"ހައްދު" ގެ ޓީޒާ ދައްކާލައިފި
"ހައްދު" ގެ ޓީޒާ ދައްކާލައިފި

އަންނަ ސެޕްޓެމްބަރު މަހުގެ ހައެއްގައި ރިލީޒް ކުރަން ނިންމާފައިވާ ފިލްމް "ހައްދު" ގެ ފުރަތަމަ ޓީޒާ މިއަދު ދައްކާލައިފި އެވެ.

އަލަށް ތައާރަފުވާ އަހުމަދު ޝިބާންއާ އެކު މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާ ލީޑް ރޯލުން ފެނިގެންދާ ޓީޒާ އިން ވެސް މިއީ ވަރަށް، ވަރުގަދަ ލޯބީގެ ފިލްމަކަށް ވާނެކަން އެނގެ އެވެ.

"އަޅެ ހަމަ ތި ނޫން ކަމެއް ކުރާކަށް ނޭނގޭތަ؟" ޓީޒާ ފެށިގެން އަންނަނީ އައްޒަ އާއި ޝިބާންގެ މި މަންޒަރާ އެކުގަ އެވެ. އޭގެ ފަހަތުން ދެން ނިއުޅެމުން ދެން އަންނަނީ ބެލުންތެރިންގެ ޝައުގުވެރިކަން ދަމައިގަންނަ ކަހަލަ އިތުރު މަންޒަރުތަކެވެ.

ޓީޒާ އިން އެންމެ އަޅައިގަންނަ އެއް ކަމަކީ ޝިބާން އާއި އައްޒަ އަދި ރިޝްފާގެ ކެމިސްޓްރީ އެވެ.

މީގެ އިތުރުން ޓީޒާ އިން ބަތަލާ ނުޒުހަތު ޝުއައިބް (ނުޒޫ) ގެ ފަރި ހަރަކާތްތަކެއް ވެސް ވަނީ ހިމަނައިފަ އެވެ.

ޑައިރެކްޓަރު އަބްދުލް ފައްތާހު ރެކޯޑް ބްރޭކިން މޫވީއެއްގެ ގޮތުގައި ޕްރޮމޯޓް ކުރަމުން އަންނަ "ހައްދު" ޝޫޓިންގެ ވަރަށް ބޮޑު ބައި ހއ. ކެލާ އާއި އުތީމް އަދި ރ. ވާދޫގައި ވަނީ ނިންމައިފަ އެވެ.

ފިލްމުގެ ބާކީ ހުރި މަންޒަރުތައް މިހާރު އަންނަނީ ގިލިލަންކަންފުށި ރިސޯޓްގައި ނަގަމުންނެވެ. ޝޫޓިންގައި ބަތަލާ ރިޝްފާ އަންނަނީ ބައިވެރިވަމުންނެވެ.

ފައްތާހު ބުނީ މަސައްކަތް ވަރަށް ފުރިހަމައަށް ކުރިއަށްދާ ކަމަށާއި ފުރިހަމަ، މޮޅު އަދި ސަޅި ފިލްމެއް ސެޕްޓެމްބަރު ހައެއްގައި ސްކްރީނުން ދައްކައިލާނެ ކަމަށެވެ.

"ހައްދު" އަކީ އަހުމަދު މަހުދީގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމެކެވެ.