19 ޖުލައި 2017 - 08:23

އާދިއްތަ ދުވަހާގުޅޭ)
"ކޯޗެއް ފެންނަނީ؟" ރާޝިދު އެހިއެވެ.
އިނާޔާ ޖަވާބެއް ނުދިނެވެ. ފަންގިފިލަޔަށް ބަލަހައްޓައިގެން އިނީއެވެ. ހީވަނީ ފަންގިފިލާގައި ކޮންމެވެސް އެއްޗެއް އިންހެނެވެ. އިނާޔާގެ މޫނުމައްޗަށް ދެން ވެރިވީ ބިރުވެރިކަމެވެ. ނުތަނަވަސްކަމެވެ.
"އިނާޔާ!" ވަރަށް އޯގާތެރިކަމާ އެކު ރާޝިދު ބުންޏެވެ. "އެނދުގަ އޮށޯވެލާ!"
ރާޝިދު ލޮލުން އިޝާރާތްކޮށްލުމުން ނާޒިމާ ގޮސް އިނާޔާ އެނދުގައި ބޭއްވިއެވެ.
"ބިރުނުގަނޭ!" ރާޝިދު ހިތްވަރުދިނެވެ. "ﷲ ގެ ޢަދުއްވުން ޖެހޭނީ ބަލިވާން. ޝައިތާނުން ބަލާނެ އިންސާނުން ބިރުގަންނަވަން ކުރެވެންހުރި ހުރިހާ ކަމެއް ކުރެވޭތޯ. ކޯޗެއް ފެންނަނީ؟"
"ވަރަށް.." އިނާޔާ ވާހަކަދައްކަން މަސައްކަތް ކުރިއެވެ. "ވަރަށް ބޮޑު އެއްޗެއް. ބޮލުގަ ދަޅުތަކެއް ފަޅައިފަ، ބޮޑު ދެ ކަންފަތް ލާފަ، ރަތްކުލައިގެ، ބޮޑުސިންގާ ދެ ލޯ ލާފަ، މުޅި ގައިގަ ހުރީ.. މިހާރު އޭގެ ބޯ ނުވެސް ފެނޭ. މާ ދިގުވެއްޖެ!"
އެ ތަނުގެ ތެރެއަށް ނުބައި ވަހެއް ފެތުރުނެވެ. ނާޒިމާގެ ގޭތެރެއިން ކުނިވަސްދުވުމަކީ، ފަހަކަށް އައިސް އާންމުކަމެކެވެ. އެކަމަކު، އެ ތަނުން ދުވި ވަސް އާދަޔާޚިލާފެވެ. ނާޒިމާ އަނބުރައިނުގަތީ ކިރިޔާއެވެ. އެއީ، ފަރުހަކިވަހާއި، ކުނި ބިސް ވަހާއި، ކުނި ގޮހޮރުވަސް އެކުވުމުން ދުވާ ކަހަލަ ނުބައި ވަހެކެވެ. އިނާޔާ ވާހަކަނުދެއްކުމުން ރާޝިދު ކިޔަވަން ފެށިއެވެ.
"ހުއްޓާލާ!" އިނާޔާ ހާސްވެފައި ބުންޏެވެ. "ދެން ނުކިޔަވާ! އޭތި އަނދަނީ. މުޅި ގައިގަ ރޯވެއްޖެ!"
ނާޒިމާއަކަށް އެކައްޗެއް ވެސް ނުފެނެއެވެ. އެހެންނަމަވެސް، އިނާޔާގެ އަޑުގައިވާ ހާސްކަމުން ނާޒިމާއަށް ދޭހަވީ އިނާޔާއަށް އެ އެއްޗެއް ފެންނަކަމެވެ. ގާތުގައި އެ އެތި ހުރިކަމެވެ.
"އެ ކަމާ އިނާޔާ ނުވިސްނާ!" ރާޝިދު ހަމަޖެހިލައިފައި ބުންޏެވެ. "އޭނަ އެ އަނދަނީ އޭނަގެ ހުރި ބޮޑާކަމާ ކިބުރުވެރިކަމުގެ ސަބަބުން. އެ ކަމާ އިނާޔާ ވިސްނާނެކަމެއް ނެތް."
އިނާޔާ އިތުރު އެއްޗެއް ނުބުނެއެވެ. ހަމަހިމޭންވެފައި އޮތީއެވެ. ފެންނަ މަންޒަރު ބަޔާންކުރާނެ ގޮތެއް ނޭނގިފައެވެ. ބޮޑުކަމުން އަޅާކިޔާނެ އެއްޗެއް ނުވިސްނުނީއެވެ.
"އިނާޔާ!" ރާޝިދު ގޮވައިލިއެވެ.
"މުޅި ތަނުގަ އަލިފާން ހިފައިފި،" އިނާޔާ މަޑުމަޑުން ބުންޏެވެ. "އޭތި އަނދާ ހުލިވެއްޖެ! ބޮލުގަ ރިއްސަނީ."
"އަދިވެސް ރިއްސާ؟ ތިހެން ވިއްޔާ ތި އެނދީ އެހެން އެއްޗެއް،" ރާޝިދު ބުންޏެވެ. "އެންމެ ބޮޑު އެތި ކޮބާ؟ އޭނަ ގެނޭ. ބުނޭ އަންނާށޭ. އެހެން ހިތަށްއަރުވާ!"
"ނެތޭ ބޮޑު އެއްޗެއް." އިނާޔާ ބުންޏެވެ.
"އުހުނ! ބޮލުގަ އަދިވެސް ރިއްސަންޏާ އޭގެ މާނައަކީ ސިހުރު ހިފައިގެން ހުރި ބޮޑު އެތި އަދި ނުނިކުމެޔޭ،" ރާޝިދު ގަބޫލެއް ނުކުރިއެވެ. "ހިތަށްއަރުވާ ނުކުންނާށޭ. ބުނޭ ނުކުންނާށޭ. ނުކުންނަން ޖެހޭނީ."
ޖިންނިޝައިތާނުންނަކީ މަކަރުވެރި އެއްޗެކެވެ. ކޮންމެތާކު ވެސް ފިލައިއޮވެދާނެއެވެ. ރާޝިދަށް އެ ކަން އެނގެއެވެ. ވަރަށް ގިނަ ފަހަރަށް، ފައިގެ ހުޅެއްގައި އޮވެއްޖެ ނަމަ ފައި މައްޗަށް އަރާނެއެވެ. އަތުގެ ހުޅެއްގައި އޮވެއްޖެ ނަމަ އަތް މައްޗަށް އަރާނެއެވެ. އެހެން ނުވެއްޖެ ނަމަ، ދެން ބާކީ އޮންނާނީ ހަށިގަނޑާއި ބޮލެވެ. ރާޝިދު ކިޔަވަން ފެށިއެވެ. އިނާޔާ ތުންތެޅުވިއެވެ. ކިޔާ އެއްޗެއް ނީވެއެވެ. ނާޒިމާ އިނީ ދެން ވާނެ ގޮތެއް ބަލާށެވެ.
"ފެނިއްޖެ!" ކުއްލިއަކަށް އިނާޔާ ބުންޏެވެ. "ބޮލުގެ ވަރަށް އެތެރޭގަ އިނީ. ބޮޑުސިންގާ އެއްޗެއް. ވެނެއްހެން އިރުއިރުކޮޅާ އެބަ ބޯދިއްކޮށްލާ! ބޯދިއްކޮށްލާފަ އެތެރެއަށް ވަންނަނީ."
"ކޮން ބޮލެއް ދިއްކުރާކަށް ﷲ ގެ ޢަދުއްވާ!" އަމުރުވެރި ރާގަކަށް ރާޝިދު ބުންޏެވެ. "ހަމަ މިހާރު ނުކުމޭ!"
"ވަރަށް ބޮޑޭ!" އިނާޔާ ބުންޏެވެ.
"ވަރިހަމަ ކިތަންމެ ބޮޑަސް،" ރާޝިދު ބުންޏެވެ. "އަމިއްލައަށްނު ވަނީ. ނުކުމޭ! ހަމަ މިހާރު ނުކުމޭ."
އިނާޔާ ބުނި ގޮތުގައި އެ އެތި ނުކުތީ ވަކި ހިސާބަކަށެވެ. ނުކުމެފައި ހުއްޓުނެވެ. ދެން ހުރި ގޮތަށް ހުރީއެވެ. އަލުން ނުވެސް ވަދެއެވެ. އިތުރަކަށް ނުވެސް ނުކުތެވެ.
"ނުނިކުންނާނަން!" އިނާޔާގެ އަޑު ބަދަލުވީ ވަރަށް ވަރުގަދަ ފިރިހެން އަޑަކަށެވެ.
