ޔޫރޮޕާ ލީގު ފަސޭހަކޮށް ނަގައިގެން ނުވާނެ: ރޫނީ
ޔޫރޮޕާ ލީގު ފަސޭހަކޮށް ނަގައިގެން ނުވާނެ: ރޫނީ

ލިވަޕޫލް (ޖުލައި 15) - ޕްރީ ސީޒަންގެ ތައްޔާރީތަކުގެ ބޭނުން އެންމެ ފުރިހަމަ އަށް ހިފަންޖެހޭނެ ކަމަށާއި ޔޫރޮޕާ ލީގު ފަސޭހަކޮށް ނަގައިގެން ނުވާނެ ކަމަށް ދާދި ފަހުން އެވަޓަންއާ ގުޅުނު ފޯވާޑް ވޭން ރޫނީ ބުނެފި އެވެ.

ރޫނީ ވަނީ މިދިޔަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑާ އެކު ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފަ އެވެ. އެވަޓަން މި ފަހަރުގެ ޔޫރޮޕާ ލީގަށް ކޮލިފައިވުމަށް ތިން ވަނަ ކޮލިފައިން ރައުންޑުގައި ކުޅެން ޖެހޭ މެޗު އަންނަ މަހު އޮންނާނެ އެވެ. އެ ޓީމު ކުޅެން ޖެހޭނީ ސްލޮވާކިއާގެ ރޮޒޮމްބެރޮކް ނޫނީ ނޯވޭގެ ބްރަންއާ ދެކޮޅަށެވެ.

"އަހަރެމެންނަށް ރަނގަޅު ކުރެވޭނެ ކަންތައްތަކެއް އެބަހުރި. އެއީ މި ސީޒަނުގައި އަހަރެމެންގެ ޓާގެޓަކީ ހަމައެކަނި ޕްރިމިއާ ލީގުގައި ނަތީޖާ ރަނގަޅު ކުރުމެއް ނޫން. ޔޫރޮޕާ ލީގު ވެސް އެބަޖެހޭ ނަތީޖާ ރަނގަޅު ކުރަން. ޔޫރޮޕާ ލީގަކީ އާދައިގެ މުބާރާތެއް ނޫން. އުނދަގޫ މުބާރާތެއް އެއީ. ފަސޭހަކޮށް ނަގައިގެން ނުވާނެ،" ރޫނީ އެވަޓަން ޓީވީ އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

އުމުރުން 31 އަހަރުގެ ރޫނީ ވަނީ އެވަޓަން އަށް ބަދަލުވުމަށް ފަހު އެ ޓީމަށް ކުޅެދިން ފުރަތަމަ މެޗުގައި ޓެންޒާނިއާގެ ގޯ މަހިއާ ކޮޅަށް ލަނޑު ޖަހައިފަ އެވެ. އެ މެޗުގައި ރޫނީގެ ފަރާތުން ފެނުނު ކުޅުމަށް އެވަޓަންގެ ކޯޗު ރޮނާލްޑް ކޫމަން ވަނީ ތައުރީފް ކޮށްފަ އެވެ.

"ރޫނީ އަކީ އެވަޓަން ޓީމަށް ތަފާތު ގެންނާނެ ކުޅުންތެރިއެއްކަން މި މެޗުގައި ވެސް އޭނާ ސާބިތުކޮށްދީފި،" ކޫމަން ބުންޏެވެ.

ތޭރަ އަހަރަށް ފަހު އަލުން އެވަޓަން އަށް ބަދަލުވުމަށް ފަހު ރޫނީ ބުނީ އޭނާ އެ ކްލަބާ ގުޅުނީ ރިޓަޔާކުރުމުގެ ވިސްނުމުގައި ނޫން ކަމަށާއި އެންމެ މަތީ ފަންތީގައި ކުޅުމުގެ އިތުރުން އެވަޓަންއާ އެކު ކާމިޔާބީ ހޯދަން ބޭނުންވާތީ ކަމަށެވެ.

އެވަޓަން އަކީ މި ސީޒަނަށް އެންމެ ވަރުގަދަ ކުރި އެއް ޓީމެވެ. އެ ޓީމުން ވަނީ ރޫނީގެ އިތުރުން ބެލްޖިއަމްގެ ޒުވާން ފޯވާޑް ހެންރީ އޮންޔެކޫރޫ އާއި މަލާގާ އަށް ކުޅޭ ސްޕެއިނުގެ ޒުވާން ޓީމުގެ ފޯވާޑް ސަންޑްރޯ ރަމިރޭޒާއި އަޔެކްސްގެ ކެޕްޓަން ޑޭވީ ކްލާސެން އާއި ބާންލީ އަށް ކުޅޭ އިންގްލެންޑް ގައުމީ ޓީމުގެ ޑިފެންޑަރު މައިކަލް ކީން ގެނެސްފަ އެވެ. އަދި ސްވަންސީ ސިޓީ އަށް ކުޅޭ އައިސްލެންޑުގެ މިޑްފީލްޑަރު ގިލްފީ ސިގަޑްސަންއާ އެކު ވެސް އެ ޓީމުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.