ކަންފަތް ތޮރުފާ ތަން ކަޅުވަނީ ކީއްވެ؟
ކަންފަތް ތޮރުފާ ތަން ކަޅުވަނީ ކީއްވެ؟

ރަން ނުވަތަ ރިހިން ތައްޔާރުކޮށްފައި ހުންނަ ކަންފަތު ލާ މުދި ލެއްވުމަށް ތޮރުފާލާ ތަން ކަޅުވެ ހަލާކުވުން ނާދިރެވެ. ނަމަވެސް ފެޝަން ގަހަނާގެ ތެރޭގައި ހިމެނޭ ކަންފަތުލާ ވަރަށް ގިނަ އެއްޗެހީގެ ސަބަބުން، ކުރިން މި ބުނި މައްސަލައާ ކުރިމަތިވުމަކީ އާންމު ކަމެކެވެ. އެއީ ފެޝަން ގަހަނާ ފަދަ އަގު ހެޔޮ ބާވަތްތަކުގެ ގަހަނާގައި ނިކެލް ކިޔާ މާއްދާއެއް އެކުލެވޭތީވެ އެވެ. ނިކެލް އަކީ ގިނަ މީހުންގެ ކަންފަތާ ނުގުޅޭ މައުދަނެކެވެ. އަދި ނިކެލް ހުންނަ ކަންފަތު މުދި ލައިގެން އުޅުމުން، ކަންފަތް ކަހާ، ރަތްވެ ކަޅުވުން އެކަށީގެންވެ އެވެ.

ނަމަވެސް މިއީ ފެޝަން ގަހަނާއަށް އަލްވަދާއު ކިޔަންޖެހޭ ސަބަބެއް ނޫނެވެ. އަގު ހެޔޮކޮށް ގަންނަން ލިބޭ އެންމެ ފަހުގެ ޑިޒައިންތަކުގެ ކަންފަތު ލާ އެއްޗެއް، ޕާޓީއަކަށް ނުވަތަ އޮފީހަށް ދާންވެސް އަޅާލަން ބޭނުންވެއްޖެ ނަމަ މި ހިއްސާކޮށްލާ ކަންކަމަށް ސަމާލުވުމުން ރަނގަޅުވާނެ އެވެ.

* ނެއިލް ޕޮލިޝް ޖެއްސުން: ކަންފަތު ލާ މުދީގައި ދެ ފަށަލައަށް ކުލަ ނުހުންނަ "ކްލިއާ" ނެއިލް ޕޮލިޝް ޖައްސާލާށެވެ. މިހެން ހެދުމުން ކަންފަތުގެ ހަންގަނޑުގައި ކަންފަތުލާ އެތީގެ ދަގަނޑު ކައްޓެއް ނުޖެހޭނެ އެވެ. އަދި ކަންފަތް ހިރުވާ ރަތެއް ވެސް ނުވާނެ އެވެ. ކޮންމެ ދެ ހަފުތާއަކުން އެއްފަހަރު ނެއިލް ޕޮލިޝް ޖައްސާލުމުން އޭގައިވާ ފަށަލަ ހަލާކު ނުވެ ހުންނާނެ އެވެ.

* ވެސަލިން: ނެއިލް ޕޮލިޝް ޖައްސާލަން ވަގުތު ނެތް ނަމަ، ކަންފަތުގައި އެއްޗެއް ލުމުގެ ކުރިން އޭގައި ވެސަލިން ޕެޓްރޯލިއަމް ޖެލީ ކޮޅެއް އުނގުޅާލުމަށްފަހު ކަންފަތަށް ލައްވާލާށެވެ. ހަންގަނޑާއި ދަގަނޑުކޮޅާ ދޭތެރޭ ފަށަލައެއް އިނުމުން ކަންފަތުގެ ހަންގަނޑު ހަލާކުވުމުން ސަލާމަތް ކުރެވޭނެ އެވެ.

* އަބަދު ބޭނުން ނުކުރުން: ފެޝަން ގަހަނާ އަކީ ހަމައެކަނި ވަކި މުނާސަބަތަކަށް ކުޑަ އިރުކޮޅެއް ވަންދެން އަޅަން ތައްޔާރުކޮށްފައި ހުންނަ އެއްޗެކެވެ. ވީމާ، އޮފީސް ނިމިގެން، ފެންވަރާ ނިދުން ނުވަތަ ކަސްރަތުކުރުން ފަދަ ކަމެއް ކުރުމުގެ ކުރިން ކަންފަތުލާ މުދި ނަގާށެވެ.