ދިވެހި އަންހެނަކު ވިހެއި އެއްމާބަނޑު ހަތަރު ކުދިންގެ ފޮޓޯ އާންމުކޮށްފި
ދިވެހި އަންހެނަކު ވިހެއި އެއްމާބަނޑު ހަތަރު ކުދިންގެ ފޮޓޯ އާންމުކޮށްފި

ބަނޑަށް ހަތް މަހުގައި ދިވެހި އަންހެނަކު ވިހޭ އެއްމާބަނޑު ހަތަރު ކުދިންގެ ފޮޓޯ އޭޑީކޭ އިން މިއަދު އާންމުކޮށްފި އެވެ.

މިދިޔަ ޖޫން މަހުގެ 17 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލްގައި އުފަންވި އެ ހަތަރު ކުދިންނަކީ ދިވެހި ދެމަފިރިއެއްގެ އަލަތު ކުދިންނެވެ. އެ ކުދިން ވިހެއީ ސިޒޭރިއަން ހަދައިގެންނެވެ.

އެ ހަތަރު ކުދިންނާއި އެ ކުދިންނަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި ޑޮކްޓަރުންނާއި ނަރުހުންނާ އެކު ހިމެނޭ ގްރޫޕް ފޮޓޯއެއް އޭޑީކޭ އިން ސޯޝަލް މީޑިއާގައި އާންމު ކުރީ އެ ކުދިން އިއްޔެ ހޮސްޕިޓަލުން ދޫކޮށްލާފައި ވަނިކޮށެވެ. އެ ފޮޓޯ އާންމު ކުރީ އެ ކުދިންގެ މައިންބަފައިންގެ ހުއްދައާ އެކު ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

މަހަކަށް ވުރެ ގިނަ ދުވަހު އެ ހަތަރު ކުދިންނަށް އޭޑީކޭގައި ފަރުވާ ދިނީ އެންމެ ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން ކަމަށާއި 24 ގަޑިއިރު އެ ކުދިން ބެލެހެއްޓުމަށް ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ ތަމްރީނުތަކެއް ދީފައިވާ ކަމަށް އޭޑީކޭ އިން ވަނީ ބުނެފަ އެވެ.

އެއްމާބަނޑު ދެ ކުދިން ލިބުމަކީ ރާއްޖޭގައި އާންމު ކަމެއް ނަމަވެސް އެއްމާބަނޑު ހަތަރު ކުދިން ލިބުމަކީ ރާއްޖޭގައި ފަހުގެ ތާރީޚެއްގައި އަލަށް ހިނގި ކަމެކެވެ. އެންމެ ފަހުން ވެސް އެއްމާބަނޑު ހަތަރު ކުދިން ރާއްޖޭގައި ލިބުނު ކަމަށްވަނީ 1975 ވަނަ އަހަރު އެވެ. އޭރު އައްޑޫ އަންހެނަކު ވިހެއި ހަތަރު ކުދިންގެ ތެރެއިން ތިން ކުދިން މަރުވެފައިވާ ކަމަށްވެ އެވެ.