18 ޖުލައި 2017 - 15:28

ސިޑްނީ (ޖުލައި 18) - އެހެން ގައުމެއްގެ ރަށްވެހިކަން އޮތްކަން އެނގުމާ އެކު އޮސްޓްރޭލިއާގެ ޕާލަމެންޓުގެ މެންބަރަކު ގޮނޑި ދޫކޮށްލަން ނިންމަައިފި އެވެ.
އޮސްޓްރޭލިއާގެ ގްރީންސް ޕާޓީގެ ޑިޕިއުޓީ ލީޑަރު ލަރިއްސާ ވޯލްޓާސް އިސްތިއުފާ ދެއްވަން ނިންމެވީ އޭނާ 2011 ވަނަ އަހަރު ޕާލަމެންޓަށް އިންތިޚާބުވެވަޑައިގަތުމުގެ ކުރިން ކެނެޑާގެ ރަށްވެހިކަން އުވާލާފައި ނުވާތީ އެވެ. އޮސްޓްރޭލިއާގެ ގާނޫނުތައް ބުނާ ގޮތުން ދެ ގައުމެއްގެ ރަށްވެހިކަން އޮންނަ މީހުންނަށް ޕާލަމެންޓުގެ މެންބަރުކަން އަދައެއް ނުކުރެވޭނެ އެވެ.
މިއީ ދެ ގައުމެއްގެ ރަށްވެހިކަން އޮތުމުގެ ސަބަބުން ޕާލަމެންޓް ގޮނޑި ދޫކޮށްލަން ޖެހުނު ގްރީންސްގެ ދެ ވަނަ މެންބަރެވެ. މީގެ ކުރިން ވަނީ ނިއު ޒީލެންޑުގެ ރަށްވެހިކަން އޮތްކަން އެނގުމާ އެކު ގްރީންސްގެ ޑެޕިއުޓީ ލީޑަރެއް ކަމަށްވާ ސްކޮޓް ލުޑަމަން ވެސް އިސްތިއުފާ ދެއްވައިފަ އެވެ.
އޮސްޓްރޭލިއާގެ ސްޓެޓިސްޓިކްސް ބިއުރޯގެ ޑޭޓާ ދައްކާ ގޮތުން އެ ގައުމުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި މީހުން އުފަންވެފައި ވަނީ ގައުމުން ބޭރުގަ އެވެ.
ވޯލްޓާސް ވިދާޅުވީ އޭނާ ކެނެޑާ ދޫކޮށް އޮސްޓްރޭލިއާ އަށް ހިޖުރަ ކުރީ ވަރަށް ޅަ އުމުރުގައި ކަމަށެވެ. އޭގެ ފަހުން ކެނެޑާ އަށް ނުދާ ކަމަށާއި އެހެންވެ ކެނެޑާގެ ރައްޔިތެއްކަން ނޭނގޭ ކަމަށް ވިދާޅުވި އެވެ.
"ސެނޭޓާއި ފެޑެރަލް ހައުސްގައި އަދިވެސް އެބަތިބި ގައުމުން ބޭރަށް އުފަން ބޭފުޅުން،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވޯލްޓާސް ވިދާޅުވި އެވެ.
އޮސްޓްރޭލިއާގެ ކުރީގެ ބޮޑު ވަޒީރު ޓޯނީ އެބޮޓް ވަނީ ޕާލަމެންޓަށް އިންތިޚާބުވުމުގެ ހަ މަސް ކުރިން، 1993 ވަނަ އަހަރު އިނގިރޭސި ރަށްވެހިކަން ދޫކޮށްލެއްވިކަން މިދިޔަ ހަފުތާގައި ސާބިތު ކޮށްދެއްވައިފަ އެވެ.