ނާޒިމާގެ ހިތް ވަރަށް ބާރަށް ތެޅިގަތެވެ. އިނާޔާގެ އަޑު އެހާ ބަރުކުރެވިދާނެ ކަމަކަށް ނާޒިމާ ދުވަހަކު ވެސް ހިތަކަށް ނާރައެވެ. ވާހަކަދައްކަނީ އިނާޔާއެއް ނޫނެވެ. ނާޒިމާއަށް ކަށަވަރެވެ.
"އެއީ ކީއްވެ؟" ރާޝިދު ސުވާލުކުރިއެވެ. "ކޮބާ ކަލޭގެ މައްސަލައަކީ؟ ކީއްކުރަން ވަދެގެން ތި އުޅެނީ؟"
"މިހާރު ދެން ވަރަށް ދުވަސް ވެއްޖެ!" އިނާޔާ ލައްވާ އެ އެތި ބުނުވިއެވެ.
"އަޖައިބެއް ކަހަލަ ކަމެއްނު،" އަޑަށް ބާރުލައިފައި ރާޝިދު ބުންޏެވެ. "ދުވަސް ވިޔަކަސް އިންސާނެއްގެ ބޮލަކު ނޫނެއްނު ކަލޭ ދިރިއުޅޭނީ. ކަލޭ އުޅެން ހުންނާނެ އެހެން ތަންތަން ވެސް. ހަމަ މިހާރު ނުކުމޭ!"
"އިނާޔާ" އެއްވެސް ޖަވާބެއް ނުދިނެވެ. ނާޒިމާ އެއްފަހަރު ރާޝިދަށް އަނެއް ފަހަރު އިނާޔާއަށް ބަލައިލިއެވެ.
"މަ ކިޔަވަންވީތަ ނޫނީ ކަލޭ ނުކުންނާނީތަ؟" ރާޝިދު އިންޒާރު ދިނެވެ. "ކިޔަވާނީ އަޒާބަށް. ވާހަކަނުދެއްކިޔަސް އަހަންނަށް އެބަ އެނގޭ ކަލޭ އަދިވެސް ނުދާކަން. އެހެންވެ އަޒާބަށް ކިޔަވާނީ. ނުކުމެގެން ދިޔުން ނޫން އިތުރު ގޮތެއް ނޯންނާނެ. ހަމަ ގައިމު ވެސް ކަލޭ ތިހިރީ އިންސާނެއްގެ މައްޗަށް އަނިޔާވެރިވެފަ. އަހަރެން މި ކިޔަވަނީ ކަލޭގެ މައްޗަށް އަނިޔާވެރިވާކަށް ނޫން. އަހަރެންގެ ގަދަކަން ދައްކާކަށް ވެސް ނޫން. މި ކިޔަވަނީ ކަލޭ އިންސާނަކަށް އުނދަގޫކުރާތީ. މި ހުރިހާ ވާހަކައެއް ކިޔައިދީފަ އަހަރެން ކިޔެވިޔަސް އަހަރެން ނުވާނެ ކަލެއަށް އަނިޔާވެރިވި ކަމަކަށް."
އިނާޔާ އެއްވެސް ޖަވާބެއް ނުދިނެވެ. އޮތް ގޮތަށް އޮތީއެވެ.
"ފަހު އިންޒާރު މި ދެނީ،" ރާޝިދު ބުންޏެވެ. "ނުކުމޭ!"
"މަށަކަށް ނުނިކުމެވެޔޭ!" ފޫހިވެފައިވާ ރާގަކަށް އިނާޔާ ބުންޏެވެ. އަދި ހަޅޭއްލަވަން ފެށިއެވެ. "މަށަކަށް ނުނިކުމެވޭނެޔޭ! މަށަކަށް ނުނިކުމެވޭނެޔޭ."
ރާޝިދަށް ސަބަބު އެނގެއެވެ. ޖިންނީންގެ ތެރޭގައި ބައެއް ކަންކަން އޮންނަނީ އިންސާނުންގެ ތެރޭގައި ވެސް އޮންނަ ގޮތަށެވެ. މަސައްކަތް ހަވާލުކުރާނީ އެހެން މީހެކެވެ. މަސައްކަތް ކުރާނީ އެހެން މީހެކެވެ. ޖިންނީންގެ ތަފާތަކީ، މަސައްކަތް ނުކޮށްފި ނަމަ ދޭ މަރުގެ އަދަބެވެ.
