18 ޖުލައި 2017 - 13:25

ވޮޝިންޓަން (ޖުލައި 18) - އެމެރިކާގެ ނޯތު ކެރޮލީނާ ސްޓޭޓުގެ މީހެއްގެ ހިތުގެ ވިންދު 40 މިނިޓަށް ހުއްޓިއްޖެ އެވެ.
އުމުރުން 36 އަހަރުގެ ޖޯން އޮގްބާން އަށް މިދިޔަ މަހު 26 ވަނަ ދުވަހު އާޓް އެޓޭކެއް ޖެހުނީ އޭނާ ލެޕްޓޮޕް ކައިރީ އިންދަ އެވެ. އިމަޖެންސީ ފޯނު ކޯލް ލިބުމާ އެކު އެ ސަރަހައްދުގައި އުޅުނު ދެ ފުލުހަކު ވަނީ އޮގްބާން އަށް ވަގުތުން ސީޕީއާރު ދޭން ފަށައިފަ އެވެ. އޮގްބާން އަށް ވިންދު ލިބުނީ ދެ ފުލުހުން ފަރުވާ ދޭތާ 42 މިނިޓް ފަހުންނެވެ.
އޮގްބާން ހޮސްޕިޓަލަށް ގެންދިއުމާ އެކު ޑޮކްޓަރުން ވަނީ އޭނާ އަށް އަރާމު ދިނުމަށް ކޯމާއެއްގައި ބާއްވައިފަ އެވެ. އޮގްބާން އަށް ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހު ކާރު ނުދުއްވުމާއި ބުރަކޮށް މަސައްކަތުގައި ނޫޅުމަށް އިރުޝާދު ދީފަ އެވެ. އޮގްބާން ބުނީ އޭނާ އަށް އެންމެ ފުރަތަމަ ފަރުވާ ދިން ދެ ފުލުހުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.
އަލަބާމާ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގެ ޕްރޮފެސަރަކު ވިދާޅުވީ ހިތް ހުއްޓޭ ވަގުތުން ފެށިގެން ސީޕީއާރު ދޭން ފެށުމަކީ މުހިންމު ކަމެއް ކަމަށެވެ. އެމެރިކާގައި މަސައްކަތުގެ މާހައުލުގައި އުޅޭ ގިނަ މީހުން ތިިބެނީ ކާޑިއެކް އިމަޖެންސީ ތަކަށް އަވަސް ފަރުވާ ދޭން ތައްޔާރަކަށް ނޫނެވެ. އެމެރިކާގައި އަހަރަކު ގާތްގަނޑަކަށް 350،000 މީހުންނަށް ހާޓް އެޓޭކް ޖެހޭއިރު ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން އެއްވެސް ބާވަތެއްގެ ފަރުވާއެއް ލިބެނީ 46 ޕަސެންޓް މީހުންނަށެވެ.