25 ޖޫން 2016 - 12:26

ގދ. ތިނަދޫން މީހުން ބޭލި ހާދިސާގެ މައްޗަށް އުފައްދާ "1962: ތެނަދޫ"ގެ މަސައްކަތް ހޯމް މިނިސްޓްރީން އޮތީ ހުއްޓުވާފަ އެވެ. އެކަމަކު ފިލްމު ޕްރޮޑިއުސްކުރާ ތިނަދޫ ކައުންސިލާއި ޑައިރެކްޓަރު އަބްދުލް ފައްތާހު ވެސް ފިލްމު ދޫކޮށެއް ނުލަ އެވެ.

ހޯމް މިނިސްޓްރީގެ އެންގުން އަނބުރާ ގެންދަން އެދި ސަރުކާރާ މަޝްވަރާކުރަން ކައުންސިލުން ތައްޔާރުވަމުން އަންނަ އިރު ފައްތާހު ބުނަނީ "ފިލްމު ވަރަށް ރީތި ވާނެ" ކަމަށެވެ.
ރާއްޖޭގެ ތާރީހުގެ މުހިއްމު ހާދިސާއެއްގެ މައްޗަށް ބިނާކޮށްފައިވާ ޑޮކިއުމެންޓްރީގައި ދައްކައިދޭނީ، ޑައިރެކްޓަރު ބުނިގޮތުގައި، "ކަން ހިނގައި ދިޔަ ގޮތުގެ ހަގީގަތްތަކެވެ." އަދި އެއީ އަސަރުގަދަ ފިލްމަކަށް ވާނެ ކަމުގެ އިޝާރާތެއް އޭނާ ދިނެވެ.
ފައްތާހު ބުނިގޮތުގައި "1962: ތެނަދޫ"ގައި ތިނަދޫ މީހުން ރަށުން ފައިބަން ޖެހުނު ގޮތް ދައްކާ އިރު އާ ނާއިބު ރައީސް އަބްދުﷲ ޖިހާދު ކުރެއްވި ތަޖުރިބާ ވެސް ގެނެސްދޭނެ އެވެ. އޭނާ ބުނީ ތިނަދު އަށް ނިސްބަތްވެވަޑައިގަންނަވާ ޖިހާދުގެ އުމުރުފުޅުން އޭރު މަހެއް ވެސް ނުވާ ކަމަށެވެ.
"ނާއިބު ރައީސްގެ މަންމަ ނާއިބު ރައީސް ވިހައިގެން ގަދަ ވެސް ނުވަނީސް ނާއިބު ރައީސް ގޮވައިގެން ރަށުން ފައިބަން އުޅުނު ހާލު ފެންނާނެ. މަންމަގެ ދޯނިފަހަރު ވެސް އޭރު ހުރި. އެކަމަކު މީހުން އަރާ ފުރިބާރުވެފައި ހުރީމާ އަމިއްލަ ދޯންޏަކުން ވެސް ޖާގައެއް ނުލިބިގެން އެއް ދޯނިން އަނެއް ދޯންޏަށް ދުވަމުން ގޮސް ހަތް ވަނަ ދޯންޏަށް ކިރިޔާ އެރުނީ،" ފައްތާހު ކިޔައިދިނެވެ.
"ނާއިބު ރައީސް ގޮވައިގެން ދޯނީގެ ދިރުނބާކޮޅުގައި ހަމައެކަނި ފޫކޮޅު ޖައްސާލައިގެން ފައި އެއްކޮށް މޫދަށް ބާލައިގެން އިނދެ މަންމަ ރަށުން ފޭބީ."
އަހުމަދު ޒަރީރު ލިޔެފައިވާ ސްކްރީންޕްލޭއަކަށް ހަދާ "1962: ތެނަދޫ"ގެ ރޯލްތަކަށް ނަގާފައިވަނީ ތިނަދޫ މީހުންނެވެ. މަޝްހޫރު އެއްވެސް އެކްޓަރަކު މި ފިލްމުގައި ބައިވެރިއެއް ނުކުރެ އެވެ.
މިދިޔަ ހަފްތާގައި ހޯމް މިނިސްޓަރުކަމުން އިސްތިއުފާދެއްވި އުމަރު ނަސީރު ފޮނުއްވި ސިޓީއަކާ ގުޅިގެން މަސައްކަތް ހުއްޓާލިޔަސް، މައްސަލަ ހައްލުކޮށް، ކަނޑައަޅާފައިވާ ތާރީހަށް ފިލްމު ނިންމާލެވޭނެ ކަމަށް ފައްތާހު އުއްމީދުކުރެ އެވެ. ފިލްމު ރިލީޒްކުރާ ތާރީޚަކަށް އިއުލާންކޮށްފައި އޮތީ އޮގަސްޓް 22 އެވެ. އެއީ ތިނަދޫ އަލުން އާބާދުވިތާ 50 އަހަރު ފުރުން ފާހަގަކުރާ ދުވަހެވެ.