15 ޖުލައި 2017 - 19:21

ކާބުލް (ޖުލައި 15) - އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫ ސައީދު މަރާލައިފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފި އެވެ.
ޕެންޓަގަނުން ބުނީ އަބޫ ސައިދު މަރާލީ މި މަހު 11 ވަނަ ދުވަހު އިރުމަތީގެ ކުނާރު ޕްރޮވިންސްގައި ހުންނަ އައިއެސްގެ ހެޑްކުއާޓަރަށް ދިން ހަމަލާތަކެއްގައި ކަމަށެވެ. މި ހަމަލާގެ ބޭނުމަކީ، ޕެންޓަގަނުން ބުނި ގޮތުގައި، އަފްޣާނިސްތާނުގައި ހިންގަން އައިއެސް އިން ރާވާފައިވާ ޕްލޭން ފޭލްކޮށްލުމެވެ.
އަބޫ ސައީދުގެ ކުރިން އަފްޣާނިސްތާނުގައި އައިއެސްގެ ލީޑަރުކަން ކުރި އަބްދުލް ހަސީބު ވަނީ އެޕްރީލް މަހު މަރާލައިފަ އެވެ. އޭގެ ކުރިން އެ ޖަމާއަތް ހިންގަމުން ދިޔަ ހާފިޒް ސައިދު ޚާން ވެސް ވަނީ 2016 ވަނަ އަހަރު ދިން ޑްރޯން ހަމަލާއެއްގައި މަރާލައިފަ އެވެ.
އަފްޣާނިސްތާނުގައި އައިއެސްގެ ސަޕޯޓަރުން ގިނަ ކުރަން ހުރަސް އަޅާފައި ވަނީ ތާލިބާން ޖަމާއަތެވެ. އައިއެސްގެ ބާރު އަފްޣާނިސްތާނުގައި ގަދައީ ކުނާރުގެ އިތުރުން އިރުމަތީގެ ނަންގަހާރު ޕްރޮވިންސްގަ އެވެ.
އެމެރިކާ ސިފައިން ބުނީ އަބޫ ސައިދު އާއި ހަސީބުގެ އިތުރުން އައިއެސްގެ ވަރަށް ގިނަ ހަނގުރާމަވެރިން އަފްޣާނިސްތާނުގައި މި އަހަރު ހިންގި އޮޕަރޭޝަންތަކުގައި މަރާލާފައިވާ ކަމަށެވެ.
އަފްޣާނިސްތާނާއި ޕާކިސްތާނުގައި އައިއެސްގެ ހަރަކާތްތައް ފެށިކަން އިއުލާންކުރީ 2015 ވަނަ އަހަރު އެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ކާބުލްގައި ބޭއްވި ޝިއައީ މުސްލިމް އެއްވުމަކަށް އައިއެސް އިން ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި ވަނީ 80 މީހުން މަރުވެފަ އެވެ. އޭގެ ތިން މަސް ފަހުން ޝިއައީންގެ ދީނީ ފެސްޓިވަލަކަށް ދިން ހަމަލާއެއްގައި 30 މީހުން މަރުވި އެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކާބުލްގެ މިސްކިތަކަށް ދިން ހަމަލާއެއްގައި 30 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.