15 ޖުލައި 2017 - 10:08

މިލާން (ޖުލައި 15) – ޔުވެންޓަސްގެ އިޓަލީ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ ގިނަ ބަޔަކު ހައިރާންކޮށްލުމަށް ފަހު ވާދަވެރި އޭސީ މިލާނާ ގުޅިއްޖެ އެވެ.
ޔުވެންޓަސްގެ ކޯޗު މަސިމޯ އެލެގްރީއާ ބޮނޫޗީ މައްސަލަ ޖެހިފައިވާތީ އާއި އޭނާ އަށް ބޮޑެތި އޮފާތަކެއް ލިބިފައިވާތީ އޭނާ ޔުވެންޓަސް ދޫކޮށްލަފާނެ ކަމަށް އޮތީ ބެލެވިފަ އެވެ. އެކަމަކު 40 މިލިއަން ޔޫރޯ ފަދަ ނިސްބަތުން ކުޑައަގަކަށް ވާދަވެރި ޓީމަކަށް ޔުވެންޓަސް އިން އޭނާ ވިއްކާލުމުން ވަރަށް ބޮޑު ހައިރާންކަމެއް ވަނީ ލިބިފަ އެވެ.
މިލާނާ އެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއް އުމުރުން 30 އަހަރުގެ ބޮނޫޗީ ހަދާފައިވާއިރު އޭނާ އަށް މުސާރައިގެ ގޮތުގައި އަހަރަކު 7.5 މިލިއަން ޔޫރޯ ލިބޭނެ އެވެ. އެއާ އެކު އޭނާ ވެގެންދާނީ އިޓާލިއަން ލީގުގައި ކުޅޭ އެންމެ މުސާރަ ބޮޑު ޑިފެންޑަރަށެވެ. މީގެ އިތުރުން މިލާނުން އޭނާ އަށް ކެޕްޓަން ބޭންޑް ދޭނެ ކަމަށް ވެސް ބެލެވެ އެވެ.
މެންޗެސްޓާ ސިޓީ އާއި ޗެލްސީ އާއި ބާސެލޯނާ އަދި ޕީއެސްޖީން ވެސް ގެންދަން މަސައްކަތްކުރި ބޮނޫޗީ މި ވަގުތު ޔޫރަޕުގައި ހުރި އެންމެ މޮޅު އެއް ޑިފެންޑަރެކެވެ. އިންޓަ މިލާނުން 2005 ގައި ކެރިއަރު ފެށި ބޮނޫޗީ 2010 ވަނަ އަހަރު ޔުވެންޓަސްއާ ގުޅުމަށް ފަހު ވަނީ އެ ޓީމާ އެކު އިޓާލިއަން ލީގު ހަ ފަހަރު އަދި އިޓާލިއަން ކަޕް ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ. އިޓަލީއާ އެކު 2012 ވަނަ އަހަރުގެ ޔޫރޯގެ ދެ ވަނަ ހޯދި ބޮނޫޗީ ވަނީ އިޓަލީ ޓީމަށް 70 މެޗު ކުޅެދީފަ އެވެ.
ބޮނޫޗީ އަކީ ޗެލްސީގެ މިހާރުގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން ޔުވެންޓަސްގައި ތަފާތު ދައްކަން ފެށި ކުޅުންތެރިއެކެވެ. އޭނާ އަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ސެންޓްރަލް ޑިފެންޑަރެވެ. އޭނާ ފާހަގަކުރެވެނީ ފަހަތުން، އުފެއްދުންތެރި ބޯޅަތަކެއް ވެސް ތަނަވަސްކޮށްދޭ ޑިފެންޑަރެއްގެ ގޮތުގަ އެވެ.
ބޮނޫޗީގެ ބަދަލުގައި ޔުވެންޓަސް އިން ދެން ފުރުސަތު ދޭނީ އުއްމީދީ ޑިފެންޑަރު ޑެނިއަލް ރުގާނީ އަށެވެ.
ޗައިނާގެ މަހުޖަނަކު ހަވާލުވެ އަންނަ ސީޒަނަށް މިލާން އަންނަނީ ވަރަށް ވަރުގަދަކުރަމުންނެވެ. އެގޮތުން މިހާތަނަށް އަށް ކުޅުންތެރިއަކު ވަނީ ގެނެސްފަ އެވެ. އެއީ ބޮނޫޗީގެ އިތުރުން މަޓެއޯ މުސަޗިއޯ އާއި ރިކާޑޯ ރޮޑްރިގޭޒާއި އަންދްރޭ ކޮންޓީ އާއި އައިވަރީ ކޯސްޓުގެ މިޑްފީލްޑަރު ފްރޭންކް ކެސީ އާއި ހަކާން ޗަޅަނޮގްލޫ އާއި ފަބިއޯ ބޮރީނީ އާއި އަންދްރޭ ސިލްވާ އެވެ. އާޖެންޓީނާގެ ލޫކަސް ބިޖްލިއާ ވެސް މާދަމާ ސޮއިކުރާއިރު އެ ޓީމުން އަންނަނީ ބޮރުޝީއާ ޑޯޓްމަންޑުގެ ޕިއެރޭ އެމެރިކް އޯބަޔަން އާއި ޓޮރިނޯގެ އަންދްރޭ ބެލޮއްޓީ ގެންނަން ވެސް މަސައްކަތްކުރަމުންނެވެ.