ސިފައަށް ފާޑުކިޔާ މީހުންނަށް ނަވާޒުއްދީނުގެ ޖަވާބެއް
ސިފައަށް ފާޑުކިޔާ މީހުންނަށް ނަވާޒުއްދީނުގެ ޖަވާބެއް

ނަވާޒުއްދީން ސިއްދީގީ އެކްޓިންގެ ރޮނގުން ކުރިޔަށް ދާން ކުރި މަސައްކަތް ފަސޭހައެއް ނޫނެވެ. އޭނާ އެކްޓްކުރަން ފެށިތާ ކުރީކޮޅު ގިނަ މީހުން އޭނާ ކަޅުކަމުން އެކްޓަރެއްގެ ގޮތުގައި ގަބޫލުކުރުމަށް އިންކާރުކޮށްފައިވެ އެވެ.

ނަވާޒުއްދީން ދީފައިވާ އިންޓަވިއުއެއްގައި، އެކްޓަރެއްގެ ގޮތުން ފަށައިގަންނަން ދިމާވި އުނދަގޫތައް ކިޔައިދީފައި ވެ އެވެ. އޭނާ ބުނި ގޮތުގައި ފިލްމުތަކުގެ އިތުރުން ޓީވީ ސިލްސިލާއަކުން ވެސް ރޯލެއް ލިބުން އޭނާއަށް ވަރަށް ދަތިވި އެވެ.

މިހާރު ނަވާޒު ވަނީ ބަތަލުގެ ސިފަ ލިބިފައި ނެތަސް އެކްޓިން ހުނަރު ހުރިނަމަ ފިލްމު އިންޑަސްޓްރީގައި ކާމިޔާބު ހޯދިދާނެ ކަން އެންމެންނަށް ޔަގީންކޮށްދީފަ އެވެ. އެކަމަކު މިހާރުވެސް ނަވާޒު ހުތުރު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަރަށް ގިނައިން މަލާމާތްކުރެ އެވެ. މިފަދަ މީހުންނަށް ޓްވީޓަކުން އޭނާ ވަނީ ޖަވާބު ދީފަ އެވެ.

"އަހަރެން ކަޅުވެފައި ހުތުރު ކަމުން، ރީތި ދޮން ބަތަލާއިންނާއެކު އަހަންނަށް ބަތަލުގެ ބައި ނުކުޅެވޭނެކަން ހަނދާން ކޮށްދިން މީހުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަހަރެން ދުވަހަކުވެސް އެ ގޮތަށް ކުރިއަށް ދާކަށް އުންމީދެއް ވެސް ނުކުރަން،" ނަވާޒުގެ ޓުވީޓްގައި ބުނެފައިވެ އެވެ.

އޭޝިއަން އޭޖަށް ނަވާޒުއްދީން ދީފައިވާ އިންޓަވިއުއެއްގައި ބުނި ގޮތުގައި އިންޑަސްޓްރީގެ މީހުންނާ އެއްވެސް ގުޅުމެއް ނެތި ބޭރުން އައިސް އިންޑަސްޓްރީއަށް ވަން މީހަކަށް ވާތީ އޭނާއަށް ވަރަށް އުނދަގޫވި އެވެ. އަދި އޭނާގެ ކިބައިގައި ހީރޯއެއްގެ ސިފަ ނެތް ކަމަށް ވަރަށް ގިނައިން މީހުން އޭނާއަށް ދިމާލަށް ބުނެފައި ވެސްވެ އެވެ.

"އަހަރެންގެ ސިކްސް ޕެކެއް ނެތް. އަހަންނަކީ ދިގު އަދި ރީތި މީހެއް ނޫން. އަހަރެންގެ ގައިގެ ކުލަ ނުލާހިކު ކަޅު. އެހެންވެ މީހުން އަހަރެން ޖަޖްކުރަނީ އަހަރެން ބޭރުފުށުން ފެންނަ ސިފަޔަށް ބަލާފައި. އަހަރެންގެ އަމިއްލަ އަވަށުގައި ވެސް މީހުން ބުނާނެ އަންބެއް ހޯދާއިރުވެސް ހޯދަން ޖެހޭނީ ހަމުގެ ކުލަ ދޮން އަންހެނެކޭ،" ނަވާޒުއްދީން ބުންޏެވެ.

ފިލްމު އިންޑަސްޓްރީން ދިމާވި ހުރިހާ ހުރަހެއް ގިރާ ކުރުމަށްފަހު މިއަދު ނަވާޒުއްދީން ވަނީ އޭނާގެ އަމިއްލަ މަގާމެއް ބޮލީވުޑުން ހޯދާފަ އެވެ. އެއްވެސް ފިލްމެއްގައި އޭނާ ކުޅެފައިވާ ކެރެކްޓާއަކުން ބެލުންތެރިން މާޔޫސެއް ނުވެ އެވެ. ކިތަންމެ ކުޑަ ކުޑަ ރޯލަކަށް ވެސް އޭނާ އިންސާފުކޮށްލަނީ އެހާ ފުރިހަމައަށެވެ.

އޭނާ އެންމެ ފަހުން ކުޅުނު ޝްރީދޭވީގެ "މޮމް" އައި ރަންބީރު ކަޕޫރާއި ކެޓުރީނާ ކައިފްގެ "ޖައްގާ ޖާސޫސް"ގައި ކުޅެފައިވާ ބައިތަކަށް ވިސްނާލުމުން ވެސް އޭނާގެ ކުޅަދާނަކަން ޔަގީންވެ އެވެ. މީގެން ކޮންމެ ފިލްމެއްގައި ވެސް އެހެން ގިނަ އެކްޓަރުންތަކެއް އުޅުނަސް ނަވާޒް ވަނީ އޭނާއަކީ ވެސް ފިލްމަށް ވަރަށް މުހިއްމު ކެރެކްޓާއެއް ކަން އެންމެންނަށް ސާބިތު ކޮށްދީފަ އެވެ.

މިހާރު އޭނާ ކުޅެމުންދާ ޓައިގާ ޝްރޮފްގެ "މުންނާ މައިކަލް" އާއި "ބާބޫމޮޝާއި ބަންދޫކްބާޒް"ގެ ތެރެއިން ފަހުން މި ބުނި ފިލްމަކީ އޭނާ ބަތަލުގެ ބައި އަދާކުރާ ފިލްމެއް ކަމަށް ވެ އެވެ.