16 ޖުލައި 2017 - 19:21

ހޮނިހިރު ދުވަހުގެ ރޭ އެމެރިކާގެ ނިއު ޔޯކްގައި ބޭއްވި، އިންޑިއާގެ ފިލްމުތަކަށް ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ އައިފާ ހަފުލާގައި ބައިވެރިނުވެ ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާ ޗުއްޓީއަށް ރާއްޖެއަށް އަތުވެއްޖެ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ހޮލީވުޑް ފިލްމުތަކުގެ މަސައްކަތުގައި އުޅުމަށްފަހު ޕްރިޔަންކާ މުމްބައި އަށް ދިއުމުން ބައެއް މީހުން ހީކުރީ އޭނާ އައިފާ އެވޯޑަށް ދާން އުޅެނީ ކަމަށެވެ. ނަމަވެސް އެންމެން ހައިރާން ކޮށްލާފައި ޕްރިޔަންކާ އާއިލާގެ ބައެއް މެމްބަރުންނާއެކު އައީ ރާއްޖެއަށެވެ.
އައިފާ އެވޯޑަށް ނުދިޔައީ ކީއްވެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޕްރިޔަންކާ ޖަވާބު ބުނީ ޗުއްޓީ ހޭދަކޮށްލަން ނެގި ދުވަސްކޮޅަކަށް ވާތީ ބޭނުންވަނީ އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލަން ކަމަށެވެ. އަދި އޭނާގެ އުފަން ދުވަސް ކަމަށްވާ ޖުލައި 18 ވެސް އާއިލާއާ އެކު ހޭދަކޮށްލަން ބޭނުންވާ ކަމަށް ޕްރިޔަންކާ ބުނެފައިވެ އެވެ.
"އަހަރެން މީ އަބަދުވެސް އެހެން މީހުން ކަންތައްކުރާ ގޮތާ ދިމާ އިދިކޮޅަށް ކަންތައްތައް ކުރާ މީހެއް. ނޯމަލްކޮށް ކަންތައްކުރުމަކީ ފޫހިކަމެއް. އެހެންވެ އުފަން ދުވަސް އަހަރެން ބޭނުންވަނީ އާއިލާ އާއި އެކުވެރިންނާއެކު ހޭދަކުރަން. އެހެންވެ މިއަހަރު އަހަންނަށް އައިފާ އަށް ވުރެ މި ޗުއްޓީ މާ މުހިއްމު. މިދިޔަ ދުވަސްތަކުގައި އަހަރެން އުޅުނީ މުމްބައި އާއި ޕޫނާ އަދި ޔޫއެސްއާ ދެމެދު ދަތުރު ކުރުމުގައި. އެހެންވެ މި ނެގި ހައެއްކަ ދުވަހުގެ ޗުއްޓީ އަކީ އަހަންނަށް ހަމަ ހައްގު އެއްޗެއް ކަމަށް އަހަރެން ގަބޫލުކުރަން،" ޕްރިޔަންކާ ބުންޏެވެ.
ރާއްޖޭގެ ރިސޯޓަކަށް ސީޕްލޭންގައި ދަތުރުކުރަމުން ޕްރިޔަންކާ އިންސްޓަގްރާމް ކޮށްފައިވާ ފޮޓޯއެއްގައި "އާއިލާއާއެކު އުފާވެރި ޗުއްޓީއެއް ހޭދަކުރަނީ" ކަމަށް ބުނެފައިވެ އެވެ.
ޕްރިޔަންކާ ރާއްޖެއަށް އައީ އޭނާގެ މަންމަ މަދޫ ޗޯޕްރާ އާއި ކޮއްކޮ ސިދާރްތު ޗޯޕްރާ ގޮވައިގެންނެވެ.
ޕްރިޔަންކާ މަންމަ ކައިރީގައި އޮށޯވެލައިގެން އޮތް ފޮޓޯއެއް ވެސް ޕޯސްޓް ކޮށްފައިވެ އެވެ. ބެލެވޭ ގޮތުގައި އެއީ ރާއްޖޭގައި އެމީހުން ޗުއްޓީ ހޭދަކުރާ ރިސޯޓުގައި ނަގާފައިވާ ފޮޓޯއެކެވެ. އަދި ސީޕްލޭން ދަތުރަކީ އޭނާ ވަރަށް ގަޔާވާ ދަތުރެއްކަން ހާމަކޮށް ސީޕްލޭންގައި އިނދެގެން ނަގާފައިވާ ފޮޓޯއެއް ވެސް އޭނާ ވަނީ ޕޯސްޓްކޮށްފަ އެވެ.
ބެލެވޭ ގޮތުގައި ޕްރިޔަންކާ ރާއްޖެ އައިސްފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ. ނަމަވެސް ޗުއްޓީ ހޭދަކުރަނީ ކޮން ރިސޯޓެއްގައި ކަމެއް ސާފުވާ ގޮތެއް ނުވި އެވެ.