18 ޖުލައި 2017 - 10:45

ދިމިޝްގު (ޖުލައި 18) - ސީރިއާގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ވެރިރަށުގެ ގޮތުގައި ބަލާ ރައްގާ އަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށައިފި އެވެ.
ރައްގާގެ ހުޅަނގުގެ ހިސާބުތަކަށް ވައިގެ ހަމަލާތައް ދެނީ އެމެރިކާ ކޯލީޝަނުންނެވެ. އެ ސަރަހައްދުގެ ޖައްވު ވަނީ ބޯ ދުމުން ފުރިފަ އެވެ. އޭއެފްޕީ ނިއުސް އެޖެންސީން ބުނީ އިއްޔެ އަކީ މިހާތަނަށް ރައްގާ އަށް އެންމެ ވަރުގަަދަ އަށް ވައިގެ ހަމަލާތައް ދިން ދުވަސް ކަމަށެވެ.
އެމެރިކާ ކޯލީޝަނުގެ މަދަދު ލިބޭ ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އިން ބުނީ އާދިއްތަ ދުވަހުން ފެށިގެން ރައްގާ އަށް ދިން ހަމަލާތަކުގައި އައިއެސްގެ 11 ހަނގުރާމަވެރިން މަރާލާފައިވާ ކަމަށެވެ. އައިއެސްގެ ޚަބަރުތައް ގެނެސްދޭ އައުމާގު ނިއުސް އެޖެންސީން ބުނީ އާދިއްތަ ދުވަހު އެކަނިވެސް އެސްޑީއެފްގެ 14 މީހުން މަރާލާފައިވާ ކަމަށެވެ.
އެސްޑީއެފްގެ ތަރުޖަމާނަކު ވިދާޅުވީ ކޯލީޝަނުގެ ހަމަލާތަކުގެ ބޭނުމަކީ ރައްގާގައި ތިބި އާއްމުންނަށް ލިބޭ ގެއްލުންތައް ވީހާވެސް ކުޑަކޮށް، މަޑުމަޑުން ކުރިއެރުން ކަމަށެވެ. ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ ރައްގާގެ 35 ޕަސެންޓް މިހާރު އޮތީ އެސްޑީއެފްގެ ބާރުގެ ދަށުގައި ކަމަށެވެ.
ރައްގާ ހިފުމުގެ ހަނގުރާމަ ހޫނުވެފައިވާ އިރު އިރާގުގައި އައިއެސްގެ ވެރިރަށުގެ ގޮތުގައި ބެލި މޫސަލް މިހާރު ވަނީ ފަތަހަކޮށްފަ އެވެ. ރައްގާ ގެއްލިއްޖެ ނަމަ އައިއެސްގެ ބާރު ގާތްގަނޑަކަށް ކެނޑޭނެ އެވެ. ނަމަވެސް އިރާގުގެ ބޯޑަރާ އިންވެގެން އޮންނަ ދައިރުއްޒޫރުގައި އަދިވެސް އައިއެސްގެ ހަނގުރާމަވެރިން ކޮންމެވެސް ވަރަކަށް ހަރަކާތްތެރިވެ އެވެ.