ކެޓުރީނާ އާއި ރަންބީރުގެ "ޖައްގާ ޖާސޫސް" ވަރަށް ރީތި: އަމީތާބު
ކެޓުރީނާ އާއި ރަންބީރުގެ "ޖައްގާ ޖާސޫސް" ވަރަށް ރީތި: އަމީތާބު

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި، ރަންބީރު ކަޕޫރާއި ކެޓުރީނާ ކައިފްގެ "ޖައްގާ ޖާސޫސް" އަށް ފުދޭ ވަރެއްގެ ރަނގަޅު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. ނަމަވެސް ފިލްމު ނުނިމި ލަސްވެގެން ދިޔަ ދެތިން އަހަރެއްގެ ސަބަބުން ފިލްމުގެ ބަޖެޓު ދެ ގުނަ ބޮޑުވުމުގެ ސަބަބުން ވިޔަފާރީގެ ގޮތުން ފިލްމު ނާކާމިޔާބު ވެދާނެ ކަމުގެ ބިރު އަދިވެސް އެބައޮތެވެ.

މި ފިލްމު ބެލުމަށްފަހު ފިލްމަށް ތައުރީފުކުރި ފަންނާނުންގެ ތެރޭގައި މަޝްހޫރު އެކްޓަރު އަމީތާބު ބައްޗަން ހިމެނެ އެވެ. އަމީތާބު ކުރި ޓުވީޓެއްގައި ބުނީ އޭނާ "ޖައްގާ ޖާސޫސް" ބަލައިފި ކަމަށާއި ފިލްމު ފުރިހަމަކޮށްލާފައި އޮތް މޮޅުކަމަށް އަދި ފިލްމުގެ އުފެއްދުންތެރި ޚިޔާލުގެ ފުރިހަމަކަމުގެ ވާހަކަ ފިލްމުގެ ޑައިރެކްޓަރު އަނުރާގު ބާސޫ ގާތު ބުނެ ނުލައި ނުހުރެވުނު ކަމަށެވެ. އަދި އެ ފިލްމު ބަލާލުމަކީ ލިބުނު އުފަލެއް ކަމަށް ވެސް އަމީތާބު ބުންޏެވެ.

"ޖައްގާ ޖާސޫސް"ގެ ސިނަމަޓޯގްރަފީ އާއި ރީތި މަންޒަރުތަކަށް އަދި ފިލްމު އުފެއްދުމުގައި އަނުރާގު ދައްކާފައިވާ ކުޅަދާނަކަމަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.

ރަންބީރުގެ މަންމަ ނީތޫ ކަޕޫރު ވެސް ވަނީ އޭނާގެ ދަރިފުޅުގެ ފިލްމަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ.

"ޖައްގާ ޖާސޫސް" ގެ ޝޫޓިންގްގައި ރަންބީރު ދެއްކި ކެތްތެރިކަމަށް ކެޓުރީނާ ވެސް ދާދިފަހުން ތައުރީފު ކޮށްފައިވެ އެވެ. އޭނާ ބުނި ގޮތުގައި މި ފިލްމަކީ ޕްރޮޑިއުސަރަކަށް އުފައްދަން އެންމެ އުނދަގޫ ޒާތުގެ ފިލްމެކެވެ. ކެޓްރީނާ ބުނީ ކުރިމަގުގައި ރަންބީރު އިތުރު 10 ފިލްމު ޕްރޮޑިއުސްކުރި ނަމަވެސް މިކަހަލަ ތަޖުރިބާއެއް ކުރެވޭނެހެން ހީނުވާ ކަމަށެވެ.

ބެލުންތެރިން ވެސް މަޑުމަޑުން މި ފިލްމާ ގަޔާވަމުންދާކަން ފިލްމުގެ ބޮކްސް އޮފީސް ކަލެކްޝަނުން ސާބިތުވެ އެވެ. ފުރަތަމަ ދުވަހު 8.5 ކްރޯޑު (85 މިލިއަން ރުޕީސް) ލިބުނަސް ހޮނިހިރު ދުވަހު ފިލްމުގެ ކަލެކްޝަން ވަނީ 30 ޕަސެންޓް މަތިވެފަ އެވެ. އަދި އާދިއްތަ ދުވަހު މިއަަށް ވުރެ ވެސް ރަނގަޅުވާނެ ކަމަށް ބެލެވެ އެވެ.

ޓްރޭޑް އެނަލިސްޓުން މިހާރު ލަފާ ކުރަނީ ހަފުތާ ބަންދު ނިމޭއިރު 35 ކްރޯޑު މި ފިލްމަށް ލިބޭނެ ކަމަށެވެ. ނަމަވެސް ފިލްމު އުފެއްދުމަށް 110 ކްރޯޑު (11 ބިިލިއަން ރުޕީސް) ޚަރަަދު ވެފައިވެ އެވެ. މިއީ ބޮކްސް އޮފީހުގައި ފިލްމަށް ނާކާމިޔާބު ވެދާނެކަމަށް އަދިވެސް ބެލެވޭ މައިގަނޑު ސަބަބެވެ.

ފިލްމް ޓްރޭޑް އެކްސްޕާޓް ގިރިޝް ޖޯހަރް ބުނި ގޮތުގައި ފިލްމު ކަނޑައެޅިފައިވާ ތާރީޚަށް ނިންމުނުނަމަ މިހާރު ފިލްމަށް ކޮށްފައިވާ ޚަރަދުގެ ދެބައިކުޅަ އެއްބައި ސަލާމަތްވީހެވެ. އެހެންވީނަމަ ފިލްމު ކާމިޔާބުވާކަށް އެއްވެސް އުނދަގޫ ކަމަކަށް ނުވީހެވެ.