16 ޖުލައި 2017 - 13:22

ރާއްޖޭގެ އިގްތިސާދީ ހާލަތު ބެލުމަށް އައިސް އުޅޭ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ވަފްދުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަދި އިގްތިސާދީ ކޮމިޓީއާ އެކު މިއަދު ބޭއްވި ބައްދަލުވުން ސިއްރު ކޮށްފި އެވެ.
މިއަދު މެންދުރު 11:30ގައި އެ ދެ ކޮމިޓީއާއެކު ބޭއްވި ބައްދަލުވުމަށް މީޑިއާތަކަށް ދައުވަތު ދީގެން ގެންދިއުމަށް ފަހު ބައްދަލުވުން ސިއްރު ކުރަން ނިންމީ ކޮން ސަބަބަކާ ހެދި ކަމެއް ނުބުނެ އެވެ.
މިމަހުގެ 5-18 އަށް ރާއްޖެ އައިސް އުޅޭ އައިއެމްއެފްގެ ވަފްދުގެ ބޭފުޅުން ވަނީ މަޖިލީހުގެ މެމްބަރުންގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމާ ވެސް ބައްދަލު ކުރައްވައިފަ އެވެ. ނަމަވެސް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާ ބައްދަލުކުރެއްވި ކަމެއް ޔަގީނެއްނުވި އެވެ.
ފަސް ބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފުދުގެ މެމްބަރުން މާދަމާގެ ވަގުތެއްގައި އެމްއެމްއޭގައި ނޫސްވެރިންނާ ބައްދަލުކުރަން ހަމަޖެހިފައިވާ ކަމަށް އެނގިފައިވެ އެވެ.
އައިއެމްއެފުން ކޮންމެ އަހަރަކު ވެސް ރާއްޖޭގެ އިގްތިސާދު ދިރާސާ ކުރެއްވުމަށް ފަހު ކަމާ ބެހޭ ރިޕޯޓެއް އާއްމުކުރެ އެވެ. އެ ރިޕޯޓުގައި އިގްތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެކަމަށް ހައްލު ގެނައުމަށް ފެންނަ ގޮތުގެ ހުށަހެޅުންތަކެއް ހިމަނަ އެވެ.