ހުޅުމާލޭގައި 1،500 ފްލެޓް އަޅަން 159 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފި
ހުޅުމާލޭގައި 1،500 ފްލެޓް އަޅަން 159 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 1،530 ފްލެޓް އަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން 159 މިލިއަން ޑޮލަރު (2.4 ބިލިއަން ރުފިޔާ)ގެ ލޯނެއް ޗައިނާ ޑިވެލޮޕްމަންޓް ބޭންކް (ސީޑީބީ) އިން ނަގައިފި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަޝްރޫއުތަކާ ބެހޭ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން މިއަދު ވިދާޅުވީ ދެ އަހަރުގެ ތެރޭގައި އަނބުރާދައްކަން ފަށާ ގޮތަށް ނެގި ލޯނުގެ އެއްބަސްވުމުގައި މިދިޔަ ހަފުތާގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެ ލޯނު އެޗްޑީސީން ނެގީ ސަރުކާރުން ސޮވަރިން ގެރެންޓީދީގެންނެވެ.

އެ ކުންފުނިން ބުނީ 12 އަހަރުގެ ތެރޭގައި އަނބުރާ ދައްކަންޖެހޭ ގޮތަށް ނެގި ލޯނުން ނިންމާފައި ވަނީ މެދުފަންތީގެ މީހުންނަށް ގެދޮރު ހޯދައިދޭ ގޮތަށް ކަމަށެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ ޗައިނާ މެޝިނަރީ އެންޑް އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން ކަމަށާއި އަންނަ އަހަރުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

"އަޅުގަނޑުމެން މެދުފަންތީގެ މީހުންނަށް އަމާޒުކޮށްގެން ހަދާ މި ހައުސިން ޔުނިޓްތައް ވިއްކާނީ ކޮންޓްރޯލްކޮށްފައިވާ އަގުތަކެއްގައި އެކަށީގެންވާ ހެޔޮއަގެއްގައި. ކުރިޔަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެތަނުގެ އަމަލީ މަސައްކަތް ފެށޭނެ،" މެނޭޖިން ޑިރެކްޓަރު ސައިމަން ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީ އަޅާ 7،000 ސޯޝަލް ހައުސިން ޔުނިޓްގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ. އެތަނުގައި މަސައްކަތަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ގެނެސްފައިވެ އެވެ. އަދި އެތަނުގައި މަސައްކަތްކުރާ މީހުންނަށް ތިބެވޭނެ ގޮތަށް 2،500 މީހުންގެ ޖާގައިގެ ލޭބާ ކުއާޓާސްއެއް ވެސް ވަނީ ހަދައި ނިންމައިފަ އެވެ.