16 ޖުލައި 2017 - 16:02

ފޭސްބުކުން ފެނުނު މި އިއުލާނުގައި އޮތީ، ފަސް ވަގުތު ނަމާދަށް ގެންގޮސް ދޭނެ މީހަކު ބޭނުންވާ ކަމަށެވެ. ޝަރުތަކީ ސައިކަލް ދުއްވަން އެނގުމެވެ. މުސާރައަކީ މަހަކު 16،000 ރުފިޔާ އެވެ.
މި އާދަޔާ ހިލާފު އިއުލާނު ފެނުމާއެކު، އެ އިއުލާންގައި އޮތް ނަމްބަރަށް މިއަދު މެންދުރު ގުޅަން ފެށީމެވެ. އެކަމަކު އޭނާއާ ގުޅޭ ގޮތްވީ މެންދުރު އަނބުރާ ތިނެއް ޖެހި ފަހުންނެވެ. އެ ހުރިހާ އިރު ނަމްބަރު އޮތީ ބިޒީވެފަ އެވެ.
ފޯނު ނެގުމާއެކު ފޭސްބުކްގައި އޮތް އެ އިއުލާނުގެ ވާހަކަ އެހީމެވެ. އެކަމަކު އިތުރު ވާހަކައެއް ނުދެއްކެނީސް އޭނާ ޖަވާބު ދިނެވެ.
"އުހޫން! ތިިޔައީ އަންހެން ކުއްޖެއްނު! އަންހެން ކުދިންނަކަށް މި ފުރުސަތެއް ނެތް،"
ދެން ޖެހުނީ ގުޅި ބޭނުން ކިޔައިދޭށެވެ. ނޫހުގައި ނަން ނުޖަހާ މަތިން އެ އިއުލާންގެ ތަފްސީލު އޭނާ ކިޔައިދިނެވެ.
ފޭސްބުކްގައި ދައުރުވަމުން މި ދަނީ ހަމަ ސައްހަ ޕޯސްޓެކެވެ. އުމުރުން 75 އަހަރު ވެފައިވާ އެ މީހާ އަށް މާ ދުރަކަށް ނުހިނގެ އެވެ. އަމިއްލަ ސައިކަލެއް ހުއްޓަސް، މާ އަވަހަށް ވަރުބަލިވާތީ އެޔެއް ނުދުއްވެ އެވެ. އެހެންވެ، އޭނާ ބޭނުންވީ ކޮންމެ އަގަކަށް ނަމަވެސް، އޭނާ ފަސް ވަގުތު ނަމާދަށް ގެންގޮސްދޭނެ މީހެއް ހޯދާށެވެ. ހަމަ އެކަނި ޝަރުތަކީ ވަގުތަށް ހާޒިރުވެ، އޭނާއާ އެކު ނަމާދަށް އެރުމެވެ.
ފައިސާގެ އެހާ ބޮޑު އަގެއް ކަނޑައެޅި ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޭނާ ބުނީ "ﷲގެ އިރާދަފުޅުން ގިނައިން ފައިސާ ލިބޭ" ކަމަށާއި "އެއީ އޭނާ އަށް މާ ބޮޑު އަދަދެއް ނޫން" ކަމަށެވެ.
"މާލޭގައި ޕާކު ކުރަން ވެސް އެހާ އުނދަގޫ. ނަމާދު ވަގުތު މިސްކިތް ކައިރިން ޕާކު ކޮށްލާނެ ތަންކޮޅެއް ނުލިބޭނެ. އެހެންވީމަ، މީހަކާ އެ މަސައްކަތް ހަވާލު ކުރިއްޔާ މާ ފަސޭހައެއްނު،" އާމްދަނީ ހޯދުމަށް ގިނަ ވިޔަފާރިތައް ކުރި ނަމަވެސް، އޭގެ ތަފްސީލު ހާމަނުކޮށް އެ މީހާ ބުންޏެވެ.
އޭނާ ބުނީ މީގެ ދެ ދުވަސް ކުރިން ވެސް، ރަހުމަތްތެރިއަކު މެދުވެރިކޮށް އޭނާ ނަމާދަށް ގެންގޮސް ދޭނެ މީހަކު ހޯދި ކަމަށާއި އެކަމަކު އެ މީހާއަަށް އެކަން ނުކުރެވުނު ކަމަށެވެ. "މަގުމަތީގައި އުޅޭ ޒުވާނަކު" އިސްލާހު ވުމަށް ދިން އެ ފުރުސަތު ބޭނުން ނުކުރުމުން އޭނާ މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ އުމުރުން ދުވަސްވީ މީހަކަށް އެ ވަޒީފާ ދޭށެވެ.
"އަހަރެންގެ އުމުރުގެ މީހެއްވީމައި، ކުޑަކޮށް ވާހަކަ ދައްކާލައި ހިޔާލު ބަދަލު ކޮށްލެވޭނެ. އެހެންވީމައި ބޮޑަށް އިސްކަން ދެނީ ދުވަސްވީ މީހަކަށް. އެކަމަކު އަދި މުޅިއަކުން ނޭނގެ،" އޭނާ ބުންޏެވެ.
މި ވަޒީފާއަށް ހޮވޭ މީހަކު، އޭނާ ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކުގައި ވެސް "ބޮޑީގާޑެއް"ގެ ގޮތުން ގެންދަން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ. މީގެ ދެ ދުވަސް ފަހުން، އޭނާ ސްރީ ލަންކާ މަގުން މައްކާއަށް ދާން ވަނީ ނިންމާފަ އެވެ.
ފޭސްބުކްގައި އާއްމުކޮށް ކުރި މި އިއުލާނާ ގުޅިގެން، ކެނޑިނޭޅި ފޯނުކޯލުތައް ލިބެމުން އަންނަ ކަމަށް އޭނާ ބުންޏެވެ. މިހާތަނަށް 50އެއްހާ މީހުން ގުޅާފައިވާއިރު، އެ ވަޒީފާއަށް މީހަކު ހޮވާނީ ވަކިވަކިން ކޮންމެ މީހަކާ ވެސް އިންޓަވިއު ކުރުމަށް ފަހުގައި ކަމަށް އޭނާ ބުންޏެވެ.
މި ޕޯސްޓުގެ ސައްހަކަން އިތުރަށް ބެލުމަށް އިތުރު މީހެއް ލައްވާ ވެސް އެ ނަމްބަރަށް ގުޅީމެވެ. ވީހަމަ ތެދަކަށެވެ. ފުރުސަތު އޮތް ކަމާއި އަސުރުގެ ފަހުން އިންޓަވިއުއަށް ދިޔުމަށް އެދި، ގޭގެ އެޑްރެސް ވެސް އޭނާ ދިނެވެ.