17 ޖުލައި 2017 - 16:08

ހދ. ވައިކަރަދޫ ސްކޫލުގެ އިިންޑިއާ އަންހެން ޓީޗަރަކު ދީނާ ހިލާފު ވާހަކަތަކެއް ދެއްކި މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ގްރޭޑް ހައެއްގެ ސައިންސް ޓީޗަރު އިއްޔެ ވާހަކަ ދެއްކި ކަމަށް ވަނީ "ކަލާނގެ ނުފެންނަ" ކަމަށާއި އެހެންވެ "ކަލާނގެ ގަބޫލުކުރަނީ ކީއްވެގެންހޭ" ކިޔައިފަ އެވެ. އެ ރަށު ބައެއް މީހުން ބުނި ގޮތުގައި "ކަލާނގެ ނަމްބަރު އެނގެންޏާ ކަލާނގެއަށް ގުޅާބަލާށޭ" ފަދަ ވާހަކަތައް ވެސް ދެއްކި އެވެ.
އޭނާ ބުނީ ކުރިން ވެސް އެ ޓީޗަރު ވަނީ ކަލާނގެއާ ބެހޭ އެފަދަ ސުވާލުތައް ދަރިވަރުންނާ ކޮށްފަ އެވެ. އަދި އެ މައްސަލަ ސްކޫލުން ބެލުމަށް ފަހު އެކަން ތަކުރާރު ނުކުރަން އަންގައި އިންޒާރު ވެސް ދިން ކަމަށް އޭނާ ބުންޏެވެ.
އެކަމަކު ވައިކަރަދޫ ސްކޫލުން އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދެއްކުމުން އިތުރު މައުލޫމާތެއް ލިބޭ ގޮތެއް ނުވި އެވެ.
ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީމް ވިދާޅުވީ ކަލާނގެއާ ބެހޭ ގޮތުން ދަރިވަރުންނާ އެގޮތަށް ވާހަކަދެއްކުމުން ބެލެނިވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން ސްކޫލުގެ އިސް ވެރިންނާ ވެސް ބައްދަލުކުރި ކަމަށެވެ.
އެ ސްކޫލްގައި ކިޔަވާ ދެމުން އަންނަތާ ތިން އަހަރު ވީ ޓީޗަރުގެ މައްސަލަ އެޑިޔުކޭޝަން މިނިސްޓްރީ އަށް ވެސް ހުށަހަޅާފައިވާ ކަމަށްވެ އެވެ.