"ބަލަ ކަލޭ އަމިއްޔަލަކަށްނު ވަނީ." ރާޝިދު ބުންޏެވެ.
"މި ބުނަނީނު ނުނިކުމެވެޔޭ،" އިނާޔާ ބުންޏެވެ. "މަ ވެސް ބޭނުމެއް ނުވާނެއްނު ކަލޭ ލައްވާ އެންދެން މިތާ ހުންނާކަށް."
"އެހެންތަ؟" ރާޝިދު ބުންޏެވެ. "ކަލެއަށް އެނގޭ ދޯ ކަލޭ އަނދާނެކަން؟"
"އާނ!" އިނާޔާ ބުންޏެވެ. "މަ އަނދާނެ."
ރާޝިދު ބަންގިގޮވަން ފެށިއެވެ. ﷲ އަކްބަރުގެ މާނައަކީ، ﷲ ގެ ކުޅަދުންވަންތަކަމާއި މާތްކަން އެހެން ހުރިހައި އެއްޗަކާއި ކަމަކަށް ވުރެ ބޮޑެވެ.
"އާނއެކޭ އާނއެކޭ!" ޖިންނި ރޮއިހޭރެމުން ބުންޏެވެ. "މަށަށް އެނގެޔޭ. ހަމަ ހުވަޔޭ މި ބުނަނީ. ނުނިކުމެވިގެންނޭ މަ މި އުޅެނީ. ކަލޭ ނިކަން މަ ނެރިބަލަ!"
އިންސާނާގެ ހަށިގަނޑަށް ވަނުމަކީ، ގިނަ ފަހަރަށް އެންމެ ފަސޭހަ ކަމެވެ. އުނދަގޫވަނީ ނުކުންނާށެވެ. ރާޝިދަށް އެ ކަން ވެސް އެނގެއެވެ.
"އަހަރެން ކިހިނެއް ކަލޭ ނެރެނީ؟" ރާޝިދު ވަރަށް ނޭނގިފައި ބުންޏެވެ. "މަށަކަށް ކަލޭ ފެންނަނީކީ ނޫން. ކަލޭ ބުނީމަ ބުނާ އެއްޗެއް އަހަންނަށް އެނގެނީ. ދެން އޭނައަށް ފެންނާނީ ކަލޭ ދެއްކި އެއްޗެއް. އަހަންނަކަށް ނޭނގޭ ކަލޭ ތި ބުނަނީ ތެދެއްކަމެއް ވެސް. ތެދެއްކަމަށް ވަންޏާ ކަލެޔަށް ވަރަށް ފަސޭހައިން ނުކުމެވެން ޖެހޭނެ. ކަލެޔަށް އެނގޭތަ ކަލޭ ތި ހަދާ ހުރިހާ ދޮގެއް ދެނެވޮޑިގެންވާ ފަރާތެއް ވާކަން؟"
"އެނގެޔޭ އެނގެޔޭ،" ޖިންނި ރޮއިގަތެވެ. "އަހަރެން ދޮގެއް ނަހަދަމޭ! މަ ނެރިބަލަ މި ތަނުން."
ރާޝިދު ދެން ވާހަކަދެއްކީ އިނާޔާއާއެވެ. ކަމުގެ ޙަޤީޤަތް ބެލުމުގެ ގޮތުންނެވެ.
"އެ ކަލޭގެ އެ ބުނަނީ ތެދެއްތަ؟" ރާޝިދު ސުވާލުކުރިއެވެ. "ރަނގަޅަށް ބަލައިލަބަލަ!"
"އާނ!" އިނާޔާގެ އަސްލު އަޑުން ބުންޏެވެ. "ވަށައިގެން މޮހޮރުޖަހާފަ ހުރި ފާޑެއްގެ ދަގަނޑު ފޮށްޓެއް ހިފައިގެން ހުރީ."
އެ ފޮށްޓަކީ ސިހުރެވެ. ސިހުރު ހަވާލުކޮށްފައިވާ ޖިންނި ހުންނާނީ ފޮށި ހިފައިގެންނެވެ. ރާޝިދަށް އެ ކަން އެނގެއެވެ.
"އަތް ބުރިކޮށްލާ!" ރާޝިދު ބުންޏެވެ. "އޭރުން ސިހުރު ވަކިވާނެ."
