17 ޖުލައި 2017 - 18:55

މެލޭޝިއަން އޯޕަން އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި ބައިނަލްއަގްވާމީ ކުޅިވަރު އިވެންޓަކުން މި އަހަރު ރާއްޖެ އަށް ފުރަތަމަ ރަން މެޑަލް ހަސަން ސާއިދު ހޯދައިދީފި އެވެ.
އޭޝިއާގެ ހަތަރު ވަނަ އަށް އެންމެ ބާރު ދުވުންތެރިއާ ސާއިދު، ދެކުނު އިރުމަތީ އޭޝިއާގެ އެންމެ ބާރު ދުވުންތެރިންނާ ވާދަކޮށް އެއް ވަނަ ހޯދީ 10:48 ސިކުންތުން ދުވެގެންނެވެ. އޭނާ ވާދަކުރި ދުވުންތެރިންގެ ތެރޭގައި މެލޭޝިއާ، ފިލިޕީންސް، އިންޑޮނީޝިއާ އަދި ސިންގަޕޫރުގެ ދުވުންތެރިން ހިމެނެ އެވެ. އޭނާ ފައިނަލުން ޖާގަ ހޯދީ މިއަދު މެންދުރުފަހު ސެމީ ފައިނަލުގައި ވާދަކޮށް ހީޓުގެ އެއް ވަނަ ހޯދައިގެންނެވެ.
މި އިވެންޓުން ގައުމީ ރެކޯޑް، 10:33 ސިކުންތުން ދުވެގެން ހަދާފައިވާ ސާއިދު މިރޭ ފައިނަލުގައި ވާދަކުރި އެހެން ދުވުންތެރިންގެ ޓައިމިން އަދި ނުލިބެ އެވެ. ކުރިއަށް އޮތް ދެކުނު އިރުމަތީ އޭޝިއާގެ މައި ކުޅިވަރު ގޭމްސް އަށް ތައްޔާރުވަމުން އަންނަ ދުވުންތެރިންނާ ވާދަކޮށް ސާއިދު އެއް ވަނަ ހޯދުމަކީ ދެކުނު އޭޝިއާގެ އެތުލެޓިކްސް އަށް ވެސް ލިބުނު ޝަރަފެކެވެ.
މިއީ ސާއިދު ކެރިއަރުގައި ހޯދި ތިން ވަނަ ރަން މެޑަލެވެ. އަދި ޖެހިޖެހިގެން ތިން އަހަރު ތެރޭ ހޯދި ތިން ވަނަ ރަން މެޑަލް ވެސް މެ އެވެ.
ރިޔޫނިއަންގައި 2015 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި ރާއްޖެ އަށް ބައިނަލްއަގްވާމީ ކުޅިވަރު ގޭމްސްއަކުން ފުރަތަމަ ރަން މެޑެލް ގެނެސްދިން ސާއިދު ވަނީ މިދިޔަ އަހަރުގެ އިންޑިއަން ގްރޯން ޕްރީގައި ވެސް 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ.
އެއާ އެކު ސާއިދު މި ވަނީ އިންޑިއަން އޯޝަން (އެފްރިކާގެ ހުޅަނގު ބިތުގެ ސަރަހައްދު) އާއި ދެކުނު އޭޝިއާ އަދި ދެކުނު އިރުމަތީ އޭޝިއާ، މި ތިން ސަރަހައްދުން ވެސް ރަން މެޑަލް ހޯދައިފަ އެވެ. އޭނާ ވަނީ ދެކުނު އޭޝިއާގެ ރަސްމީ މުބާރާތް ކަމަށްވާ ސައުތު އޭޝިއަން ގޭމްސްގައި މިދިޔަ އަހަރު 100 މީޓަރު ދުވުމުންނާއި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ. އަދި 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ވެސް 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ.
ދާދި ފަހުން އިންޑިއާގައި ބޭއްވި އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުން ހަތަރު ވަނަ ހޯދައި މި ބިޔަ އޭޝިއާގެ ހަތަރު ވަނަ ހޯދި ސާއިދު ވަނީ މި އަހަރު ރާއްޖެ އަށް އޭޝިއާ ފެންވަރުގެ ފުރަތަމަ މެޑަލް ވެސް ހޯދައިދީފަ އެވެ. ޓައިވާނުގައި މި އަހަރުގެ އޭޕްރިލް މަހު ބޭއްވި އޭޝިއަން ގްރޯން ޕްރީ އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުން ސާއިދު ވަނީ ލޯ މެޑަލް ހާސިލްކޮށްފަ އެވެ. އޭޝިއަން ގްރޯން ޕްރީ އަކީ އޭޝިއާގެ ފެންވަރު ރަނގަޅު އެތުލީޓުންނަށް ދައުވަތު ދީގެން އޭޝިއަން އެތުލެޓިކްސް އެސޯސިއޭޝަނުން ބާއްވާ ޝަރަފްވެރި މުބާރާތެކެވެ. މި ރޭހުގައި ސާއިދު ވަނީ އިންޑިއާ އާއި ސްރީ ލަންކާގެ ވަރުގަދަ ދުވުންތެރިން ފަހަތަށް ޖައްސާލައިފަ އެވެ.
ރާއްޖޭގެ ކުޅިވަރު ތާރީހު ދުށް އެންމެ ކާމިޔާބު އެއް އެތުލީޓް ސާއިދުގެ ވަނީ މިދިޔަ އަހަރުގެ ރިއޯ އޮލިމްޕިކްސްގެ ޕްރިލިމިނަރީ ބުރުގެ އެއް ވަނަ ހޯދައި، އެ ޝަރަފް ހޯދި ފުރަތަމަ ދިވެހި ދުވުންތެރިޔާއަށް އަށް ވެސް ވެފަ އެވެ.