17 ޖުލައި 2017 - 06:18

ސެމްސަންގް ގެލަކްސީ ނޯޓް އާއިލާގެ ފޯނުތައް މާކެޓަށް ނެރެނީ ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރު އެވެ. އެހެންކަމުން، ލަސްތަކެއް ނުވެ ނޯޓް 8 ވެސް އާންމުކޮށްފާނެ އެވެ. އެ މޫސުން ލައިގަންނަނީ އެވެ.
ސްމާޓްފޯން މަސްރަހުގައި ފޯނުތަކުގެ ސިފަ އަންދާޒާކުރުން އާދަވެއްޖެ އެވެ. އެ ފޯނަކާ ބެހޭ ގޮތުން އެންމެ ގިނައިން ވާހަކަދެކެވޭ ފޯނު ސިފަކުރެވޭ ގޮތް، ކުރިއަށް ލަފާކުރުމަކީ ޝައުގުވެރި ކަމެކެވެ. ސޯޝަލް ނެޓްވޯކްތަކުގައި އެންމެން މިހާރު ދައްކަނީ ނޯޓް 8ގެ ވާހަކަ އެވެ. ފޮޓޯއިން އެ ފެންނަނީ ނޯޓް 8 އޮންނާނެ ގޮތް ކަމަށް ބުނެވެ އެވެ.
މިއީ "އައިސް ޔުނިވާސް" ޓްވީޓާގައި އާންމުކުރި ފޮޓޯއެކެވެ. އޭނާ ބުނެފައިވާ ގޮތުގައި މިއީ ނޯޓް 8 އެވެ. އައިސް ޔުނިވާސް، ޓްވީޓާގައި ވަރަށް ހަރަކާތްތެރި އެވެ. އެ ނަމުގައި އާންމުކުރާ ވާހަކަތައް ގިނަ ފަހަރު ކޮޅެއްގައި ޖެހެ އެވެ.
ޓްވީޓާގައި އާންމުވެގެން އުޅޭ ފޮޓޯތަކަކީ ގެލަކްސީ ނޯޓް 8 ސިފަކުރެވޭ ގޮތް ކަމަށް ގަބޫލުކުރެވޭ އެހެން ސަބަބެއް ވެސް އެބަ އޮތެވެ. "ސެމްސަންގް އެގްޒިނޮސް"ގެ ނަމުގައި މި ވައްތަރު ފޮޓޯއެއް ޓްވީޓާގައި ވަނީ އާންމުކޮށްފަ އެވެ. އެކަމަކު އެ ފޮޓޯގެ މައިގަނޑު ބޭނުމަކީ ނޯޓް 8 ގައި އެގްޒިނޮސް ޗިޕް ބޭނުންކުރާކަން އަންގައިދިނުމެވެ.
ސެމްސަންގް ގެލަކްސީ ނޯޓް 8 ގައި ރަސްމީ ސިފަޖެހި، އާންމުކުރެވެންދެން މި ޒާތުގެ ފޮޓޯތައް ފެތުރެމުން ދާނެ އެވެ. ސޯޝަލް ނެޓްވޯކްގައި މީހުން ސައްލާކުރަމުން ވެސް ދާނެ އެވެ. ނޯޓް 8 އާންމުކުރާނެ ކަމަށް ބުނެވެނީ ސެޕްޓެމްބަރު ކުރީ ކޮޅު އެވެ. ސެމްސަންގުން އެ އަށް ވުރެ އަވަސްކޮށްފި ނަމަ އެ ދުވަހަކަށް ވާނެ ކަމަށް ބުނެވެނީ 23 އޮގަސްޓް އެވެ.