ގޮތެއް ނިންމަން ކޮސްޓާ އާއި މަޓިޗަށް ފުރުސަތު ދީފި
ގޮތެއް ނިންމަން ކޮސްޓާ އާއި މަޓިޗަށް ފުރުސަތު ދީފި

ލަންޑަން (ޖުލައި 15) - ޗެލްސީގެ ދެ ކުޅުންތެރިން ކަމަށްވާ ނިމެންޔާ މަޓިޗާއި ޑިއޭގޯ ކޮސްޓާގެ މުސްތަގުބަލާ ގުޅޭގޮތުން ގޮތެއް ނިންމަން ޗެލްސީން އެ ދެ ކުޅުންތެރިންނަށް ފުރުސަތު ދީފި ކަމަށް ރިޕޯޓްތައް ބުނެފި އެވެެ.

ޗެލްސީން ޕްރީ ސީޒަން ޓުއާގައި ޗައިނާ އާއި ސިންގަޕޫރަށް ކުރާ ދަތުުރަށް ނެގި ސްކޮޑުން ކޮސްޓާ އާއި މަޓިޗް ވަނީ ބާކީކޮށްފަ އެވެ. އެއީ އެ ދެ ކުޅުންތެރިންގެ މުސްތަގުބަލާ ގުޅޭގޮތުން އަދި ވަކި ގޮތެއް ނުނިމޭތީ އެވެ.

ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ ޕްލޭނުން މި ފަހަރު މި ދެ ކުޅުންތެރިންށް ފުރުސަތު ނެތް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ކޮސްޓާ އަންނަނީ ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑާ މަޝްވަރާ ކުރަމުންނެވެ. އަދި މަޓިޗް މެންޗެސްޓާ ޔުނައިޓެޑާ ގުޅުމަށް ވަނީ ވާހަކަ ދައްކައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން އެވަޓަންގެ ރޮމެލޫ ލުކާކޫ އަށް ޗެލްސީން ފާރަލަމުން އަންނަނިކޮށް ޔުނައިޓެޑުން އޭނާ ގަތުމުން ޗެލްސީން މިހާރު ނިންމާފައިވަނީ މަޓިޗް މައްސަލައިގައި ޔުނައިޓެޑާ މަޝްވަރާނުކުރާށެވެ.

ޗެލްސީން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މެންޗެސްޓާ ސިޓީ އަށް ކުރިން ކުޅުނު ތަޖުރިބާކާރު ކީޕަރު ވިލީ ކަބަލޭރޯ އާއި ޖަރުމަނުގެ ޑިފެންޑަރު އެންޓޯނިއޯ ރުޑީގާ ވެސް ގެނެސްފަ އެވެ. މީގެ އިތުރުން މޮނާކޯ އަށް ކުޅޭ މިޑްފީލްޑަރު ޓިއެމް ބަކަޔޯކޯ ގެންނަން ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ. ބެލެވޭ ގޮތުގައި ބަކަޔޯކޯ ސޮއިކުރުމާ އެކު މަޓިޗްގެ މުސްތަގުބަލާ ގުޅޭގޮތުން ޗެލްސީން ރަސްމީކޮށް ގޮތެއް ނިންމާނެ އެވެ.

ލުކާކޫ ނުލިބުމުން ޗެލްސީން އަންނަނީ ތިން ފޯވާޑަކަށް ފާރަލަމުންނެވެ. އެއީ ޑޯޓްމަންޑްގެ ޕިއޭ އެމެރިކް އޮބާމަޔަންގާއި ޓޮރީނޯގެ އަންޑްރެއަ ބެލޮއްޓީ އަދި ރެއާލް މެޑްރިޑްގެ އަލްވާރޯ މޮރާޓާ އެވެ. މީގެ ތެރެއިން ކޮންޓޭ ބޭނުންވަނީ ބެލޮއްޓީ ނުވަތަ މޮރާޓާ އެވެ.