ޓޮޓީ ރޯމާގެ ޑިރެކްޓަރުންގެ ބޯޑަށް
ޓޮޓީ ރޯމާގެ ޑިރެކްޓަރުންގެ ބޯޑަށް

ރޯމް (އޮގަސްޓް 18) – ފުޓްބޯޅަ ކުޅުން އެއްކޮށް ހުއްޓާލައި އޭއެސް ރޯމާގެ ޑިރެކްޓަރުގެ މަގާމާ ހަވާލުވާން ނިންމާފައިވާކަން އެ ޓީމުގެ ލެޖެންޑް ފްރެންޗެސްކޯ ޓޮޓީ އިއުލާންކޮށްފި އެވެ.

މިދިޔަ ސީޒަނަށް ފަހު ރޯމާއާ ވަކިވި އުމުރުން 40 އަހަރުގެ ޓޮޓީ ވަނީ އެހެން ގައުމެއްގައި ކުޅެފާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. އެކަމަކު އޭނާ ވަނީ ކުޅުން އިތުރަށް ކުރިއަށް ނުގެންގޮސް ރޯމާގެ ޑިރެކްޓަރުންގެ ބޯޑާ ގުޅޭނެކަން ކަށަވަރުކޮށްދީފަ އެވެ.

"އަހަރެންގެ ހަޔާތުގެ ފުރަތަމަ ބައި، ކުޅުންތެރިއެއްގެ ގޮތުގައި ނިމިއްޖެ. މިހާރު އަހަރެން މިކުރިމަތިލަނީ ހަމަ އެހާމެ މުހިއްމު މަސައްކަތަކާ. ދަނޑުމަތީގައި ކުރެވުނު ރަނގަޅު މަސައްކަތް މި ދާއިރާގައި ވެސް ކުރެވޭނެ ކަމަށް އުއްމީދުކުރަން،" ޓޮޓީ ބުންޏެވެ.

އުމުރުން 12 އަހަރުގައި 1989 ވަނަ އަހަރު ރޯމާއާ ގުޅުނު ޓޮޓީ ސީނިއާ ޓީމަށް ކުޅެން ފެށީ އުމުރުން 16 އަހަރުގައި 1993 ވަނަ އަހަރެވެ. އޭނާ ވަނީ އެ ކްލަބާ އެކު އިޓާލިއަން ލީގު އެއް ފަހަރު އަދި އިޓާލިއަން ކަޕް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. އޭނާ އަށް އެކި ދުވަސްވަރު ބޮޑެތި އޮފާތަކެއް ލިބުނު ނަމަވެސް ރޯމާ ދޫކޮށްލަން އެއްބަހެއްނުވި އެވެ. ޓޮޓީ ވަނީ 2006 ވަނަ އަހަރު އިޓަލީއާ އެކު ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ. މިދިޔަ ސީޒަނަށް ފަހު ރޯމާއާ ވަކިވީ އެ ޓީމަށް 786 މެޗު ކުޅެދީފަ އެވެ.

"އަހަރެން ބޭނުމެއް ނުވި އެ މެޗު ނިމެން. އެ ދުވަހަށް ނިމުމެއް އަންނަން ބޭނުމެއް ނުވި،" ޓޮޓީ ބުންޏެވެ.