"ކިހިނެއް އަހަރެން ހަދަންވީ؟" އިނާޔާ ސުވާލު ކުރިއެވެ.
"ބިސްމި ކިޔައިފަ އެ ފޮށި އޮތް އަތުގަ ޖަހާ!" ރާޝިދު ބުންޏެވެ.
އިނާޔާ އެ ގޮތަށް ކަން ކުރިއެވެ. ބިރުން ހުރެމެއެވެ. ރާޝިދުގެ ބަހަށް އިތުބާރު ކޮށްފައެވެ.
"އަތް ބުރިވެގެން ވެއްޓިއްޖެ!" އިނާޔާ ޖަވާބުގައި ބުންޏެވެ.
އިނާޔާއަށް ހުރިހައި މަންޒަރެއް ފެނެއެވެ. އަތްބުރި އޮތީ ހޯނެއްގެ ނަގޫހެން ތެޅިތެޅިއެވެ.
"ދެން މިހާރު ކަލެއަށް ނުކުމެވެން ޖެހޭނެ،" ރާޝިދު ބުންޏެވެ. "ނުކުމޭ!"
"އަދިވެސް ނުނިކުމެވެޔޭ!" ޔޭއަށް ދަމައިލައިފައި، ފިރިހެން އަޑަކުން އިނާޔާ ހޭރިގަތެވެ. "މަ އެބުއުޅޭތަ މި ތާ ހުންނަން؟ މަށަށް ނުނިކުމެވިގެނޭ މި އުޅެނީ. ހަމަ ހުވަޔޭ. ނުނިކުމެވެޔޭ ނުނިކުމެވެޔޭ!"
އިނާޔާގެ އެހީގައި ވާނުވާ ބެލިއިރު، އެ އެތީގެ ބޮލުގައި ހުރި ދަޅު ވަރަށް ދިގެވެ. ދަޅުގައި ޖަހައިފައިވާ ހިލިހިލާ ހުރީ ބުރިކަށްޓާ ދިމާއިން ގެނެސް އަތުގެ އުޅަނބޮށީގައި ވަރަށް ބާރަށް އޮޅައިގެން ގެނެސް ކަކުލު ހުޅުގައި އޮޅައިފައި، އަނެއް ފައިގައި ވެސް އޮޅައިފައެވެ. އެ ހިލިހިލާގަނޑުގެ ކޮޅެއް ނުފެނެއެވެ. ހީވަނީ ކޮންމެވެސް އެހެން އެއްޗެއްގައި އައްސައިފައިވާހެންނެވެ. ރަނގަޅަށް ބެލިއިރު ހިލިހިލާގަނޑު އައްސައިފައި ހުރީ ދަނގަނޑު ފޮށްޓެއްގައެވެ. އިނާޔާ އެ ވާހަކަ ބުންޏެވެ. އެއީ ވެސް ސިހުރުކަން ރާޝިދަށް އެނގެއެވެ. ޖިންނިން މަކަރުހަދައިފާނެތީ، ބައެއް ފަހަރު ސިހުރާ ޖިންނިޔާ އެއްކޮށް ބަނދެފައި ހުރެއެވެ.
"ފޮށި ހިފައިގެން ކަލޭ ނިކުމޭ!" ރާޝިދު އަމުރުކުރިއެވެ. "ކަލެއެއްނު ތި އެއްޗެއް ގެނައީ ވެސް."
"މަށަކަށް އެ ނުއުފުއްލެޔޭ!" ޖިންނި ރޮއިގެންފައި ބުންޏެވެ. "މަށަކަށް ނުނިކުމެވޭނެޔޭ!"
"އެހެންވިއްޔާ މި ކިޔަވަން ފަށަނީ،" ފަހު އެތިފަހަރަށް ރާޝިދު ތައްޔާރުވިއެވެ. "ކަލެޔަށް ނުކުމެވުނު ގޮތަކަށް ނުކުމޭ! އަހަންނަށް ވަރިހަމަ ކޮންމެ ގޮތަކަށް ނުކުތަސް. ލައްކަ ވާހަކަ ދެއްކިއްޖެއްނު! ދެން ނެތް އިތުރު ގޮތެއް."
ރާޝިދު ކިޔަވަން ފެށިއެވެ. ވަމުންދިޔަ ގޮތް ކިޔައިދެނީ އިނާޔާއެވެ.
ނުނިމޭ