އައިފާގައި އާމިރާއި އަކްޝޭ ނުހިމަނާތީ ސެންސަރު ބޯޑުގެ ޗެއާމަން ރުޅި އަތުވެއްޖެ
އައިފާގައި އާމިރާއި އަކްޝޭ ނުހިމަނާތީ ސެންސަރު ބޯޑުގެ ޗެއާމަން ރުޅި އަތުވެއްޖެ

ދާދިފަހުން ބޭއްވި އައިފާ އެވޯޑުގައި އެވޯޑުތަކަށް ފިލްމުތައް ނޮމިނޭޓް ކޮށްފައިވާ ގޮތާއި އެވޯޑުތައް ދިން ގޮތާ މެދު ގިނަ ބަޔަކު ހިތްހަމައެއް ނުޖެހެ އެވެ. އެ މީހުންގެ ތެރޭގައި އިންޑިއާގެ ފިލްމު ސެންސަރު ބޯޑުގެ ޗެއާމަން ޕެހެލަޖް ނިހަލާނީ ވެސް ހިމެނެ އެވެ. އައިފާ އެވޯޑާ ބެހޭ އެއްވެސް ކަމަކާ ސެންސަރު ބޯޑު ޗެއާމަން ހިތްހަމައެއް ނުޖެހެ އެވެ. އެހެންވެ އޭނާ ބުނީ އައިފާ އެވޯޑަކީ ބޮލީވުޑް ތަރިންނަށް ފައިސާދީގެން ގެންދިޔަ ޗުއްޓީ ދަތުރެއް ކަމަށެވެ.

ޕެހެލަޖް ނިހަލާނީ މިހާ ރުޅިގަދަވީ އެއް ސަބަބަކީ މި އެވޯޑު ހަފުލާގައި އާމިރު ޚާންގެ "ދަންގަލް" އާއި އަކްޝޭ ކުމާރާއި އޭނާގެ ފިލްމުތަކުގެ ނަންގަނެފައި ވެސް ނުވާތީ އެވެ.

"ދެކިބަލަ އެމީހުންގެ ހުރި މުނާފިގުކަން. އެމީހުން އާމިރުގެ "ދަންގަލް" އާއި އަކްޝޭގެ "އެއާލިފްޓް" އާއި "ރުސްތުމް" އެންމެ ކުޑަމިނުން ނޮމިނޭޓް ވެސް ނުކުރޭ. އެއީ ހަމައެކަނި އެމީހުން އައިފާއިން ހަމަޖެއްސި މި ޗުއްޓީ ދަތުރުގައި ބައިވެރިނުވާނެތީ ކުރި ކަމެއް. ތަންކޮޅެއް ކުރީގައި އެވޯޑްތައް ދިނުމުގައި އިންޑިޔާގެ ހުރިހާ ބަހަކުން އުފައްދާ ފިލްމެއް ވެސް ބައިވެރި ކުރޭ. ނަމަވެސް މިހާރު މިހާރު އެވޯޑުތައް ދެނީ ހަަމައެކަނި ބޮލީވުޑް ފިލްމުތަކަށް. އެހެންކަމަށް ވަންޏާ އިންޓަނޭޝަނަލް ފިލްމް އިންޑިއަން ފިލްމު ފެސްޓިވަލް އޭ އައިފާ އަށް ކިޔަނީ ކީއްވެ؟ މިއީ ވަރަށް ލަދުގަންނަން ޖެހޭ ކަހަލަ ކަމެއް. އިންޑިއާ ސިނަމާއަކީ ހަމައެކަނި ބޮލީވުޑެއް ނޫން،" ހިންދުސްތާން ޓައިމްސް އަށް ޕެހެލަޖް ނިހަލާނީ ދީފައިވާ އިންޓަވިއު އެއްގައި ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި އަމީތާބު ބައްޗަންގެ ބައިވެރިވުމާއެކު އައިފާ އެވޯޑު ކުރިޔަށް ގެންދިޔައިރު އެ އެވޯޑު ޝޯތައް ދިޔައީ ވަރަށް އިންސާފުވެރި ކޮށެވެ. ނަމަވެސް 2011 ގައި އަމީތާބު ވަކިވި ހިސާބުން އެ އެވޯޑުގެ ކަންތައް މުޅިން ބޮއްސުން ލައިފި ކަމަށެވެ.

އޭނާ ބުނި ގޮތުގައި ބައެއް ތަރިން އައިފާ އެވޯޑުގައި ބައިވެރިވާން ނިއު ޔޯކް އަށް ދިޔައީ ޕާޓީ ކޮށް މަޖާކޮށްލުމަށެވެ. އެގޮތުން ބައެއް ތަރިން މަޖާ ކުރި ކުރީނުން އެވޯޑު ހަފުލާގައި ވެސް ބައިވެރި ނުވެވުނު ކަމަށް އޭނާ ބުންޏެވެ.

މަޝްހޫރު ފިލްމީ ތަރިންގެ އަނބިންނާއި ދަރިންނާއި ދަރިން ބަލާ މީހުންނާއި ބޮޑީގާޑުންނަށް ދަންދެން ޓިކެޓާއި ފައިސާ ދީގެން އައިފާ އެވޯޑަށް ގެންދިޔަ ކަމަށާއި އެހާ ބޮޑު ޚަރަދެއް ކުރަން ފައިސާ ހޯދީ ކިހިނެއްތޯ ވެސް ސެންސަރު ބޯޑު ޗެއާމަން ވަނީ ސުވާލު އުފައްދާފަ އެވެ. އަދި ބައެއް ތަރިން ބާޒާރުކޮށްލަން ވެސް ފައިސާ ދީފައިވާ ކަމަށް އޭނާ ތުހުމަތު ކުރެ އެވެ.

"އައިފާ އިން ދަނީ އިންޑިއާގެ ފިލްމު އިންޑަސްޓްރީ ބޭރު ގައުމުތަކުގައި ވިއްކަމުން. ފަހަރެއްގައި އެއީ ލިބޭ ފައިދާގަނޑަކަށް ކުރާ ކަމަކަށް ވެސް ވެދާނެ،" ޕެހެލަޖް ބުންޏެވެ.

އެވޯޑު ހަފުލާގައި ސެންސަރު ބޯޑަށް މަލާމާތްކޮށް ވަރަށް ގިނައިން ޖޯކު ޖަހާފައިވުމާއި "އުޅްތާ ޕަންޖާބް" އަށް އެވޯޑުތައް ލިބުމަކީ ވެސް ޕެހެލަޖް ހިތްހަމަނުޖެހުނު ކަންތައްތަކެވެ.