ގޮނޑި ގެއްލުވާލައި އަނދަގޮނޑި ޖެހިއަސް ވޯޓު ދޭނީ މަސީހާ ދެކޮޅަށް: މުހައްމާ
ގޮނޑި ގެއްލުވާލައި އަނދަގޮނޑި ޖެހިއަސް ވޯޓު ދޭނީ މަސީހާ ދެކޮޅަށް: މުހައްމާ

ގޮނޑި ގެއްލުވާލައި އަނދަގޮނޑި ޖެހިއަސް ވޯޓު ދެއްވާނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް ކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) މިރޭ ވިދާޅުވެއްޖެ އެވެ.

މަސީހު މަގާމުން ދުރު ކުރަން ސޮއި ކުރައްވައި ޕީޕީއެމުން ވަކިވެވަޑައިގެންނެވި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުހައްމާ ވެސް މަސީހާ ދެކޮޅަށް ކުރެއްވި ސޮއި މިރޭ 12 ގެ ކުރިން އަނބުރާ ގެންދެވުމަށް ޕީޕީއެމުން ވަނީ އަންގައިފަ އެވެ.

ރާއްޖެއިން ބޭރުގައި ހުންނެވި މުހައްމާ ފޯނުން "މިހާރު" އަށް ވިދާޅުވީ ބިރުދައްކައި ފިއްތުންތައް ކުރިމަތިކޮށް، އަނދަގޮނޑި ޖެހިއަސް އޭނާގެ ނިންމުން ބަދަލު ނުކުރައްވާނެ ކަމަށެވެ. މަޖިލީހުގެ ރައީސް ކަމުގައި ހުންނަވައި ސަރުކާރުން ބޭނުންވާ ގޮތަށް މަސީހު ކޮށްދެއްވަމުން ގެންދަވާ ކަންކަން ހުއްޓުވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ ނިންމުން ބަދަލެއް ނުކުރާނަން، ސާބިތުކަންމަތީގައި މިހިރީ. ދާއިރާގެ ވަރަށް ގިނަ ޒުވާނުންގެ އެދުމަކީ މިއީ،" މުހައްމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގައި އޭނާ ތަމްސީލުކުރައްވާ ގޮނޑި ގެއްލުވާލިއަސް އޭނާ ހުންނަވާނީ އިހަވަންދޫ ދާއިރާގެ ރައްޔިތުންނާ އެކުގަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރައްޔިތުންނާ ދެކޮޅަށް ކުރަމުން ގެންދާ ކަންކަމަށް ބަލާއިރު މި ވެރިކަން މާގިނަ ދުވަހަކު ދެމިއޮންނާނެ ކަމަކަށް ވެސް ގަބޫލުނުކުރައްވާ ކަމަށް މުހައްމާ ވިދާޅުވި އެވެ.

"ރައްޔިތުންގެ ލޯތްބެއް ރައީސް ޔާމީނަކަށް ނުލިބުނު. ދޮޅަހަކަށް ރައްޔިތުންނާއި މިނިވަން މުއައްސަސާތަކާއި މަޖިލީހުގެ ދެތިން އެމްޕީއެއްގެ ލޯބި ހޯއްދަވައިގެން ވެރިކަން ކުރެއްވިދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ވެރިކަމުގައި ހުންނަވައިގެން ރައްޔިތުންނާ ދެކޮޅަށް ވަރަށް ގިނަ ކަންކަން ކުރައްވައިފި. މި ކަންކަމާ މެދު މާފަށް އެދިވަޑައިގެން އިސްތިއުފާ ދެއްވުން ނޫން ގޮތެއް ނެތް،" މުހައްމާ ވިދާޅުވި އެވެ.

މުހައްމާ ވިދާޅުވީ ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި އޭނާ ހުންނެވިއިރު ވެސް ރައްކާތެރިކަމާއި ސަލާމަތްތެރިކަމުގެ އެއްވެސް ޔަގީންކަމެއް ނޯންނަ ކަމަށެވެ. އެ ހާލަތަށް ވެއްޓި، ގައުމުގެ މިސްރާބު ގޯހުން ގޯހަށް ދިއުމުން އެކަން ރަނގަޅު ކުރުމަކީ ރައްޔިތުން ހޮވާފައި ތިބި މަންދޫބުންގެ ޒިންމާއެއް ކަަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ވެރިކަން ފެށިގެން އަންނަނީ ވެސް ރައްޔިތުންގެ ކިބައިން، ރައްޔިތުން ބޭނުންވާ ފަދަ ހެޔޮވެރިކަމެއް ރައީސް ޔާމީނަށް ނުކުރެއްވުނު،" މުހައްމާ ވިދާޅުވި އެވެ.