19 ޖުލައި 2017 - 06:36

އަނުޝްކާ ޝަރުމާއާ އެކު ޝާހްރުކް ޚާން ކުޅޭ ތިން ވަނަ ފިލްމު "ޖަބް ހެރީ މެޓް ސޭޖަލް" އިންޑިއާއަށް ވުރެ ކުރިން އަރަބި ގައުމުތަކުގައި ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.
އެ ފިލްމު މި ގައުމުތަކުގައި ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 3 ވަނަ ދުވަހު އެވެ. ނަމަވެސް އިމްތިޔާޒު އަލީ ޑައިރެކްޓްކޮށްފައިވާ މި ފިލްމު އިންޑިއާގައި ރިލީޒްކުރާނީ އޮގަސްޓް 4 ގައެވެ.
ޝާހްރުކް ކޮށްފައިވާ ޓުވީޓެއްގައި ޔޫއޭއީ އާއި ގަލްފުގެ ގައުމުތަކުގައި މި ފިލްމު އަވަހަށް ރިލީޒްކުރާކަން ވަނީ ޔަގީން ކޮށްދީފަ އެވެ.
މީގެ ކުރިން ޝާހްރުކް އާއި އަނުޝްކާ އެކުގައި ކުޅުނު "ރަބް ނޭ ބަނާދީ ޖޯޅީ" އާއި "ޖަބް ތަކް ހެ ޖާން" ވެސް ވަނީ ބޮޑު ކާމިޔާބެއް ހޯދާފަ އެވެ. އެހެންކަމުން މި ފިލްމުވެސް ކާމިޔާބުވާނެކަމަށް ގިނަ ބަޔަކު އުންމީދު ކުރެ އެވެ.
މި ފިލްމުގެ ޝޫޓިން ޕްރާގް، އެމްސްޓެޑަމް، ވިއެނާ، ލިޒްބަން އަދި ބުޑަޕެސްޓްގައި ކުރިއަށް ގެންގޮސްފައި ވެ އެވެ. އެހެންކަމުން މި ތަންތަނުގެ ވަރަށް ރީތި މަންޒަރުތައް ފިލްމުން ފެންނާނެ ކަމަށް ޔަގީން ކުރެވެ އެވެ.