18 ޖުލައި 2017 - 06:24

އާދިއްތަ ދުވަހު ނިއު ޔޯކްގައި އޮތް މިއަހަރުގެ އައިފާ އެވޯޑު ހަފުލާގެ ސްޓޭޖުގައި ވެސް ކަރަން ޖޯހަރް ވަނީ އޭނާ އާއި ފިލްމީ ތަރި ކަންގަނާ ރަނާވަތާ ދެމެދު ޖެހިފައިވާ މައްސަލައާ ބެހޭ ގޮތުން ކަންގަނާއާ ދިމާކޮށްފަ އެވެ. ކަރަން އާއި ކަންގަނާގެ މެދުގައި މައްސަލަ ޖެހުނީ ކަރަން ހޯސްޓްކުރާ ޗެޓް ޝޯ "ކޮފީ ވިތު ކަރަން"ގެ މިއަހަރުގެ ސީޒަންގެ އެޕިސޯޑެއްގައި ބައިވެރިވި ކަރަންއާ ދިމާލަށް ކަންގަނާ ބުނި އެއްޗަކުންނެވެ.
ކަންގަނާ ބުނީ ކަރަން އަކީ އޭނާގެ ނުފޫޒުން އެކުވެރިންނާއި ގާތް މީހުންނަށް ފިލްމީ މަސައްކަތްތައް ހޯދައިދޭ އެހެން މީހުންނާ ތަފާތު ކުރުމުގައި އެންމެ އިސްކޮށް ހުންނަ މީހާ ކަމަށެވެ. ކަންގަނާ އެ ވާހަކަ ބުނީއްސުރެ ކަރަން ދަނީ ކަންގަނާ އަށް ބަހުގެ ހަމަލާތައް ރައްދު ކުރަމުންނެވެ.
ކަރަން އާއި ސައިފް އަލީ ޚާން ހޯސްޓްކުރި މި ޝޯގައި ކަރަންގެ ވާހަކައިގައި އެވަގުތު ސްޓޭޖުގައި ހުރި ވަރުން ދަވަން އާއި ސައިފް ވެސް ވަނީ ބައިވެރިވެފަ އެވެ.
ވަރުން އަށް އެންމެ މޮޅު ކޮމެޑީ އެކްޓަރުގެ އެވޯޑު ހަވާލުކުރުމަށް ފަހު އެންމެ ފުރަތަމަ އެ ވާހަކަ ފަށައިގަތީ ސައިފް އެވެ. އޭނާ ބުނީ ވަރުން އަށް ފިލްމު އިންޑަސްޓްރީއަށް ވަދެވުނީ އޭނާގެ ބައްޕަ ޑޭވިޑް ދަވަންގެ ނުފޫޒުން ކަމަށެވެ. ވަރުން ވެސް އެ ވާހަކައާ ބައިވެރިވަމުން ސައިފަށް އެހިސާބަށް އާދެވިފައިވަނީ އޭނާގެ މަންމަ ޝަރުމީލާ ޓޭގޯގެ ސަބަބުން ކަމަށް ބުންޏެވެ.
ޖަވާބުގައި ކަރަން ބުނީ އޭނާއަށް ފިލްމު އިންޑަސްޓްރީގައި ކުރި ލިބުނީ ބައްޕަ ޔާޝް ޖޯހަރްގެ ސަބަބުން ކަމަށެވެ. އެއާއެކު ތިން މީހުން އެއްފަހަރާ "ނެޕޯޓިޒަމް ރޮކްސް" އޭ ބުންޏެވެ.
ދެން ވަރުން އާއި ސައިފް ވަނީ ކަރަންގެ ފިލްމު "ކަބީ ޚުޝީ ކަބީ ޣަމް"ގެ ލަވައެއް ކަމަށްވާ "ބޯލެ ޗޫޅިޔާ ބޯލެ ކަންގަނާ" މި ލަވަ ކިޔާފަ އެވެ. މި ލަވަ އެމީހުން ކީ ލަވައިގައި ކަންގަނާގެ ނަން އަންނާތީ އެވެ. އެއާއެކު ކަންގަނާގެ ނަން ނުކިއުމަށް ކަރަން ވަނީ ސައިފް އާއި ވަރުންގެ ކިބައިން އެދިފަ އެވެ.