17 ޖުލައި 2017 - 11:48

ތެހެރާން (ޖުލައި 17) - ޖާސޫސް ކުރުމުގެ ކުށުގައި އެމެރިކާގެ ރައްޔިތަކު އީރާނުން 10 އަހަރަށް ޖަލަށްލައިފި އެވެ.
އީރާނުގެ ޝަރުއީ ދާއިރާގެ ބައެއް ފަރާތްތަކުން ބުނީ އީރާނުން ޖަލަށްލާފައި ވަނީ 37 އަހަރުގެ ޗައިނާ-އެމެރިކާ މީހެއް ކަމަށްވާ ޒިޔޫ ވަންގެވެ. އޭނާ އަކީ ޕްރިންސްޓޮން ޔުނިވާސިޓީގެ ރިސާޗަރެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ވަންގް ހައްޔަރުކުރީ މިދިޔަ އޮގަސްޓް މަހު އީރާނުން ފުރަން އުޅެނިކޮށެވެ. ރަސްމީ ޓީވީ މެދުވެރިކޮށް، އޭނާ އަށް ޖަލު ހުކުމް އިއްވީ އީރާނުގެ އުއްތަމަ ފަނޑިޔާރުގެ ނައިބު ޣުލާމް ހުސައިން މުހްސިނީ-އެޖެއި އެވެ.
އީރާނުގެ ޝަރުއީ ދާއިރާގެ ނޫސް އެޖެންސީން ބުނީ ވަންގަކީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާއި ޕްރިންސްޓަން ޔުނިވާސިޓީ، ހާވަޑް ކެނެޑީ ސްކޫލް އަދި ބްރިޓިޝް އިންސްޓްޓިއުޓް އޮފް ޕާސިއަން ސްޓަޑީސް އަށް ޖާސޫސްކޮށްދޭ މީހެއް ކަމަށެވެ.
ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އީރާނުން އަމިއްލަ އަށް އުފައްދައިގެން އުޅޭ ތުހުމަތުތަކުގައި ހައްޔަރުކޮށްފައިވާ އެންމެން ދޫކޮށްލުމަށް ގޮވާލައިފަ އެވެ.
މި އަހަރު ކުރީކޮޅު އީރާނުން ބުނެފައި ވަނީ ޖާސޫސް ކުރުމުގެ ކުށުގައި 70 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައި ކަމަށެވެ. މީގެ ތެރޭން އާއްމުކޮށްފައި ވަނީ ވަރަށް މަދު މީހެއްގެ މައުލޫމާތެވެ.