ފިލްމެއް ފްލޮޕް ވިޔަސް ގޮތެއް ހުހެއް ނުވާނެ: ވިދްޔާ ބާލަން
ފިލްމެއް ފްލޮޕް ވިޔަސް ގޮތެއް ހުހެއް ނުވާނެ: ވިދްޔާ ބާލަން

މަޝްހޫރު ބަތަލާ ވިދްޔާ ބާލަން ބުނަނީ ފިލްމެއް ފެއިލްވުމުން މާޔޫސްވެ ހަދާނެގޮތް ހުސްވާ އެކްޓަރުންގެ ތެރޭގައި އޭނާ ނުހިމެނޭ ކަމަށެވެ.

ވިދްޔާ އަށް ފިލްމު އިންޑަސްޓްރީގައި ރަނގަޅަށް ފައިތިލަ ސާބިތު ކުރެވުނީ އޭނާ ޚިޔާރުކުރި ވަރުގަދަ ރޯލުތަކުގެ ސަބަބުން އޭނާގެ އެކްޓިން ހުނަރު ސާބިތުކޮށްދެވުމުންނެވެ. އެގޮތުން، 2009 ގައި ނުކުތް "ޕާ" އާއި 2011 ގައި ނުކުތް "ދަ ޑާޓީ ޕިކްޗާޒް" އަދި 2012 ގެ "ކަހާނީ" އިން ވިދްޔާ ވަނީ އޭނާގެ ކުޅަދާނަކަން ދައްކާލާފަ އެވެ. އަދި މި ފިލްމުތަކުގެ ސަބަބުން ވިދްޔާގެ ފިލްމީ ކެރިއަރަށް ވަރަށް ބޮޑު ކުރިއެރުންތައް ލިބުނެވެ.

ވިދްޔާގެ އެހެން ބައެއް ފިލްމުތަކުގެ ތެރެއިން "ބޮބީ ޖާސޫސް"، "ކަހާނީ 2" އަދި "ބޭގަމް ޖާން" ފަދަ ފިލްމުތަކަށް ބޮކްސް އޮފީހުގައި ނާކާމިޔާބީއާ ކުރިމަތި ވިޔަސް ވިދްޔާއަކަށް އެކަމުން މާ ބޮޑު އަސަރެއް ނުކުރެ އެވެ.

ވިދްޔާ ބުނީ ފިލްމެއް ރަނގަޅަށް ނުހިނގުމަކީ ހިތްދަތި ތަޖުރިބާއެއް ކަމަށެވެ. ސަބަބަކީ ކޮންމެ ފިލްމެއް ވެސް އުފައްދަނީ އެތައް ބައިވަރު ވަގުތަކާއި ބުރަ މަސައްކަތަކުން ކަމަށް ވާތީ އެވެ. ނަމަވެސް ބައެއް އެކްޓަރުން ފަދައިން ކޮޓަރިއެއް ވަދެ ތަޅުލައިގެން މީހަކާ ވާހަކަ ނުދައްކާ އޮވެ ރޮއެ ހިތާމަކުރާ އެކްޓަރުންގެ ތެރޭގައި ނުހިމެނޭނެ ކަމަށް ވިދްޔާ ބުންޏެވެ.

ވިދްޔާ ބުނި ގޮތުގައި އޭނާއަށް އެންމެ ރަނގަޅީ ކޮންމެވެސް މީހަކާ ވާހަކަ ދައްކާލީމަ އެވެ. ހިތުގެ އުދާސްތައް އެހެން މީހެއްގެ ކައިރީގައި ބޭރުކޮށްލެވުނީމަ އެވެ. އެެހެންވެ އޭނާ އަބަދުވެސް އެފަދަ ކަމެއް ދިމާވުމުން މައިންބަފައިންނާއި ފިރިމީހާ ސިދާރްތު ރޯއި ކަޕޫރާ ވާހަކަ ދައްކާ މަޝްވަރާ ކުރެ އެވެ. އަދި ރޯނެ ވަރަކަށް ރޮއެފައި އެ ފިލްމެއްގެ މަތިން ހަނދާން ނައްތާލަނީ އެވެ.

ވިދްޔާ ބުނި ގޮތުގައި ފިލްމުގެ ސެޓަށް އޭނާ ދާއިރު އޭނާގެ އެންމެ ފަހުގެ ފިލްމަކީ ހިޓެއްތޯ ނުވަތަ ފްލޮޕެއްތޯ ވެސް ނުވިސްނަ އެވެ. މުޅިން އާ ޕްރޮޖެކްޓެއްގެ މަސައްކަތް ފަށައިގަންނަނީ ކަމަށް ގަބޫލުކޮށް މަސައްކަތް ފަށަނީ އެވެ.

އެކްޓަރަކަށް ވުމަކީ އޭނާ ދުށް ހުވަފެނެއް ކަމަށާއި މިހާރު އެ ހުވަފެން ހަގީގަތަކަށް ހަދަން މަސައްކަތް ކުރަނީ ކަމަށް ވެސް ވިދްޔާ ބުންޏެވެ.