25 ޖޫން 2016 - 09:16

ހިތުގެ ބަލިތަކަކީ ފިރިހެނުންނަށް ދިމާވާ މައްސަލައެއް ކަމަށް ވަރަށް ގިނަ ފިރިހެން ޑޮކްޓަރުންނަށް ގަބޫލުކުރެވޭ ކަމަށާއި އެ މީހުންނަށް ދައްކާ އަންހެނުންނަށް ހިތުގެ ބަލީގެ ނުރައްކާ އޮންނަ މިންވަރު ދެނެގަތުމަށް މިފަދަ ޑޮކްޓަރުންނަށް އުނދަގޫކަމަށް ފްރާންސްގައި ކޮށްފައިވާ ދިރާސާއަކުން ހާމަވެއްޖެ އެވެ.
މި ދިރާސާކުރި ސައިންސްވެރިން ބުނަނީ މިފަހަރުގެ ހޯދުމަކީ ގިނަ ޑޮކްޓަރުންނަށް ލިބޭނެ ވަރަށް ބޮޑު ހައިރާން ކަމަކަށް ވާނެ ކަމަށެވެ. އަދި މި ދިރާސާއިން ހާމަވި ކަންކަމަށް ބަލައި، އަންހެނުންގެ ހިތުގެ މައްސަލަތަކަށް ފިރިހެން ޑޮކްޓަރުން އެއް ހަމަޔަކުން ސަމާލުކަން ދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޑރ.ރަފައެލް ޑެލްޕެޗް ވިދާޅުވި އެވެ. އޭނާ އަކީ ފްރެންޗް ނެޝަނަލް އިންސްޓިޓީއުޓް އޮފް ހެލްތު އެންޑް މެޑިކަލް ރިސާޗްގެ ޕްރައިމަރީ ކެއާ ފިޒީޝަނެކެވެ.
މި ދިރާސާކުރުމަށް ޑެލްޕެޗްގެ ޓީމުން، ޕްރައިމަރީ ކެއާ ފިޒީޝަނުންގެ 52 މީހަކު ބަލާފައިވާ 2،200 ބަލި މީހުންގެ ރެކޯޑްތައް ބަލާފައިވެ އެވެ. މި ހޯދުމުން އެނގުނީ ހިތުގެ ބަލިތަކުގެ ނުރައްކާ އޮތް މިންވަރު ދެނެގަތުމަށް ކުރާ، ލޭގައި ހަކުރާއި ކޮލެސްޓްރޯލް ހުރި މިންވަރާއި ދުންފަތުގެ އިސްތިއުމާލު ކުރޭތޯ ބެލުން ފަދަ މައުލޫމާތު ގިނައިން ހުރީ އަންހެނުންނަށް ވުރެ ފިރިހެނުންގެ ކޭސް ފައިލްތަކުގަ އެވެ.
އަންހެނުންގެ ޓެސްޓްތައް މިގޮތަށް ކޮށް އެމީހުންގެ ހިތުގެ ހާލަތު ދެނެގަނެފައި ނުވާތީ އެމީހުންނަށް ހިތުގެ ނުރައްކާ އޮތް މިންވަރު ހޯދަން އުނދަގޫވެފައިވާ ކަމަށް ޔޫރަޕިއަން ޖާނަލް އޮފް ޕްރިވެންޓިވް ކާޑިއޮލޮޖީގައި ޝާއިއުކޮށްފައިވާ މި ރިޕޯޓުގައިވެ އެވެ.
ޕްރައިމަރީ ކެއާ ޑޮކްޓަރުންނަށް ދައްކާ ފިރިހެނުންނަށް ހިތުގެ މައްސަލަތައް ކުރިމަތިވޭތޯ މާބޮޑަށް ސަމާލުކަން ދީގެން ބެލޭކަމަށް ލަފާ ކުރެވޭކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
ޑެލްޕެޗް ވިދާޅުވީ މިހެން ދިމާވާ ސަބަބެއް ކަމަށް އެބޭފުޅުންނަށް ލަފާ ކުރެވެނީ ހިތުގެ ބަލިތައް ފިރިހެނުންނަށް ޖެހޭލެއް މާ އާއްމުވެފައި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ކަންތައްތައް ވެސް އެމީހުން މާގިނައިން ކުރާތީ އެމީހުންނަށް އެ ނުރައްކާ މާބޮޑު ކަމަށް ޑޮކްޓަރުންނަށް ގަބޫލުކުރެވުމެވެ.
އެގޮތުން ފިރިހެން ޕްރައިމަރީ ކެއާ ފިޒީޝަނުންނަށް ދައްކާ އަންހެނުންގެ ހިތުގެ މައްސަލައެއް ހުރިތޯ ޗެކް ނުކުރެވޭ ކަމަށް ޑެލްޕެޗް ގަބޫލު ކުރައްވަ އެވެ.
އެއާ ޚިލާފަށް އަންހެން ފިޒީޝަނުން އެމިހުންނަށް ދައްކާ ފިރިހެނުންނާއި އަންހެނުން ތަފާތެއް ނުކުރެ އެވެ. ދެބައިމީހުންނަށް ވެސް ގަވާއިދުން ހަދަންޖެހޭ ޓެސްޓްތައް ހަދައި އެމީހުންގެ އެއްވެސް މައްސަލައެއް ހުރިތޯ ބަލަ އެވެ.
ވަކި ޖިންސަކަށް ނުބަލައި ހިތުގެ ބަލި ހުރިތޯ ޗެކްކުރުމުގެ މުހިއްމުކަން ވަރަށް ބޮޑު ކަމަށާއި އެހެން ނޫނީ ހިތުގެ ބަލިތަކުގައި މަރުވާ މީހުން މަދު ނުކުރެވޭނެ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި ދުނިޔޭގައި އެންމެ ގިނަ އަދަދެއްގެ މީހުން މަރުވަނީ ހިތުގެ ބަލިތަކުގަ އެވެ.