17 ޖުލައި 2017 - 10:15

ލޮސް އެންޖެލްސް (ޖުލައި 17) – ރެއާލް މެޑްރިޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ގެނައުމުގެ ފުރުސަތެއް ނެތް ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ޓެކްސް އަށް މަކަރުހެދި ކަމުގެ ދައުވާކުރުމާ ގުޅިގެން ރޮނާލްޑޯ ސްޕެއިން ދޫކޮށްލަން ނިންމާފައިވާ ކަމަށް މިދިޔަ މަހު ވަނީ ރިޕޯޓްކޮށްފަ އެވެ. އެއާ އެކު ރޮނާލްޑޯ ކުރީގެ ކްލަބް ޔުނައިޓެޑަށް އެނބުރި ގޮސްދާނެ ކަމަށް ވާހަކަދެކެވުނެވެ.
މިކަމާ ބެހޭގޮތުން ސުވާލުކުރުމުން މޮރީނިއޯ ބުނީ މާލީ ދަތިކަމަކާ ހުރެ އެކަން ކުރެވެން ނެތް ކަމަށެވެ.
"ވާން ނެތް ކަމެއް ކުރުވުމުގައި އަހަރެންގެ ކްލަބުގެ ވަގުތު ބޭކާރުކުރުވާކަށް ބޭނުމެއް ނެތް،" މޮރީނިއޯ ބުންޏެވެ. "ރޮނާލްޑޯ އަކީ އޭނާގެ ކްލަބަށް ވަރަށް މުހިއްމު ކުޅުންތެރިއެއް. ރޮނާލްޑޯ ރެއާލް މެޑްރިޑް ދޫކޮށްލަފާނެ ކަމަށް އަހަރެމެން ވިސްނަން ޖެހޭނެ ފަދަ އެއްވެސް ސަބަބެއް ނުވިސްނޭ."
މެންޗެސްޓާ ޔުނައިޓެޑަށް 2003 އިން 2009 އަށް ކުޅެ ރޮނާލްޑޯ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭނާ ވަނީ އެ ކްލަބަށް ކޮންމެވެސް ދުވަހަކު އެނބުރި ދާން ބޭނުންވާ ކަމުގެ އިޝާރާތެއް ދީފަ އެވެ.
މޮރީނިއޯ ވަނީ ރެއާލް މެޑްރިޑުގެ ފޯވާޑް އަލްވާރޯ މޮރާޓާ ވެސް އެ ކްލަބަށް ލިބިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށް ބުނެފަ އެވެ.
"އޭނާ އަކީ އަހަރެންގެ ކޯޗުކަމުގެ ދަށުގައި ރެއާލުގެ ސީނިއާ ޓީމަށް ކުޅެން ފެށި ކުޅުންތެރިއެއް. އަހަރެން ވަރަށް ގަޔާވާ ކުޅުންތެރިއެއް އޭނާ އަކީ. އޭނާ ޔުވެންޓަސް އާއި ރެއާލް މެޑްރިޑުގައި މޮޅަށް ކުޅުނުއިރު އަހަރެން އުފަލާ އެކު އެ މަންޒަރުތައް ބެލިން. އެކަމަކު އެ ކްލަބާ އެކު އަހަރެމެންނަށް އެއްބަސްވުމަކަށް ނާދެވުނު. އެހެންވެ ހީނުވޭ އޭނާ މި ކްލަބަށް އައިސްދާނެހެން،" މޮރީނިއޯ ބުންޏެވެ.
ޔުނައިޓެޑުން ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ ގެނެސްފައިވާތީއާ އެކު ދެން މޮރާޓާ ގެނައުމުގެ ފުރުސަތެއް ނެތެވެ. އޭނާ ގެންދަން މިހާރު މަސައްކަތްކުރަނީ ޗެލްސީ އާއި އޭސީ މިލާނެވެ.