19 ޖުލައި 2017 - 06:37

ސައިފް އަލީ ޚާން އާއި އަމްރިތާ ސިންގްގެ ދަރިފުޅު ސާރާ އަލީ ޚާން ބޮލީވުޑަށް ނުކުންނަ ވާހަކަ ދެކެވޭތާ ގިނަ ދުވަސް ތަކަކަށްފަހު ރަސްމީކޮށް އޭނާ ތައާރަފްކުރާ ފިލްމު މިހާރު ވަނީ އިއުލާންކޮށްފަ އެވެ. ސުޝާންތު ސިންގް ރާޖްޕޫތާ އެކު ސާރާ ލީޑް ރޯލް ކުޅޭ "ކޭދާރްނާތު" އަކީ އެކްތާ ކަޕޫރު ޕްރޮޑިއުސްކުރާ ފިލްމެކެވެ.
އެކްތާ ބުނީ ސުޝާންތު އާއި ސާރާގެ ތާޒާ ޖޯޑުގެ ސަބަބުން "ކެދާރްނާތު"އަށް އިތުރު މަގްބޫލުކަމެއް ލިބިފައިވާ ކަމަށެވެ.
ސުޝާންތުގެ އެންމެ ފަހު ފިލްމު "ރާބްތާ" ފްލޮޕްވުމުން އޭނާއާއެކު "ކެދާރްނާތު" ކުރިޔަށް ނުގެންދަން ޕްރޮޑަކްޝަން ހައުސް އިން ވިސްނާކަމަށް ދެކެވޭ ވާހަކަތަކަށް އެކްތާގެ މި ވާހަކައިން ހުއްޓުމެއް އަންނާނެ އެވެ. "ކެދާރްނާތު" އާއި "ޗަންދާ މާމާ ދޫރްސޭ" އާއެކު ސުޝާންތުގެ ރަނގަޅު ފިލްމުތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި ފެނުމުގެ އުންމީދު ވަނީ އިތުރު ވެފަ އެވެ.
އެކްތާ ބުނި ގޮތުގައި "ކެދާރްނާތު"ގެ ވާހަކަ ފުރަތަމަ އަޑުއަހާފައި މިއީ ސުޝާންތާ އެކު ސާރާ ތައާރަފްކުރަން ވަރަށް ރަނގަޅު ފިލްމެއްކަން އެމީހުންނަށް ޔަގީންވި އެވެ. މިއީ ވަރަށް ރީތި ލޯބީގެ ފިލްމެއް ކަމަށާއި އިންޑިއާގެ ރީތިކަން ވެސް ވަރަށް ފުރިހަމައަށް ފެނިގެން ދާނެކަމަށް އެކްތާ ބުންޏެވެ.
އަބީޝެކް ކަޕޫރު ޑައިރެކްޓްކުރާ މި ފިލްމު އަންނަ އަހަރުގެ ޖޫން މަހު ރިލީޒްކުރާނެ ކަން ވެސް މިހާރު ވަނީ އިއުލާން ކޮށްފަ އެވެ.