ރުކަށް އެރުމުގެ މުބާރާތެއްގެ އެއް ވަނަ ކުކް އައިލެންޑް މީހަކަށް
ރުކަށް އެރުމުގެ މުބާރާތެއްގެ އެއް ވަނަ ކުކް އައިލެންޑް މީހަކަށް

ތަހިތީ (ޖުލައި 17) - ރުކަށް އެރުމުގެ ވޯލްޑް ޗެމްޕިއަންޝިޕުގެ އެއް ވަނަ ކުކް އައިލެންޑްސްގެ މީހަކު ހޯދައިފި އެވެ.

ތަހިތީ މިއުޒިމްގައި ބޭއްވި މުބާރާތުގައި އަށް މީޓަރު (26.25 ފޫޓު) ގެ ރުކަކަށް އަރައިގެން 16 ބައިވެރިންނާ ވާދަކޮށް ޖޯޖް އިޔޯނާ އެއް ވަނަ ހޯދީ 5.62 ސިކުންތުން ރޭސް ނިންމައިގެންނެވެ. ރޭހުގެ ކުރިން ބެލެވިފައި ވަނީ އެއް ވަނަ ހޯދާނީ އެމެރިކަން ސަމާއޯގެ މީހެއް ކަމަށްވާ ފިއާޕައި އެލިއޯ ކަމަށެވެ. އިޔޯނާ ރުކަށް އަރާފައި ވަނީ އެލިއޯ އަށް ވުރެ ސިކުންތެއްގެ ސަތޭކަ ބައިކުޅަ އެއްބައި އަވަހަށެވެ.

ރުކަށް އަރަން ޖެހޭނީ ފައިގައި ޅާނބު ބޭނުންކޮށްގެންނެވެ. ކޮންމެ މީހަކަށް ވެސް ދެ ފުރުސަތު ދެ އެވެ. މީގެ ތެރޭން ވަނަ ހޮވާނީ އެންމެ އަވަހަށް ނިންމާ ފަހަރުގެ ވަގުތަށް ބަލައިގެންނެވެ.

މުބާރާތް އިންތިޒާމް ކުރި ފަރާތުން ތަހިތީ ރޭޑިއޯ އަށް ބުނީ އިޔޯނާ އަށް ވަނަ ލިބުމުން އެންމެންނަށް ވެސް ހައިރާންކަން ލިބުނު ކަމަށެވެ. އަދި އެންމެން ވެސް ހީކޮށްގެން ތިބީ ވަނަ ލިބޭނީ ސަމާއޯގެ އެތުލީޓަށް ކަމަށް ވެސް ބުނެފައިވެ އެވެ.

އެއް ވަނަ ހޯދި އިޔޯނާ ނޫސްވެރިންނަށް ބުނީ އޭނާ އަށް ޗެމްޕިއަންކަން ލިބުމަކީ ބޮޑު ފަޚުރެއް ކަމަށެވެ.