18 ޖުލައި 2017 - 06:27

ފަހުގެ ދިރާސާއަކުން ދައްކާ ގޮތުން ތުއްތު ކުދިންގެ ގައިގައި ގިނަގިނައިން ބައްދައި އެކުދިންނަށް ލޯބިދޭ މިންވަރަކަށް އެކުދިންގެ ސިކުނޑި ތަރައްގީވާލެއް އިތުރުވެ އެވެ. މި ދިރާސާއިން ހާމަވި އެއް ކަމަކީ ކުދިންނަށް ދޭ ލޯތްބާއި ކުލުނަކީ އަހަރެމެން ހީކުރާ ވަރަށް ވުރެ މާ މުހިއްމު އެއްޗެއް ކަމެވެ.
ތުއްތު ކުދިންގެ ގައިގައި މަންމަ އާއި ބައްޕަ ގިނަގިނައިން ބައްދައި ލޯބިކުރާ ވަރަކަށް އެކުދިންގެ ސިކުނޑި ހެދިބޮޑުވާ ކަމަށް އޮހާޔޯ ޗިލްރަންސް ހޮސްޕިޓަލުން ކޮށްފައިވާ މި ދިރާސާއިން ހާމަ ވެފައިވެ އެވެ.
މި ދިރާސާކުރި ސައިންސްވެރިން ވަނީ 125 ކުއްޖެއްގެ ސިކުނޑީގެ ހަރަކާތްތައް ހުންނަ ގޮތް ދެނެގަނެފަ އެވެ. މީގެ ތެރޭގައި، ދުވަސްނުފުރާ ވިހާފައިވާ ކުދިންނާއި ދުވަސްފުރުނު ފަހުން ވިހޭ ކުދިން ހިމެނެ އެވެ. މި ކުދިންގެ ގައިގައި އަތްލުމުން އެކުދިންގެ ސިކުނޑި މަސައްކަތް ކުރާ ގޮތް މި ދިރާސާގައި ބެލި އެވެ.
ދިރާސާގެ ނަތީޖާ ދެއްކި ގޮތުގައި އުފަންވާތާ ކުރީކޮޅު ކުދިންގެ ގައިގައި އަތްލުމުން އެކުދިންނަށް ކުރެވޭ ތަޖުރިބާތަކަކީ އޭގެ އަސަރު އެކުދިންގެ މުޅި އުމުރަށް ކުރާ ކަމެކެވެ. ދުވަސްނުފުރާ ކުދިންނަށް ލޯބިދިނުމުން އަސަރު ކުރަނީ ދުވަސް ފުރިފައި ތިިބި ކުދިންނަށް ވުރެ ކުޑަކޮށް ކަން ވެސް މި ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
ދިރާސާއިން އިތުރަށް ދެއްކި ގޮތުގައި މައިންބަފައިންނާއި ހޮސްޕިޓަލުގެ ސްޓާފުންގެ ފަރާތުން ލޯތްބާއި އޯގާތެރިކަން ގިނައިން ލިބިފައިވާ ކުދިންގެ ސިކުނޑި އެފަދަ ކަންތައްތަކަށް މާ ރަނގަޅަށް އިޖާބަ ދެއެވެ. އެގޮތުން، ގައިގައި ޖައްސާލައިގެން ދެއަތުން ހިފަހައްޓާލައިގެން ކުޑަކޮށް ހެއްލައިލުމުން ކުއްޖާގެ ސިކުނޑީގެ މަސައްކަތަށް ވަރަށް ބޮޑު ތަފާތެއް އަންނަ ކަމަށްވެ އެވެ.
"ދުވަސްފުރިގެން އުފަންވާ ކުދިންނަށް ޕޮޒިޓިވް އަދި ހިމާޔަތްދޭ ފަދަ ގޮތަކަށް އަތްލައި ފިރުމާލުން ފަދަ ކަންކަން ވަރަށް މުހިއްމު. ތުއްތު ކުއްޖާގެ ހަމުގައި މަޑުމަޑުން ފިރުމާ ހެދުމުން އާދަޔާޚިލާފަށް އެ ކުއްޖާގެ ސިކުނޑިން އެކަން ބަލައިގަނޭ. ސަބަބަކީ އެއީ މަންމަގެ ބަނޑުގައި ކުއްޖާ ހޭދަކުރި ހުރިހާ ދުވަހަކުވެސް އޭނާއަށް އަބަދުމެ ލިބިލިބި ހުންނަ އިހްސާސަކަށް ވާތީ،" ސައިންސް ޑެއިލީގައި ޝާއިއުކޮށްފައިވާ މި ދިރާސާ ރިޕޯޓުގައި ސައިންސްވެރިޔާ ނަތާލީ މައިތުރޭ ވިދާޅުވެފައިވެ އެވެ.
ހޮސްޕިޓަލުގައި ތުއްތު ކުދިން ތިބޭއިރު ހޮސްޕިޓަލުގެ މުވައްޒަފުންނަށް ވެސް ކުދިންނަށް މިފަދަ ލޯތްބާއި އޯގާތެރިކަން ދޭން ޖެހޭ ކަމަށާއި އަދި ގެއަށް ދިއުމުން މައިންބަފައިން ވެސް އެގޮތަކަށް ކަންތައް ކުރަން ޖެހޭ ކަމަށް ޑރ. ނަތާލީ ވިދާޅުވި އެވެ.
"ނަމަވެސް ތުއްތު ކުދިން ޅަފަތުގައި މާ ވޭންހުރި ކަންތައްތައް ތަހައްމަލުކުރަން ޖެހޭ ނަމަ އެކުދިންގެ ގައިގައި ލޯބިން އަތްލާ އަތްލުމުން ވެސް މާ އެދެވޭ ނަތީޖާއެއް ނުފެނިދާނެ،" ޑޮކްޓަރު ވިދާޅުވި އެވެ.