15 ޖުލައި 2017 - 13:29

ބެއިޖިން (ޖުލައި 15) - ނޯބެލް ސުލްހައިގެ އިނާމު ހޯދާފައިވާ ޗައިނާގެ އެކްޓިވިސްޓް ލިއު ޒިއާއޮބޯ އަށް ގައުމުން ބޭރުގައި ރަނގަޅު ފަރުވާ ނުދެވި ކެންސަރު ބަލީގައި އޭނާ މަރުވުމުން ޗައިނާ އަށް ވަރަށް ބޮޑަށް ފާޑު ކިޔުންތައް އަމާޒުވާން ފަށައިފި އެވެ.
އުމުރުން 61 އަހަރުގެ ލިއު މަރުވީ ޖަލުގައި އޮވެ ހާލު ބޮޑުވުމުން ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާދޭން ފެށިތާ ދެމަހެއްހާ ދުވަސް ފަހުންނެވެ. އޭނާ އަށް ފަރުވާ ދިނުމަށް ބައެއް ގައުމުތަކުން ހުށަހެޅި ނަމަވެސް ޗައިނާ އިން ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ.
ނޯބެލް އިނާމު ކޮމިޓީން ބުނީ ލިއުގެ މަރުގެ މައްސަލައިގައި ޗައިނާގެ އިހުމާލު ބޮޑު ކަމަށާއި އެކަމުގެ ޒިންމާ އެ ގައުމުން އުފުލަން ޖެހޭނެ ކަމަށެވެ. އަދި ފުރުސަތު އޮއްވާ ރަނގަޅު ފަރުވާ ދެވޭ ތަނަކަށް އޭނާ ބަދަލު ނުކުރުމަކީ އިންތިހާ އަށް ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށް ކޮމިޓީން ބުންޏެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކާއި ހުޅަނގުގެ ގައުމުތަކާ އަދި ޗައިނާގެ އެކްޓިވިސްޓުން ވަނީ ލިއު ޗައިނާ އިން ބޭރަށް ފޮނުވައިގެން ފަރުވާ ދޭން ގޮވާލައިފަ އެވެ. އެމެރިކާ އާއި ޖަރުމަން އަދި ޓައިވާނުން ވަނީ ލިއު އަށް ހިލޭ ފަރުވާ ކޮށްދިނުމަށް ހުށަހަޅައިފަ އެވެ. ނަމަވެސް ލިއު އަށް ފަރުވާ ދިން ޗައިނާ ޑޮކްޓަރުން ބުނެފައި ވަނީ ބޭރަށް ފޮނުވޭ ވަރަށް އޭނާގެ ހާލު ރަނގަޅު ނޫން ކަމަށެވެ. އެކަމަކު ލިއުގެ ހާލު ބަލަން ދިޔަ އެމެރިކާ އާއި ޖަރުމަނުގެ ޑޮކްޓަރުން އެކަން ދޮގު ކުރެ އެވެ.
ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް ވިދާޅުވީ ލިއު އަކީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރި ހިތްވަރުގަދަ މީހެއް ކަމަށެވެ. އިނގިރޭސި ޚާރިޖީ ވަޒީރު ބޮރިން ޖޯންސަން ވިދާޅުވީ ގައުމުން ބޭރުން ފަރުވާ ކުރުމުގެ ފުރުސަތު ލިއު އަށް ނުދިނުމަކީ ޗައިނާ އިން ހެދި ބޮޑު ގޯހެއް ކަމަށެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން ވަނީ ގޭ ބަންދުގައި ހުރި ލިއުގެ ހުވަފަތް އަންހެނުން މިނިވަން ކުރުމަށް ގޮވާލައިފަ އެވެ.
ލިއުގެ އަންހެނުން ވަނީ 2010 ވަނަ އަހަރުން ފެށިގެން ގޭ ބަންދުކޮށްފަ އެވެ. ނަމަވެސް ލިއުގެ ހާލު ދެރަވާން ފެށުމުން ވަނީ ލިއުގެ ކައިރި އަށް ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.
ލިއު އަކީ ނޯބެލް ސުލްހައިގެ އިނާމު ހޯދާފައިވާ މީހުންގެ ތެރޭން، 1938 ވަނަ އަހަރު ނާޒިންގެ ބަންދުގައި ހުއްޓާ މަރުވި ޖަރުމަނުގެ ކާލް ވޮން އޮސިއެޓްޒްކީ އަށް ފަހު، ބަންދުގައި ހުއްޓާ މަރުވި ފުރަތަމަ މީހާ އެވެ.
އުތުރުގެ ޝެންޔަން ސިޓީގެ ލީގަލް ބިއުރޯ އިން ބުނީ ލިއު މަރުވީ ވަރަށް ގިނަ ގުނަވަންތައް ފޭލްވެގެން ކަމަށެވެ. އޭނާ މަރުވީ ޗައިނާ މެޑިކަލް ޔުނިވާސިޓީ ފަސްޓް ހޮސްޕިޓަލްގެ އައިސީޔޫ އަށް ބަދަލުކުރިތާ ތިން ދުވަސް ފަހުންނެވެ.
ޗައިނާ އަށް ޑިމޮކްރެޓިކް ބަދަލުތައް ގެނައުމަށް ގޮވާލުމުން ލިއު ހައްޔަރު ކުރީ 2008 ވަނަ އަހަރު އެވެ. އަދި އޭގެ އެއް އަހަރު ފަހުން ވަނީ ދައުލަތާ އިދިކޮޅު އަމަލެއް ހިންގަން އުޅުނު ކަމަށް ބުނެ 11 އަހަރަށް ޖަލަށް ހުކުމް ކޮށްފަ އެވެ. އޭނާ އަށް ނޯބެލް ސުލްހައިގެ އިނާމު ދިނީ 2010 ވަނަ އަހަރު އެވެ.
ލިއުގެ މަރާ ގުޅިގެން އަމާޒުވާ ފާޑުކިޔުންތަކަށް ރައްދުދީ ޗައިނާ އިން ބުނެފައި ވަނީ އެއީ އެ ގައުމުގެ އެތެރޭގެ މައްސަލައެއް ކަމަށާއި ލިއު އަށް ފަރުވާ ދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރި ކަމަށެވެ. އަދި އެ މައްސަލައިގައި ބޭރު ގައުމުތަކަށް ފާޑު ނުކިޔޭނެ ކަމަށް ވެސް ޗައިނާ ސަރުކާރުން ބުނެފައިވެ އެވެ.