭޓް އޮރްމޮންޑް ސްޓްރީޓް ހޮސްޕިޓަލުން ބުނަނީ ބޮލުގެ ވަށަމިނަށް، ތިން މަސް ދުވަސް ތެރޭގައި އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. އަދި މިއީ އޭނާ ހެދިބޮޑުވާން ޖެހޭ މިންވަރަށް ހެދިބޮޑުވަމުން ނުދާ ކަމުގެ ހެއްކެއް ކަމަށާއި މިއީ މި ކޭސްގައި ވަރަށް މުހިއްމު ހެއްކެއް ކަމަށް ހޮސްޕިޓަލުން ބުނާ ކަމަށް ބީބީސީން ބުނެފައިވެ އެވެ.
ނަމަވެސް ޗާލީގެ މައިންބަފައިން މި ވާހަކަ ގަބޫލެއް ނުކުރެ އެވެ. ޗާލީގެ މަންމަ ބުނަނީ ކޮންމެ ދުވަހަކު އެއް ފަހަރު އޭނާގެ ދަރިފުޅުގެ ބޮލުގެ މިން ނަގާ ކަމަށާއި މިދިޔަ ތިން މަސް ތެރޭ ދެ ސެންޓި މީޓަރު ބޮޑުވެފައިވާކަން ޔަގީން ކަމަށެވެ. ނަމަވެސް ހޮސްޕިޓަލުން ނަގާ މިނާއި ޗާލީގެ މަންމަގެ މިން އެޅުމުގައި ދެ ސެންޓިމީޓަރުގެ ތަފާތެއް އެބަ އުޅެ އެވެ.
މި މައްސަލަ ކޯޓުގައި ބައްލަވާ ފަނޑިޔާރުން ވިދާޅުވަނީ މިއީ "ހެއްވާ" ވާހަކައެއް ކަމަށެވެ. އަދި ހޮސްޕިޓަލާއި މައިންބަފައިން ނޫން، މިނިވަން މީހަކު ކުއްޖާގެ ބޮލުގެ މިން ނަގަން ފަނޑިޔާރުން ވަނީ އަމުރު ކޮށްފަ އެވެ.
"އާއްމުކޮށް ވެސް ޑޮކްޓަރުން ތުއްތުކުދިންގެ ބޮލުގެ މިން ނަގާނެ. އެއީ ބޮލުގެ ވަށަމިނަކީ ސިކުނޑި އުފެދެމުންދާ ގޮތް ދެނެގަންނަން ގެންގުޅޭ މިންގަނޑަކަށް ވާތީ،" ޑރ. ސައިމާ އާފްތާބް ވިދާޅުވި އެވެ.
ޑރ. ސައިމާ އަކީ މަޔާމީގައި ހުންނަ ނިކްލައުސް ޗިލްރަންސް ހޮސްޕިޓަލުގެ ފެޓަލް ކެއާ ސެންޓަރުގެ މެޑިކަލް ޑައިރެކްޓަރެކެވެ. ޗާލީގެ ކޭސް ގައި ޑރ. ސައިމާގެ އެއްވެސް ބައިވެރިވުމެއް ނެތެވެ. ނަމަވެސް އޭނާ ވިދާޅުވީ ތުއްތު ކުއްޖާގެ ބޮލުގެ ވަށަމިނުން ސިކުނޑި ހެދިބޮޑުވަމުންދާ ނަމަ އެނގޭނެ ކަމަށެވެ.
ބޮލުގެ ވަށަމިން ނަގާއިރު އެކަމަށް ތަމްރީނު ވެފައިވާ މެޑިކަލް ޕްރޮފެޝަނަލަކު ނެގުމާއި ކުއްޖާގެ މައިންބަފައިން ނެގުމާ ތަފާތު ވާނެ ކަމަށާއި މައިންބަފައިންނަކީ އެކަން ކިޔަވައިގެން ތިބި ބަޔަކަށް ނުވާތީ ފުރިހަމައަށް އެކަން ނުކުރެވޭނެ ކަމަށް ވެސް ޑރ. ސައިމާ ވިދާޅުވި އެވެ.
ތުއްތު ޗާލީ ސަލާމަތްކުރުމަށް އޭނާގެ މައިންބަފައިން ކުރާ ހަނގުރާމައިގައި އެ ދެމަފިރިންނަށް ތާއީދުކުރާ ގިނަ ބަޔަކު ވެސް މިހާރު އަންނަނީ ބައިވެރިވަމުންނެވެ. އަދި އޭނާ އެމެރިކާއަށް ގެންދިއުމަށްޓަކައި ބޭނުންވާ ފައިސާ ހޯދުމަށް ފެށި ކެމްޕޭނުގައި މިލިއަނަކަށް ވުރެ ގިނަ ޑޮލަރު މިހާތަނަށް އެއްކުރެވިފައިވެ އެވެ. ނަމަވެސް ކޯޓުގެ އަމުރެއް ނެތި އަދި ހޮސްޕިޓަލުގެ ހުއްދަ ނެތި ކުއްޖާ ގެންދެވޭނެ އެއްވެސް ގޮތެއް ނެތެވެ. އެހެންވެ، އަންގާރަ ދުވަހު ވަނީ އެމެރިކާގެ ޑޮކްޓަރުންގެ ތެރެއިން މިފަދަ ޖެނެޓިކް ބަލިތަކަށް ފަރުވާކުރާ އެންމެ މަޝްހޫރު ޑޮކްޓަރުންގެ ޓީމެއް ލަންޑަނަށް ގޮސް ޗާލީއަށް ދެވޭނެ ފަރުވާއެއް އޮތްތޯ ބަލާފަ އެވެ.